ޕީޖީގެ ވާހަކަފުޅު

އިންސާނީ ވަގުފާރިއަށް މީހުން ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 2016 އޭޕްރީލް 4 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅު

`

އެންމެހާ ޙަމްދުޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމާ ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް، މިޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު ޢާލުންނާ މިތުރު ޞަޙާބީން ޝާމިލްކުރަން.

 

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސަޢީދު. ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލް. ދައުލަތުގެ ވަޒީރުން،ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު.

 

މިރެއަކީ ވަރަށްވެސް އުފާވެރި ޝުޢޫރުތަކެއް އާލާވެގެންދާ ރެއެއް. އަޅުގަނޑުމެންގެ ޤައުމަށް ދިމާވެފައިވާ އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް އައު ބޮޅެއް އިތުރުވެގެންދާ ތާރީޚީ ރެއެއް.

 

ދިވެހި ޤައުމުގެ އިޖުތިމާޢީ ފޭރާން ރިވެތިކޮށް، އިޖުތިމާޢީ ބަލިތަކަށް ހޭލުންތެރި ރައްޔިތަކަށް އަޅުގަނޑުމެން ވުމަށްޓަކައި ކުރަމުންމިދާ ދަތުރުގެ ދުވެއްޔަށް އިތުރު ހަލުއިކަމެއް ގެނެސްދޭ ކުލަގަދަ ރެއެއް.

 

މިރޭ އިފްތިތާޙްކުރެވުނު ކަންތައްތަކުގެ ތެރެއިން، Labour and Migration ގެ ނަމުގައި ތަޢާރަފްކުރެވުނު ލުއި ފޮތަކީ އަޅުގަނޑު ހިތުން އެކަމަކަށް ގިނަ އިންތިޒާރުތަކެއް ކުރެވުނު، ބޭނުންތެރި ޕަބްލިކޭޝަނެއް.

 

މިޕަބްލިކޭޝަން މެދުވެރިކޮށް އިންސާނީ ވަގުފާރީގެ ޢަމަލުތައް މަދުކުރުމަށާއި، އެފަދަ ޢަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް  ޢާންމުކުރެވިގެންދާނެ.

 

މި ޕަބްލިކޭޝަން މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަށް ވާޞިލްވަމުންދާ މިންވަރު ވަޒަންކުރެވި، ހޭލުންތެރި މުޖުތަމަޢަކަށް އަޅުގަނޑުމެންވުމަށްޓަކައި ކުރަމުންމިދާ މަސައްކަތަށް އިތުރު ބާރެއް ގެނުވާނެ. ވުމާއެކު އަޅުގަނޑު ސިފަކުރާ ހިތްވަނީ މިއީ ގިނަ އުއްމީދުތަކަކާ ގުޅިފައިވާ ޕަބްލިކޭޝަނެއްގެ ގޮތުގައި.

 

އިންސާނީ ވަގުފާރީގެ ޢަމަލުތައް ރިޕޯޓުކޮށް އެފަދަ ޢަމަލުތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ތަޢާރަފްކުރެވިގެން މިދިޔަ ހޮޓްލައިނަކީވެސް ނުހަނު މުހިއްމު ވަޞީލަތެއްކަމާމެދު ޝައްކެއް ނެތް. މި ހޮޓްލައިނާއި ހިއުމަން ޓްރެފިކިންގ އާބެހޭ ލުއި ފޮތް ނެރުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އަމިއްލަފުޅު އިސްނެންގެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސަޢީދަށް ވަރަށް އިޚްލާސްތެރި މުބާރަކްބާދީއަކާއި ޝުކުރެއް ދަންނަވަން.

 

އިންސާނީ ވަގުފާރިއާ ގުޅުންހުރި މަޢުލޫމާތު ޢާންމު ފަރުދުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ޕަބްލިކް ސަރވިސް މީޑިއާއާއި އެމްއޯޔޫއެއްގައި މިރޭ ސޮއި ކުރެވިގެން ހިނގައްޖެ.

 

މިފަދަ އެމްއޯޔޫތަކުން މަގުކޮށަނީ އަޅުގަނޑުމެން ހާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް      collaborative effort އެއް ލުމަށްކަމަށާއި، އަދި ދިމާވާ ގޮންޖެހުންތައް ގުޅިގެން ގިރާކުރުމަށްޓަކައިކަން ފާހަގަކުރާ ޙާލު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސަޢީދާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލަށް މިރޭ ސޮއިކުރެވިގެން މިދިޔަ އެމްއޯޔޫ ވުޖޫދުވުމުގެ އުފަލުގައި ހިތުގެ އެންމެ ފުންމިނުން މަރުޙަބާއާއި ޝުކުރު ދަންނަވަން.

 

އާދެ! އިންސާނީ ވަގުފާރިއަކީ އެހެން ޖިނާއީ ކުށްތަކާ ޚިލާފަށް ޢާންމު ގޮތެއްގައި މަދުވެގެން ދެ ޤައުމެއް ޝާމިލްވާ ގޮތުން ކުރެވޭ ކުށެއް. މިފަދަ ކުށްތައް ކުރާ ފަރާތްތަކަކީ ރޭވުންތެރިކަމާއެކު ވަޞީލަތްތައް ބޭނުންކޮށްގެން ޤާނޫނު ތަންފީޛްކުރާ އިދާރާތަކަށް އޮޅުވާލައިގެން އެމީހުން ބޭނުންވާ މަޤްޞަދު ޙާޞިލްކުރުމަށް މަސައްކަތްކުރާ ބައެއް. މިކުށް ކުރާ ފަރާތްތަކާމެދު ޙައްޤު ފިޔަވަޅު އެޅުމަށްޓަކައި އަޅުގަނޑުމެން ތިބެންޖެހޭނީ އަބަދުމެ ފާރަޔަށް، ތައްޔާރީ ޙާލަތުގައި.

 

ކުށްކުރީ ކިހިނެއްތޯ ހޯދާ ބަލައި، ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރު ނުކުރެވޭނެކަން ޔަޤީންކުރުމަކީ އަޅުގަނޑުމެންގެ ޛިންމާއެއް.

 

ކުށުގެ ޢަމަލު ފުރިހަމަވަނީ ދެ ޤައުމެއްގައި ކުރާ ކަންތައްތަކެއްގެ ސަބަބުންކަމުގައިވާތީ، ކުށްކުރި ފަރާތް ކާމިޔާބުކަމާއެކު ޕްރޮސިކިއުޓްކުރެވޭނީ އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ އެއްބާރުލުންވެސް ފުރިހަމަ ގޮތުގައި ލިބިގެންކަން އަޅުގަނޑު ފާހަގަކުރަން.

 

ވަގުފާރީގެ ކުށަކީ އިންސާނީ ކަރާމާތް ނަގާލައި، އިންސާނިއްޔަތާ ޚިލާފަށް ކުރާ ކުށަކަށްވާއިރު، މިފަދަ ޚުޠޫރަތްތެރި ކުށެއް އަޅުގަނޑުމެންގެ މުޖުތަމަޢިން ނައްތާލެވޭނީ އަޅުގަނޑުމެން އެންމެންވެސް ގުޅިގެން މަސައްކަތްކުރުމުން ކަމާމެދަކު ޝައްކެއް ނެތް. އަދި ވަކިން ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވަގުފާރީގެ ކުށް މިޤައުމުން ނައްތާލުމުގައި އެކި މަސައްކަތްކުރުމަށް މިޤައުމަށް ބިދޭސީން ރެކްރޫޓްކޮށް ގެންނަ ފަރާތްތަކަކީ މިމަސައްކަތުގައި ވަރަށް މުހިއްމު ބައިވެރިއެއް.

 

އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާ ނުލައި އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ. އެހެންކަމުން އެފަރާތްތައް ކަމާގުޅޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެ، ވަގުފާރީގެ ކުށް މިޤައުމުން ނައްތާލުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ޕްރޯ އެކްޓިވް ދައުރެއް އަދާކޮށް، އަޅުގަނޑުމެންގެ މި މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމަށް އެފަރާތްތަކުގެ ކިބައިން އަޅުގަނޑު އެދެން.

 

އިންސާނީ ވަގުފާރި ހުއްޓުވަންޖެހޭ މުހިއްމު އެހެން ސަބަބެއްވެސް އޮވޭ. 21 ވަނަ ޤަރުނުގައި ދުނިޔެ ދެކެމުން މިދާ ތަރައްޤީއާ އެއްހަމާގައި އަޅުގަނޑުމެންނަށް ފައިތިލަ ސާބިތުކުރެވޭނީ ވަރަށް ބޮޑެތި ޤުރުބާނީތަކަކާ މަސައްކަތްތަކުން. ދިވެހިރާއްޖެއަކީ ވަޞީލަތްތައް މަދު ޤައުމަކަށްވީ ހިނދު، އެކި ދާއިރާތަކުން އަޅުގަނޑުމެންނަށް ހޯދިފައިވާ ހޯދުންތަކާ ލިބިފައިވާ ތަޖުރިބާވެސް މަދު. އަޅުގަނޑުމެންގެ ތެރެއިން މަދުވާ ކަންކަން ފޫބެއްދުމަށްޓަކައި ބޭރު ޤައުމުތަކުގެ އެހީތެރިކަން އަޅުގަނޑުމެން ހޯދަންޖެހޭ. އެ އެހީތެރިކަން އަޅުގަނޑުމެން ހޯދާނަމަ، މިޤައުމަކީ ބޭރު ފަރާތްތައް ހިޖުރަކޮށް ދިރިއުޅެން އަމާން އޮމާން ވެއްޓެއް ޤާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ހަދަންޖެހޭ.

 

އަޅުގަނޑުމެންގެ މުޖުތަމަޢަކީ ކުށް ގިނަ އަޚްލާޤެއް ނެތް މުޖުތަމަޢަކަށްވާނަމަ އެކަމުގެ ދެރައާއި ހިތި ލިބޭނީ ޚުދު އަޅުގަނޑުމެންނަށް. އަޅުގަނޑުމެންނަކީ ބޭރުގެ މަސައްކަތްތެރީންނަށް މަރުޙަބާ ކިޔާ، ޤައުމު ބިނާކުރުމުގައި އެމަސައްކަތްތެރިންގެ އަގު ވަޒަންކުރާ ބަޔަކަށް ވާންޖެހޭ.

 

 އާދެ! އަޅުގަނޑުމެންނަށް އެކަން ހާޞިލްކުރެވޭނީ އިންސާނީ ވަގުފާރި ފަދަ ކުށްތައް މިޤައުމުން އެއްކޮށް ނައްތާލެވިގެން.

 

އާދެ! އިންސާނީ ވަގުފާރީގެ ކުށުގެ އިތުރުން، އެހެނިހެން ޖިނާއީ ކުށްތައް މަދުކުރުމަށްޓަކައިވެސް އަޅުގަނޑުމެން ކަޑައްތުކުރަންޖެހޭ ހަރުފަތްތައް އަދިވެސް ގިނަ. ލިބިފައިވާ މަދު ވަޞީލަތްތަކާއި، ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އަޅުގަނޑުމެން ކުރަންޖެހޭ ދަތުރު އަދިވެސް ދިގު.

މިދަތުރު އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނީ ނަގާ ރާޅުތަކަށް ފަރުވާލެއް ނެތި، މާވަހިތަކާ އެއްދުވެއްޔެއްގައި އަޅުގަނޑުމެން ކުރިއަށް ގޮސްގެންކަން ޝައްކެއް ނެތް.

 

ޤައުމެއްގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ އެޤައުމެއްގެ ދިރިއުޅުމުގެ ޙާލަތު ދެނެގަންނާނެ އެންމެ މުހިއްމު އެއް ވަޞީލަތް. އެއީ މުޖުތަމަޢުގެ ކަންބޮޑުވުންތަކާ ކެކުޅުންތައް ދައްކުވައިދޭ ލޯގަނޑު. ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރުބަލިކަމެއް ނެތި ގިނަ ކަންތައްތަކެއް ކުރެވިގެން އެބަދޭ. ގަހެއް އިންދުމަށްފަހު އެގަސް ފޯދި އެއިން މޭވާ ލިބުމަށްޓަކައި ވަގުތުތަކެއް ނަގާ ބީދައިން، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތުގެ ފޮނި ނަތީޖާ ވަގުތުން ވަގުތަށް ނުފެނި ހިނގައިދާނެ.

 

އެހެންނަމަވެސް، ވަރުގަދަ ޢަޒުމެއްގައި އިޚްލާސްތެރިކަމާއެކު ކުރާ ކަންކަމުގެ ނަތީޖާ މާތް ﷲ ގެ އިރާދަފުޅުން ފެންނާނެ.

 

އާދެ! ދިމާވެފައިވާ ގޮންޖެހުމެއް ނައްތާލުމަށްޓަކައި އަޅުގަނޑުމެން މިރޭ މިފެށި މަސައްކަތަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ކުރިއަށްދާ ކަމަކަށްވާތީ ޖުމްލަކޮށް އެ އެންމެހާ ފަރާތްތަކަށް މުބާރަކްބާދީ އަރިސްކުރުމަކީ އަޅުގަނޑު ވާޖިބެއްކަމުގައި ދެކެން.

 

އަދި، މިޙަފްލާ ޝަރަފްވެރިކުރުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި އޮނަރަބްލް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދަށްވެސް މިނޭވާގައި ޝުކުރު ދަންނަވަން.

 

ތިޔަ އެންމެހާ ބޭފުޅުން ފަދައިން، އަޅުގަނޑުގެވެސް އުއްމީދަކީ ދިވެހި މުޖުތަމަޢަކީ އަމާން އޮމާން ވެއްޓެއްކަމުގައި ހެދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވުން.

 

މިމަސައްކަތުގައި ވާގިވެރިވުމަށް ދުޢާ ދަންނަވާ ހާލު އަޅުގަނޑުގެ ވާހަކަ ކުރު ކޮށްލަން. ވައްސަލާމްޢަލައިކުމް.