ޕީޖީގެ ވާހަކަފުޅު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މުއައްސަސާތައް އަހުލުވެރިކުރުމަށްޓަކައި ބޭއްވުނު ދެވަނަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅު - 18 ފެބުރުވަރީ 2017

`

އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވާ ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. އަދި އެކަލާނގެ މިއުއްމަތަށް ކައުކުރެއްވި މާތް ޞާޙިބާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

 

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދު، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ނިހާޔަތު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްވެރިން، މިރަސްމިއްޔާތަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން އަދި މިއަދު ނިމިގެން މިދިޔަ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

މިއަދަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ކަމާބެހޭ މުއައްސަސާތައް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގުނު ތަމްރީން ޕްރޮގްރާމްގެ 2 ވަނަ ބުރުގެ ނިމުން ފާހަގަކުރާ ދުވަސް. މިގޮތުން ހިންގުނު ފުރަތަމަ ބުރުގައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީއޯޓީން ތަމްރީންކުރެވިފަ.

 

މިހިންގޭ ތަމްރީން ޕްރޮގްރާމްތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގޭ އަސާސީ ޕްރޮގްރާމްތަކެއް. މިޕްރޮގްރާމްތަކުން ތަމްރީންވާ އެކި އިދާރާތަކުގެ މުވައްޒަފުންނަކީ އެއިދާރާތަކުގައި ދެން ތިއްބެވި ކަމާބެހޭ އެންމެހާ މުވައްޒަފުން ތަމްރީންކުރެއްވުމުގެ ޛިންމާ ނަންގަވާނެ ފަރާތްތައް. މިއަސާސީ ޕްރޮގްރާމްގެ އިތުރުންވެސް ކުރިއަށްއޮތް މާދުރު ނޫން މުސްތަޤްބަލެއްގައި، ﷲގެ އިރާދަފުޅާއެކު، ވަކި ވަކި އިދާރާތަކަށް ބޭނުންވާ ޚާއްޞަ ތަމްރީން ޕްރޮގްރާމްތައްވެސް ހިންގިގެންދާނެ.

 

އަޅުގަނޑަކީ މިތަމްރީން ޕްރޮގްރާމްގެ ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރި ފަރާތެއް. މިގޮތުން އަޅުގަނޑުގެ ތަޖުރިބާ ޙިއްޞާކޮށްލުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ދެކެން. އަޅުގަނޑަށް ފާހަގަކުރެވުނީ މިތަމްރީން ޕްރޮގްރާމަކީ ވަރަށްވެސް ބޭނުންތެރި އަދި ފައިދާކުރަނިވި ޕްރޮގްރާމެއްގެ ގޮތުގައި.

 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ގިނަގުނަ އައު އިޖުރާއާތުގެ މައްޗަށް އެކުލެވިގެންވާ ތަފްޞީލީ ޤާނޫނެއް. ޤާނޫނު ތަންފީޛްކުރަން ބަލާއިރު، މިހާރުގެ މި ސިސްޓަމް ނުދަންނަ ގިނަގުނަ އައު ކަންތައްތަކެއް ތަޢާރަފްކުރާނެ ޤާނޫނެއް. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙައިޘިއްޔަތުން، އަޅުގަނޑު ދަންނަވަންޖެހެނީ މިޤާނޫނަކީ އަޅުގަނޑުގެ އޮފީހުގެ މަސައްކަތަށްވެސް އިތުރު ބުރަކަމެއް ގެނެސްދޭނެ ޤާނޫނެކޭ. އެކަމަކު، ކޮންމެ ބުރައަކީ ނުވަތަ އަލަށް ޢަމަލުކުރުމުގައި އުދަނގޫކަމެއް ހުންނަ ކޮންމެ ކަމަކީ، ގޯސް ބަދަލަކަށް ނުވަތަ ނުރަނގަޅު ބަދަލަކަށް ވާކަށްނުޖެހޭ.

 

މިޤާނޫނުން ބަދަލުތަކެއް ގެންނާނެއިރު، އަދި ބައެއް މަސައްކަތްތަކަށް ބުރަކަމެއް އަޔަސްވެސް، މިޤާނޫނަށް ފުރިހަމައަށް ޢަމަލުކުރެވިގެން އަދި އެއަށް ފަރިތުވުމުން، ނިޒާމީގޮތުން މިޤާނޫނުން ލިއްބައިދޭނެ ފައިދާތައް ގިނަގުނަ.

 

އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްޤީއާއި، އިންސާނީ ޙައްޤު ނެގެހެއްޓުމުގެ ނަޒަރިއްޔާތުން، ޖިނާއީ ޢަދުލުގެ ނިޒާމްގެ ކަންކަން ތަންޒީމްވުމަށް، އަޅުގަނޑުމެން ބޭނުންވާ ބޭނުންވުމަށް، މިޤާނޫނުން މަގުކޮށައިދޭނެ.

 

އިންޞާފު ލިބުމަކީ، އިންޞާފު ލިބޭކަން އަނެކުންނަށް ފެނުންވެސްމެ. އެކަށީގެންވާ އަވަސް މިނެއްގައި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ތަޙުޤީޤު ހިނގައި، ދަޢުވާކުރެވި، ޝަރީޢަތްކުރެވިގެންގޮސް، އޭނާއާމެދު ގޮތެއް ކަނޑައެޅިގެންދިޔުމީ އިންޞާފުވެރި ޢަދުލުގެ ނިޒާމަކަށް ކޮންމެހެން ބޭނުންވާ ކަންކަން. އަދި އެކަންކަމަކީ މިޤާނޫނުން ތަރުތީބުކޮށްދޭނެ ކަންކަން. ތިމާއާގުޅޭ ކަމެއް ބެލެވިގެންދާހިނދު، އެކަމުގައި ކަންހިނގާނެ ގޮތް، ނުވަތަ ކަންވެގެންދާނެގޮތް އެނގެން ކޮންމެ މީހަކުވެސް ބޭނުންވާނެ. އިޖުރާއީގޮތުންނާއި ނިޒާމީގޮތުން އެކަމުގައި ޢަމަލުކުރެވިގެންދާނީ ކިހިނަކުންކަން އެނގެން ބޭނުންވާނެ. އެކަންކަން މިޤާނޫނުން އަންގައިދޭނެ.

 

ވީމާ، މިޤާނޫނަށް ޢަމަލުކުރުމުގައި ބައެއްކަހަލަ ކަންކަން އަޅުގަނޑުމެންނަށް މިހިނދަށް ފާހަގަވާންހުރިނަމަވެސް، އެކަންކަން އެގޮތުގައި ހުއްޓާވެސް، މިޤާނޫނަށް އަޅުގަނޑުމެން ތައްޔާރުވުމަކީ ކޮންމެހެން ކުރަންޖެހިފައިއޮތް ކަމެއް. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚަކީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަސް. އެދުވަސް އަންނަންވާއިރަށް ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު، އެއީ މާދުރުގައިވާ ތާރީޚެއްނޫން.

 

އެހެންކަމުން، އަޅުގަނޑު އިލްތިމާސްކުރަން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހުރިހާ ބައިވެރިންނަށްވެސް، ކޮންމެ މުއައްސަސާއެއްގައިވެސް މިހާރު ޢަމަލުކުރަމުންދާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި އެހެނިހެން އިޖުރާއަތުތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތްކުރުމުގެ މަސައްކަތް ފައްޓަވާފައިނުވާނަމަ، އެމަސައްކަތް މިހާރު ފައްޓަވަން. އަދި ހުރިހާ މުއައްސަސާއެއްގެވެސް ކަމާބެހޭ ބޭފުޅުންގެ ތަމްރީން ފައްޓަވަން. އަދި ހަމައެހެންމެ، އަލަށް ތަޢާރަފްކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ތައްޔާރުކުރެއްވުމުގެ މަސައްކަތްތައް ފައްޓަވަން.

 

އެއްވެސް ޝައްކެއްނެތްގޮތެއްގައި، މިފަދަ ޙަރަކާތްތަކެއް ކާމިޔާބުކަމާއެކު ހިންގުމުގައި، ގިނަ ބައެއްގެ ބައިވެރިވުން ހިމެނިގެންދާނެ. އެހުރިހާ ފަރާތްތަކުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރުން އެއީ މުހިންމު ކަމެއް. މިގޮތުން އެންމެ ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލް އާއި އެމަނިކުފާނުގެ ޓީމުން ކުރައްވާފައިވާ ބުރަ އަދި ފުރިހަމަ މަސައްކަތްޕުޅު. އެކަމަށްޓަކައި އެޓަރނީ ޖެނެރަލް އަދި އެމަނިކުފާނުގެ ޓީމަށް ޝުކުރާއި މުބާރިކުބާދީ ރައްދުކުރަން. ހަމައެއާކު، ކަމާގުޅޭ މުއައްސަސާތަކުގެ މެދުން އެކުލަވާލެވުނު ސްޓިއަރިންގ ކޮމިޓީގެ މަސައްކަތާއި، ޓެކްނިކަލް ކޮމިޓީގެ މަސައްކަތް ފާހަގަކުރުމާއެކު، މިކަމުގައި ޝާމިލުވި އެންމެހާ އިދާރާތަކުގެ ބައިވެރިވުން ފާހަގަކޮށް، ޖުމްލަގޮތެއްގައި، އެފަރާތްތަކަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުންއެދި ދުޢާ ދަންނަވަމުން. އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤް ދެއްވައި، އަޅުގަނޑުމެންގެ މަސައްކަތުގައި ޘާބިތުކަން ދެއްވާށި. އާމީން. ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.