ޕީޖީގެ ވާހަކަފުޅު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މުއައްސަސާތައް ތަމްރީންކުރުމަށްޓަކައި ބޭއްވުނު ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅު- 2 ފެބުރުވަރީ 2017

`

އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވާ ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. އަދި އެކަލާނގެ މިއުއްމަތަށް ކައުކުރެއްވި މާތް ޞާޙިބާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

 

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ، ޑެޕިއުޓީ އެޓަރނީ ޖެނެރަލް، ލޯ އެންފޯސްމަންޓް އިދާރާތަކުގެ އިސްވެރިން، މިނިވަން މުއައްސަސާތަކުގެ އިސްވެރިން އަދި މިރަސްމިއްޔާތަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

މިއަދުގެ މިރަސްމިއްޔާތަކީ ދިގު އިންތިޒާރަކަށްފަހު އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ބޭއްވޭ ރަސްމިއްޔާތު.

 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގައި ޖިނާއީ ކުށްކުށާގުޅޭގޮތުން އެކިފަރާތްތަކުގެ މައްޗަށްކުރެވޭ ތުހުމަތުތަކާގުޅޭ ތަޙްޤީޤްތައް ހިންގުމުގައާއި، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގައާއި، އެދަޢުވާތަކާގުޅޭ ޝަރީޢަތްތައް ހިންގުމުގައި، މިހާތަނަށް ޢަމަލުކުރަމުން މިއަންނަ ގޮތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޤާނޫނެއް. އެގޮތުން މިޤާނޫނު ވެގެންދާނީ މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްލާނެ ޤާނޫނަކަށް. އެސަބަބަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހުރިހާ ބައިވެރިންވެސް މިޤާނޫނުން ތަރުތީބުކުރާނެ އިޖުރާއާތާއި، ފިޔަވަޅުތަކަށާއި އަދި މިޤާނޫނުން މަތިކުރާނެ ޛިންމާތަކަށް އަހުލުވެރިވެ، އެކަންކަމަށް ފަރިތަވެފައި ތިބުން އެއީ ނުހަނު ބޭނުންތެރިކަމެއް.

 

އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން މިފަދަ ޤާނޫނެއްގެ ބޭނުންތެރިކަން. ނިޒާމުގެ ތެރޭގައި ތިބި އެކިއެކި ބައިވެރިން، އެބައިވެރިންގެ ދައުރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި، ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރެވި ލިޔެވިފައި އޮތުމުގެ މުހިންމުކަން އަޅުގަނޑުމެން ޤަބޫލުކުރަން. ތަޙްޤީޤް މަރުޙަލާ ކުރިއަށްގެންދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަރާތްތަކުން މަސައްކަތްތައް ނިންމަންޖެހޭ މުއްދަތުތައް މިޤާނޫނުން ބުނެދޭނެ.

 

ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާއި ފުރުޞަތުތަކާއި، ތުހުމަތު އުފުލިފައިވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގައި ޢަމަލުކުރެވޭނެ ގޮތްތަކާއި، ދަޢުވާއެއްކުރުމަށްފަހު ދެން އެއަށް ބަދަލެއް ގެންނަނަމަ ވާންޖެހޭނެ ގޮތާއި، ޖިނާއީ ކުށްކުށުގެ ޝަރީޢަތުގެ މަރުޙަލާގައި ކަންހިނގާނެ ގޮތްތައް މިޤާނޫނުގައި ބުނެދޭ.

 

މިގޮތަށް ތަރުތީބުކުރެވި ލިޔެވިފައިވާ އިޖުރާއީ ޤާނޫނެއް ނެތުމުގެ ދަތި އެތަކެއް އަހަރަކު ތަޙައްމަލުކުރުމަށްފަހު، އެ އެންމެހާ ދަތިތަކަށް ހައްލަކަށް މިޤާނޫނު ވެގެންދިޔުން އެއީ މިޤާނޫނުގެ އެންމެ ބޮޑު އެއް މަޤްޞަދުކަމުގައި ދެކެން.

 

އެގޮތުން މިޤާނޫނަކީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ. އެކަމަށްޓަކައި ބަންޑާރަނައިބާއި އެމަނިކުފާނުގެ ޓީމުން ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރާއި މުބާރިކުބާދީ އަރިސްކުރަން.

 

އެކަން ފާހަގަކުރުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުން. މިފަދަ ޤާނޫނެއް ވުޖޫދުވެގެން އަންނައިރު، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމަކީ ނުވެނުދާނެކަމެއް. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމުގައި އަޅުގަނޑު ދެކެން.

 

މިޤާނޫނުގެ ބިލް ޑްރާފްޓްކުރެވިގެން ފާސްވުމާ ހަމައަށް ކަމާގުޅޭ މުއައްސަސާތަކުން ގިނަ ކޮމެންޓްތަކެއް ކުރެއްވިކަން އަޅުގަނޑަށް އެނގޭ. އަދި މި ޤާނޫނު ފާސްވުމަށްފަހުވެސް ދައުލަތުގެ ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް އިޞްލާޙްކުރަން ފެންނަ ތަފްޞީލީ ކަންތައްތަކެއް ހުށަހަޅާފައިވާނެ. އެކަންކަމަކީ މިޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް.

 

ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމާގުޅޭ އިދާރާތަކުން މިހާތަނަށް ޢަމަލުކުރަމުން އަންނަ ގޮތްތައް މިޤާނޫނުން ބަދަލުކޮށްލާނެއިރު، ތަޙްޤީޤީ އިދާރާތަކުން މިހާރުވެސް ތަޙްޤީޤްކުރައްވަމުން ގެންދަވާ މައްސަލަތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަޢުވާކުރުމާމެދު ގޮތެއް ކަނޑައަޅަންހުރި މައްސަލަތަކާއި، ޖިނާއީ ކުށްކުށާގުޅޭގޮތުން ޝަރީޢަތަށް ހުށަހަޅާފައިހުރި ދަޢުވާތަކާގުޅިގެން މިޤާނޫނަށް ޢަމަލުކުރަން ފަށާހިސާބުން އަންނާނެ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ދެނެގަނެ، އެމައްސަލަތަކަށް އަމާޒުވާނެ ފަދައިން އަދި އެކަންކަމަށް ހައްލު ހޯދައިދޭނެ ގޮތަށް ހުށަހަޅާފައިވާ ގިނަ އިޞްލާޙްތަކެއް ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައިވާނެ.

 

ވީމާ، ކަމާގުޅުންހުރި އިދާރާތަކުން މިޤާނޫނަށް ހުށަހަޅާފައިވާ ކޮމެންޓްތަކަށާއި އިޞްލާޙްތަކަށް ރިޢާޔަތްކޮށްދެއްވުމަށް ބަންޑާރަނައިބުގެ އަރިހުން މިފުރުޞަތުގައި އަޅުގަނޑު އެދެން. އަދި އެއިޞްލާޙްތަކުގެ ތެރެއިން މިޤާނޫނަށް ކޮންމެހެން ގެންނަންޖެހޭ އިޞްލާޙްތައް އަވަސްގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން، އެއިޞްލާޙްތައް ފާސްވާނެމަގު ހޯއްދަވައިދެއްވުމަށްވެސް ބަންޑާރަނައިބުގެ އަރިހުން އަޅުގަނޑު އެދެން.

 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މުއައްސަސާތައް ތަމްރީންކުރުމަށް މިއަދު މިފެށޭ ޕްރޮގްރާމްގެ ދަށުން އެ މުއައްސަސާތަކުގެ ކަމާގުޅޭ ހުރިހާ މުވައްޒަފުން ތަމްރީންކުރެވިގެންދާނެ. އަޅުގަނޑުގެ އަމާޒަކީ ކުރިއަށްއޮތް މާޗް މަހުގެ ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުރިހާ ޕްރޮސިކިއުޓަރުންނަށް މިތަމްރީން ޕްރޮގްރާމް ހިންގާ ނިންމުން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ މިއަދު މިފެށޭ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާލުމުގެ ހެޔޮ ތައުފީޤް މާތްﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުން. އަޅުގަނޑުމެންގެ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލެއްވުމަށާއި، އަޅުގަނޑުމެންނަށް ސާބިތުކަމާއި ހިތްވަރަށް އެދެން. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.