ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ މަޢުލޫމާތު ކަރުދާހުގެ ފުރަތަމަ ކަރުދާސް އިފްތިތާޙްކުރުން

15/05/2017

ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތައްޔާރުކުރައްވާ މަޢުލޫމާތު ކަރުދާހުގެ ފުރަތަމަ ކަރުދާސް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާޙްކުރެވުނު މި ކަރުދާހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކުރެވޭ މަޢުލޫމާތު ކަރުދާސް ސީރީސްގެ ފުރަތަމަ ކަރުދާހެވެ. މިކަރުދާސް އިފްތިތާޙްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެ އިދާރާއަކުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ކަމާގުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވުނެވެ. އަދި މިދާއިރާއިން ކުރިއަށް ކުރަންހުރި ކަންކަމާގުޅޭގޮތުން ވާހަކަދެކެވި، މަޢުލޫމާތު ޙިއްޞާކުރެވުނެވެ.