ޕީޖީގެ ވާހަކަފުޅު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމަށް 2016 މާރިޗު 16 ވަނަ ދުވަހުގެރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ޙަފްލާގައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅު

`

އެންމެހާ ޙަމްދުޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް. ވަށައިގެންވާ ކާއިނާތު އެންމެ ފުރިހަމަ ގޮތުގެ މަތީން ތަރުތީބުކުރެއްވި ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން.

 

މިއުންމަތުގެ ކަންކަން ފުރިހަމަ މަގުން ތަންޒީމުކޮށް ކުރިއަށް ގެންދިއުމުގެ އިރުޝާދާއި ނަމޫނާ ދެއްކެވި ދެ ދޭހަށް ކައުކުރެއްވި މާތް ޞާޙިބާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާދަންނަވަން. މިދުޢާގައި އެކަލޭގެފާނުގެ ހިތްތިރި އާލުންނާ ކެތްތެރި ޞަޙާބީން ޝާމިލްކުރަން.

 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު. އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލް. ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. މިއޮޑީގެ ހީވާގި ފަޅުވެރިންކަމަށްވާ އަޅުގަނޑުގެ ލޮބުވެތި އެންމެހާ މުވައްޒަފުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުޙޫ.

 

މިޚާއްޞަ ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށާއި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާ ގުޅުން ހުރި ދާއިރާތަކުން މިޙަފްލާގައި ބައިވެރިވެ ވަޑައިގަންނަވާ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަން.

 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހަޔާތުގައި މިއީ އުފާވެރިކަމުން ފުރިގެންވާ، އަދި އެހާމެ ޚާއްޞަ ރެއެއް. މިރެއަކީ 2008 ވަނަ އަހަރު މި އޮފީސް އުފެދުނު ފަހުން، ކުރިއަށް ހުރި އަހަރުތަކުގައި އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ފުރަތަމަ ފަހަރަށް ވުޖޫދަށް ގެނެވުނު  ރޭ.

 

އާދެ! އޮފީހުގެ މަސައްކަތްތަކަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، 'ސްޓްރެޓީޖިކް ޕްލޭން' އިފްތިތާޙް ކުރެވުނު ރޭ.

 

މިރެއަކީ ޤައުމީ ދިދައާއެކު، އަމިއްލަ ދިދަދައެއްގެ ހިޔަލުގައި އޮފީހުގެ މަސައްކަތްތައް ފެށިގެންދާ  ރޭ.

 

މިރެއަކީ އޮފީހުގެ ކުލަ ރަސްމީކޮށް ކަނޑައެޅުމާ، މުޅިން އަލަށް ލޯގޯއެއް ބޭނުން ކުރަން ފެށުނު ރޭ.

 

މިރެއަކީ އޮފީހުގެ ވެބްސައިޓް ޒަމާނަށް އެކަށޭނަ އަދި ބޭނުން ކުރަން ފަސޭހަވާ ގޮތަށް އަލުން ފަރުމާކުރެވި ބޭނުންކުރަން ފެށުނު ރޭ.

 

މިރެއަކީ އޮފީހުގެ ރަސްމީ އަހަރީ ދުވަސް ކަނޑައެޅިގެންދާ ރޭ ވެސްމެ. ހަމައެހެންމެ، މިރެއަކީ އޮފީހުގެ ރެކްރިއޭޝަން ކްލަބްގެ ހިންގުން ގިނަދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނަރޭ. 

 

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ އޮނިގަނޑުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އެނިޒާމުގެ މުހިއްމު އެއް ތަނބު.

 

 އާދެ! ޖިނާއީ ޢަދުލުގެ ނިޒާމަކީ އެންމެހާ ފަރުދުންނާއި މުޅި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމާ ގުޅިފައިވާ ނިޒާމެއް. ޖިނާޢީ ޢަދުލުގެ ނިޒާމްގެ ތެރެއިން މިދެންނެވި ކަންކަން ފުރިހަމައަށް ޙާޞިލްކުރުމަށްޓަކައި މިއޮފީހުގެ މަސައްކަތްތަކަކީ އިންޞާފުވެރިކަމާއި މުޚްތަރިފްކަމާއެކު ކުރިއަށް ގެންދާ މަސައްކަތަކަށް ވުން ލާޒިމް.

 

ރައްޔިތުން ބަލައިގަންނަފަދަ އަދި އިތުބާރާއެކު ބަރޯސާވެވޭ ޕްރޮސިކިއުޝަންގެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހަރުދަނާގޮތެއްގައި ރާވާލެވިފައިވާ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ތަރުތީބުކުރެވި، ބައްޓަންކުރެވިފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އަޅުގަނޑު ދެކެން.

 

2008 ވަނަ އަހަރު އޮފީސް އުފެދުނު ފަހުން މިހާތަނަށް ޕްރޮސިކިއުޝަންގެ ޚިދުމަތް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ތަފާތު ގިނަ މަސައްކަތް ތަކެއް ކޮށްފައިވާކަން އަޅުގަނޑު ފާހަގަކުރަން. ނަމަވެސް ޕްރޮސިކިއުޝަންއާ ގުޅިގެން އަދި އޮފީހުގެ ހިންގުމުގެ ދާއިރާއާ ގުޅިގެން ޢަމަލުކުރަމުން އަންނަ ބައެއް އުޞޫލުތައް ފިޔަވައި ގިނަ އުޞޫލުތަކަކީ، ހަމައެކަނި ޢަމަލުކުރެވެމުންދާގޮތުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށްވާތީ، ގިނަ ގުނަ ގޮންޖެހުން ތަކެއް ކުރިމަތިވަމުން ދާކަން ފާހަގަކުރަން. ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން މިކަންކަމަށް ޙައްލުލިބިދޭނެ ގޮތަށް ކަންކަން ހިމަނާފައިވާނެ.

 

ސްޓްރެޓީޖިކް ޕްލޭންގެ ޕްރެޒެންޓޭޝަނެއް މީގެ ކުޑަ އިރުކޮޅެއް ކުރިން ތިޔަބޭފުޅުންނާ ޙިއްޞާކުރެވިފައި ވުމާއެކު މާ ތަފްޞީލްކޮށް އެ ޕްލޭންގެ ވާހަކަ މިމަޤާމުގައި އަޅުގަނޑު އަލުން ތަކުރާރުނުކުރި ކަމުގައި ވިޔަސް އެޕްލޭނާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން.

 

އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ގޮތުގައި އޮފީހުގެ ހިންގުން ހަރުދަނާކުރުމާ، ޕްރޮސިކިއުޝަން ހަރުދަނާކުރުމާ، އޯލްޓަރނޭޓިވް ޖަސްޓިސްގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސްޓްރެޓީޖިކް ޕްލޭންގަ އޮފީހުގެ ތަސައްވުރެއް އެކަށައެޅިފައިވާކަން އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފަހާގަކުރަން. އެގޮތުން، ޤާނޫނުގެ ޙުކޫމަތް ނަގަހައްޓާ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްޘީލުކުރުމުގައި ހާމަކަމާއި، ހަމަހަމަކަމާއެކު، ވަކި ފަރާތަކަށް ބުރަނުވާ، ތަންޒީމުކުރެވިފަވާ އެއްގޮތް އުޞޫލަކުން ކަންކުރާ، ޖަވާބުދާރީކުރެވެނިވި، މުޚްތަރިފް ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށްވުން ހިމެނޭ. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާނީ މިދެންނެވި އަސާސްތަކުގެ މަތީގައި ތިބެ ހަމަހަމަކަމާ، ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެތިބެ، އަވަސްކަމާއެކު ކަމަށް ދަންނަވަން.

 

އެންމެހާ ޙާޟިރީން. މި ސްޓްރެޓީޖިކް ޕްލޭނަށް ޢަމަލުކުރަން ފެށުމުން ޤާނޫނުއަސާސީއާއި ޤާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ޛިންމާތައް، ޤާނޫނުތަކާ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަން އިތުރަށް ފަސޭހަވެގެން ދާނެ. މުއައްސަސާގެ ހިންގުން ހަރުދަނާވެ، ޒަމާނީ ޓެކްނޮލޮޖީއާއި މުވާސަލާތީ ވަޞީލަތްތަކުގެ އެހީގަ، މަސައްކަތަށް އެކަށީގެންވާ މާހައުލެއް ބިނާކުރެވިގެން ދާނެ. ހަމަ އެއާއެކު އިންސާނީ ވަޞީލަތް ތަރައްޤީވެ، ހުނަރުވެރި ޤާބިލް މުވައްޒަފުންތަކެއް ހިމެނޭ ޓީމެއް އުފެދިގެން ދާނެ.

 

ހަމައެކަނި ސްޓްރެޓީޖިކް ޕްލޭނެއް ތަޢާރަފްކުރެވުމަކުން ހުރިހާކަމެއް ހައްލުވީ ކަމަކަށް އަޅުގަނޑު ނުދެކެން. ސްޓްރެޓީޖިކް ޕްލޭންގެ މަޤްޞަދު ޙާޞިލްވާނީ ޕްލޭން ފުރިހަމައަށް ތަންފީޒްކުރެވިގެން. އެކަމުގައި އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން އެންމެ މަތީ ދަރަޖައަށް ލިބިގެން. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ އެއީ. ހަމައެހެންމެ މިޕްލޭންގެ މަޤްޞަދު ޙާޞިލްކުރެވޭނީ، މިއޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި އެހެން މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި އެހެން މުއައްސަސާތަކާ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށްގެން. ޢަދުލުއިންސާފުގެ ނިޒާމަކީ ބޮޑު ނިޒާމެއް. މި ނިޒާމުގެ އެންމެ ސޯބެއް ގުޑައިނުލިޔަސް، ނުވަތަ، މަސައްކަތް ނުކުރިޔަސް، މުޅި ނިޒާމަށް އޭގެ ނޭދެވޭ އަސަރު ނުފޯރައެއް ނުދާނެ.

 

ދެން އަޅުގަނޑު އެއްޗެއް ދަންނަވާލާނީ މީގެ ކުޑަ އިރުކޮޅެއްކުރިން ތަޢާރަފްކުރެވިގެންދިޔަ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން.

 

2008 ވަނަ އަހަރު އޮފީސް އުފެދުނީއްސުރެ ފެށިގެން މިއޮފީހުގެ ލޯގޯއެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރެވޭ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެކަން ކަނޑައެޅިފައެއް ގޮސްފައެއް ނެތް. ނަމަވެސް އޮފީހުގެ މަސައްކަތާ އަދި ޕީއާރް އާ ގުޅުން ހުރި އެކި ކަންކަމުގަ ބޭނުން ކުރާނެ ލޯގޯ އެއް އޮތުމުގެ މުޙިއްމުކަމަށްޓަކާ، އޮފީހުގެ މަސައްކަތާ ގުޅުންހުރި، ބޭނުންކުރަން ފަސޭހަ އަދި ޒަމާނީ ލޯގޯ އެއް ފަރުމާ ކުރުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ ކުރެވި، އެ ލޯގޯ ބޭނުން ކުރަން ފެށިފައިވާކަން ވަރަށް އުފަލާއެކު ފާހަގަކުރަން.

 

2008 ވަނަ އަހަރު އޮފީސް އުފެދުނީއްސުރެ ފެށިގެން އޮފީހުގެ ކުލައެއްގެ ގޮތުގައި ނުރަސްމީ ކޮށް ބޭނުން ކުރަމުން ގޮސްފައިވަނީ މެރޫން ކުލަ ނަމަވެސް މިހާރު މިވަނީ މެރޫން ކުލައާއި ސިލްވަރ ކުލަ ހިމެނޭ ގޮތުން އޮފީހުގެ ރަސްމީ ކުލަ ކަނޑައެޅިފަ. މިއީ އޮފީހާއި އޮފީހުން ބޭރުގެ ހަރަކާތްތަކުގައި އޮފީސް ތަމްޡީލްކުރުމުގައި އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން.

 

އޮފީހުގެ ލޯގޯ އެކޭ އެއްފަދައިން އޮފީހަށް ޚާއްޞަވާ ދިދައެއް ހުރުމުގެ މުހިއްމުކަމަށްޓަކާ، އޮފީހުގެ ލޯގޯ އާ ކުލަތައް ހިމެނޭ ދިދައެއް މިވަނީ ތަޢާރަފް ކުރެވިފައި. މިއީ އޮފީހުގެ ހައިބަތަށާއި އޮފީހުން ބައިވެރިވާ ތަފާތު ހަރަކާތްތަކަށް އިތުރު ދިރުމެއް ގެނެސް ދޭނެ ކަމެއް ކަން އަޅުގަނޑު ފާހަގަކުރަން.

 

ޒަމާނީ ފެންވަރަށް ފަރުމާކުރެވި މިރޭ އިފްތިތާޙްކުރެވިގެންދިޔަ މިއޮފީހުގެ އައު ވެބްސައިޓަކީ އޮފީހުން އާއްމުކޮށް ފޯރުކޮށްދޭން ބޭނުންވާ ޚަބަރާ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށާ، އޮފީހުގެ ޚިދުމަތް ވެބްސައިޓް މެދުވެރިކޮށް ދެވެން ހުންނަ ކަންކަމުގަ، އަވަސް ކަމާއި ފުރިހަމަ ކަމާއެކު ފޯރު ކޮށްދިނުމަށް ކުރެވުނު ވަރަށް މުޙިއްމު މަސައްކަތެއް ކަމުގަ އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުގެ އުއްމީދަކީ މިވެބްސައިޓަކީ، މިވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކަށް، ބޭނުންކުރައްވަން ފަސޭހަ، އަދި މިއޮފީހާ ގުޅުވައިދޭ މުހިންމު ވަޞީލަތަކަށް ވެގެންދާނެކަމަށް.

 

އޮފީހުގެ ރެކްރިއޭޝަން ކްލަބްގެ ހިންގުން ގިނަދުވަސްތަކެއް ވަންދެއް ހުއްޓިފައި އޮތުމަށް ފަހު އަލުން ހަރަކާތްތެރި ކްލަބަކަށް ވެގެން ދިއުމަކީ، މުވައްޒަފުންގެ އެކުވެރިކަން އިތުރަށް އާލާކޮށްދީ، އޮފީހުގެ މަސައްކަތްތަކާ އިތުރު ހަރަކާތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ކަމެއް. މިއޮފީހުގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުންކަން ކަށަވަރު. މުވައްޒަފުންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމަށް ކްލަބްގެ ހިންގުން ހަރުދަނާވެ ޙަރަކާތްތައް އިތުރުވެ، އަދި ފުޅާވެގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް.

 

ހަމަ މިމޭރުމުން، ދެންވެސް އަޅުގަނޑު ޙިއްޞާކޮށްލަން އޮތީ މުވައްޒަފުންނަށް އުފާވެރިކަމެއް ލިއްބައިދިނުމުގެ އިތުރުން އޮފީހުގެ މަސައްކަތަށް އިތުރު ހަރުދަނާކަމެއް ގެނެސްދޭނެ ކަމެއްގެ ވާހަކައެއް. އެއީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މިއޮފީހުގެ މުވައްޒަފުންގެ ތެރެއިން ސްޓާފް އޮފް ދަ އިޔަރ ހޮވާ ވާހަކަ. އަޅުގަނޑުގެ އުއްމީދަކީ މިކަމުގެ ސަބަބުން ތިޔަ މުވައްޒަފުންގެ މެދުގައި އުފެދޭ އެކުވެރި ވާދައިގެ ރޫޙުން މަސައްކަތަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔުން.

 

މިދެންނެވި ވާހަކަތަކުގެ އިތުރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި ބަންޑާރަ ނައިބު ޙާޟިރުވެވަޑައިގެން ތިއްބެވި މިފަދަ ޚާއްޞަ މުނާޞަބަތެއްގައި މިއޮފީހަށް ދިމާވެފައިވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ޙިއްޞާކޮށްލުމަކީވެސް ހަމަ އެންމެ ހެޔޮ އަދި މުނާޞަބު ގޮތް ކަމުގައި އަޅުގަނޑު ދެކެން.

 

ޖިނާއީ ޢަދުލުގެ ނިޒާމަށް ވަކިން ޚާއްޞަކޮށް ޕްރޮސިކިއުޝަންގެ މަސައްކަތަށް ބޭނުންވާ މުހިއްމު ބައެއް ޤާނޫނުތައް ފާސްވެފައި ނެތުމުން މިއޮފީހުގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތެއްގައި ކުރިއަށްގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރަން. އެހެންކަމުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނާއި، ވިޓްނަސް ޕްރޮޓެކްޝަން ޤާނޫނުފަދަ މުހިއްމު ޤާނޫނުތައް އަވަހަށް ތަޢާރަފްވެގެން ދިއުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމުގައި ދެކެން.

 

މިހާރު ޢަމަލުކުރަމުންދާ، ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތަކީ 2008 ވަނަ އަހަރު ބަންޑާރަ ނައިބު ކަނޑައަޅުއްވާފައިވާ ސިޔާސަތަކަށްވެފައި، 2008 ގެ ފަހުން މިހިނގާދިޔަ މުއްދަތުގައި ޤާނޫނީ ނިޒާމަށާއި، ކުށުގެ ބާވަތާއި ނިސްބަތަށް އައިސްފައިވާ ބަދަލަށް ބަލާއިރު، މިހާރު އޮތް ސިޔާސަތަކީ މިއަދުގެ ޙާލަތަށް އެންމެ އެކަށޭނަ ގޮތަކަށް އޮތް ސިޔާސަތެއްކަމުގައި ނުވާތީ، އެސިޔާސަތު އަލުން މުރާޖަޢާކުރަން ޖެހިފައިވާކަން އަޅުގަނޑު ފާހަގަކުރަން.

 

މީގެ އިތުރުން، މިއޮފީހުގައި ތިއްބެވި ޕްރޮސިކިއުޓަރުންގެ ނިސްބަތަކީ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ވަކާލާތުކުރުމަށްޓަކައި ޙާޟިރުވާންޖެހޭ އަޑުއެހުންތަކާ އަޅައިބަލާއިރު އެކަށީގެންވާ ޢަދަދެއްނޫން. މިހެންކަމުން އިންސާނީ ވަޞީލަތް އިތުރުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި މަސައްކަތްތަކެއްކުރަންޖެހޭކަންވެސް އަޅުގަނޑު ފާހަގަކުރަން.

 

އާދެ! ދެން ދަންނަވަން އޮތީ ވަރަށް ޚާއްޞަ ވާހަކައެއް. ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި. ލޯގޯ ޑިޒައިންކުރުމާއި. އައު ވެބްސައިޓް ހެދުމާއި. ދިދައިގެ މަސައްކަތަކީ އޮފީހުގެ މުވައްޒަފުންގެ ސަތޭކަ ޕަސަންޓް އަމިއްލަ މަސައްކަތްތަކެއް. އެކަމަށް ވަރަށް ގިނަ ވަގުތުތަކެއް އެމުވައްޒަފުންގެ އަމިއްލަ ވަގުތުގެ ތެރެއިންވެސް ހޭދަ ކޮށްދެއްވާފައިވޭ. ވީމާ، މިއޮފީހުގެ ފަންނުވެރި މުވައްޒަފުން ކޮށްދެއްވާފައިމިވާ ފުރިހަމަ މަސައްކަތް ފާހަގަކޮށް، އެމުވައްޒަފުންނަށް ވަރަށްވެސް ޚާއްޞަކޮށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން. 

 

އަޅުގަނޑުގެ ދުޢާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ސްޓްރެޓީޖިކް ޕްލޭންއާ އެއްގޮތަށް ކުރިޔަށް ގެންދިއުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން. މިއޮފީހުގެ މަސައްކަތްތައް މި ޕްލޭންގެ ސަބަބުން އިތުރަށް ހަރުދަނާކުރެވި އެމަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންގައި ލަޔާޤަތާއި ޤާބިލިއްޔަތު އިތުރުވަމުން ދިއުން. މާތްﷲ އަޅުގަނޑުމެންގެ މިމަސައްކަތުގައި އަބަދުމެ ބަރަކާތްލައްވައި، ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި. އާމީން!

 

މި ޙަފްލާއަށް ވަޑައިގެންދެއްވީތީ ތިޔަ އެންމެހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ފަށްފަށުން ޝުކުރިއްޔާ!

 

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ!