ޕީޖީގެ ވާހަކަފުޅު

2016 ޖޫން 15 ވަނަ ދުވަހުގެރޭ ސްޓެލްކޯ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ޑިމޮކްރަސީ ހަފްތާގެ ޑީ-ބްރީފިންގ ސެޝަން ޝަރަފުވެރިކޮށްދެއްވައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅު

`

އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވާ ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި އެކަލާނގެ މިއުއްމަތަށް ކައުކުރެއްވި މާތް ޞާޙިބާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

 

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އައްޝައިޚް އަޙްމަދު ސުލައިމާން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު އިސްމާޢީލް، މިޙަފްލާއަށް ޙާޟިރުވެ ވަޑައިގެންތިއްބެވި ޢިއްޒަތްތެރީން އަދި އެންމެހާ ޙާޟިރީން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކެނީ، އަޅުގަނޑުމެން ހޭދަކުރަމުންމިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުންތައް ތިއެންމެހާ ބޭފުޅުންނަށް އަރިސްކުރުމާއެކު، މިބަރަކާތްތެރި މަހުގެ ހެޔޮ ދަރުމައާއި ތައުފީޤް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވައި، އަޅުގަނޑުމެންނީ މިމާތްމަހުގެ ފުރިހަމަ ބޭނުންހިފައި، އޭގެން މަންފާ ލިބެނިވި ބައެއްކަމުގައި ލެއްވުންއެދި މާތްﷲ ގެ ޙަޟްރަތުގައި ދެންނެވުން. އަދި ހަމައެއާއެކު މިރޭގެ މިޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އަޅުގަނޑަށް ދަޢުވަތުދެއްވީތީ އިލެކްޝަންސް ކޮމިޝަނަށް ޝުކުރު ދަންނަވަން.

 

އާދެ. މިރޭގެ މިޙަފްލާ ޚާއްޞަކުރެވިފައިމިވަނީ 2016 ފެބުރުވަރީ 14 އިން 20 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިޒާމްކުރައްވައިގެން ހއ. ހޯރަފުށީގައި ކުރިއަށްގެންދެވި ޑިމޮކްރަސީ ހަފްތާގެ      ޑީ-ބްރީފިންގ ސެޝަނެއްގެ ގޮތުގަ. ޑިމޮކްރަސީ ހަފްތާ ވެގެންދިޔައީ އެއްވެސް ޝައްކެއްނެތްގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކުރެއްވި ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގަ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސްވާނީ މިޙަރަކާތުގައި ބައިވެރިވެފައި. އަޅުގަނޑުމެންގެ ފަރާތުންވެސް ނެގި މުވައްޒަފުންގެ ޓީމެއް އެޙަރަކާތުގައި ބައިވެރިވެ، އޮފީހުގެ ސްޓޯލެއް ހަދައި، އެސްޓޯލަށް ޒިޔާރަތްކުރި އެކިފަރާތްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ ތެރެއިން އިލެކްޝަނާގުޅޭ ކުށްތަކާބެހޭ މަޢުލޫމާތާއި އެނޫންވެސް ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީފައިވާނެ. އަޅުގަނޑު ފާހަގަކޮށްލަންބޭނުން، ގިނަ އިދާރާތަކެއް މިޙަރަކާތުގައި ބައިވެރިވެފައިވާކަން. އޭގެންވެސް އެނގިގެންގޮސްފައިވަނީ މިމަސައްކަތުގެ މުހިންމުކަން.

 

އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ހެޔޮ ޑިމޮކްރަސީއަކީ ޤައުމެއްގެ ބިނާކުރަނިވި ތަރައްޤީއާއި، ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު އެއް އަސާސްކަން. އެކަމަކު ޑިމޮކްރަސީއެއްގެ ފުރިހަމަ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ ޤައުމުގެ ކަންކަން ހިންގުމުގައާއި ރައްޔިތުންގެ ކިބައިގައި ޑިމޮކްރަސީގެ ސިފަތައް އަށަގަނެ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ފުރިހަމަގޮތުގައި ކަންކަން ތަންޒީމްވެގެން ދިޔުމުން. މީގެ ތެރެއިންވެސް އެންމެ މުހިންމު ބަޔަކީ ޤައުމެއްގެ ރައްޔިތުން. ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތައް ޤަބޫލުކުރާ، އެހަމަތައް ދަންނަ ބަޔަކަށް ވާންޖެހޭ. ޑިމޮކްރަސީއެއްގައި އެރައްޔިތުންނަށް އޮތް ޙައްޤުތަކަކީ ކޮބައިކަމާއި، ޛިންމާތަކަކީ ކޮބައިކަން އެނގެންޖެހޭ. އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވެންޖެހޭ. އެގޮތުން ތަޢުލީމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެކި ޙަރަކާތްތައް މުހިންމުވެގެންދަނީ މިދެންނެވި ސަބަބަށްޓަކައި.

 

ޑިމޮކްރަސީގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ފްރޭންކްލިން ޑީ. ރޫޒެވެލްޓް ވިދާޅުވެފައިވާ ބަސްފުޅެއްގައިވަނީ:

Democracy cannot succeed unless those who express their choice are prepared to choose wisely. The real safeguard of democracy, therefore, is education.

 

އަޅުގަނޑުމެންގެ މިކުޑަ ރާއްޖެއަކީ ޑިމޮކްރަސީގެ އުޞޫލުތައް އޭގެ ފުރިހަމަގޮތުގައި ތަންފީޛްކުރުމާއި، އެހަމަތަކުގެ މަތިން އަޅުގަނޑުމެންގެ ކަންކަން ބައްޓަންކުރުމުގެ ދަތުރުގައި އޭގެ މިސްރާބަށް ދިޔުމުގެ މަގުމަތީގައިވާ ޤައުމެއް. އަޅުގަނޑުމެންގެ ދަތުރު އަދި ނުނިމޭ. އެހެންކަމުން، މިމަރުޙަލާގައި އަޅުގަނޑުމެންކުރާ ކަންކަމުން ދަސްކުރާންޖެހޭ ފިލާވަޅުތައް ހުންނާނެ. އަޅުގަނޑުމެންނަށް ކުރެވޭ ތަޖުރިބާއިން ޢިބްރަތް ލިބިގަނެގެން، ކުރިމަގަށް ކަންކަން އިތުރަށް ރަނގަޅުކުރުމަށް ރޭވެންޖެހޭނެ.

 

ޑިމޮކްރަސީއެއްގައި މިނިވަން އިންތިޚާބަކީ އެއާނުލާ ޑިމޮކްރަސީ ފުރިހަމަނުވާނެކަމެއް. އެހެންކަމުން، އިންތިޚާބުތަކާގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއި އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އޭގެ ބޭނުންތެރިކަން ނުހަނުއޮތް، މުހިންމު މަސައްކަތްތަކެއް.

 

އާންމުން ހޭލުންތެރިކުރެވިގެން، އެފަރާތްތަކުން ފަރުދީގޮތުން ޛިންމާދާރުވެގެން މެނުވީ އަޅުގަނޑުމެން މިއެދޭ ފުރިހަމަ ޑިމޮކްރަސީއެއްގެ ސިފަޖެހިގެންވާ އިންތިޚާބުތަކެއް ބޭއްވިގެންނުދާނެ. ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤުތަކެއްވާކަން އެނގޭ ފަދައިން، ޛިންމާތަކެއްވެސް މަތިކުރެވިގެންވާކަން ވިސްނި، އެރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ ވޯޓުލުމުގެ ޙައްޤު ޛިންމާދާރުކަމާއެކު ބޭނުންކުރުމަކީ މުހިންމު ކަމެއް. އިންތިޚާބާގުޅިގެން ޝަކުވާ ހުށަހަޅައި، އެކަންކަން ބެލުމަށްއޮންނަ ނިޒާމް އިހުނަށްވުރެ ހަރުދަނާކުރެވި، ދެފުށްފެންނަ އިންތިޒާމެއްގެ ތެރެއިން ކަންކަން ތަރުތީބުކުރެވިގެންދިޔުމަކީ ނުހަނު ބޭނުންތެރިކަމެއް. އަދި ހަމައެފަދައިން، އިންތިޚާބުތަކާގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުމަކީވެސް ކޮންމެހެން ބޭނުންވާނޭކަމެއް.

 

މިމަގުން ކަންކަން ތަރުތީބުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، އެކޮމިޝަންގެ މެންބަރުންނަށާއި، ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އަދަށްވުރެ ފެހި މާދަމައެއް ދެއްކެވުން. މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

 

ހުރިހާ ބޭފުޅުންނަށްވެސް ރަމަޟާން މުބާރިކް.

 

.ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ