ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީމް ޕްރޮގްރާމް ފެށުން

01/03/2017

ޤާނޫނު ނަންބަރު:  12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޕްރޮސިކިއުޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކަސްޓަމްސް ބިލްޑިންގ ގެ މީރުބަހުރު މާލަމުގައި މިއަދު ފަށައިފިއެވެ. ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޕްރޮސިކިއުޝަން ދާއިރާގެ 22 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފަކާ ޖުވެނައިލް ކޯޓުގެ 3 މުވައްޒަފުން މިބުރުގައި ބައިވެރިވެފައިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގި ޓީއޯޓީން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި، އެޕްރޮގްރާމްގެ ދަށުން ޓީއޯޓީންގެ ގޮތުގައި ތަމްރީންވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނެވެ.

ކޮންމެ ބުރެއްވެސް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ 2 ޖުލައި 2017 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، މިޤާނޫނުން ޖިނާއީ ޢަދުލުގެ ނިޒާމަށް ގެންނާނެ ބަދަލުތަށް ދެނެގަނެ، އެބަދަލުތަކަށް ފަރިތަވެ، އަދި ދުރާލާ މިޤާނޫނަށް އަހުލުވެރިވެ ތައްޔާރުވެގެން ތިބުމެވެ. މިޕްރޮގްރާމްގެ 2 ވަނަ ބުރު 2017 މާރިޗު 5 އިން 7 އަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.