
އޮފީހުގެ ދައުރު
ޤާނޫނުއަސާސީއާއި ޤާނޫނޫން މި އޮފީހާ މަތިކޮށްފައިވާ މައިގަނޑު މަސްޢޫލިއްޔަތަކީ ދިވެހިރާއްޖޭގައި ކުރެވޭ ޖިނާއީ ދަޢުވާތަކާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ތަޙުޤީޤީ އިދާރާތަކުން ބަލާ ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމާމެދު ގޮތް ނިންމުމާއި، އުފުލާނެ ދަޢުވާތައް ކަނޑައެޅުމާއި، އެ މައްސަލަތަކުގެ ކޯޓުގެ އެންމެހައި މަރުޙަލާތަކުގައި ދައުލަތަށް ތަމްސީލުކުރުމާއި، ޖިނާއީ ތަޙުޤީޤުތަކާއި ބަންދާގުޅޭ ގޮތުން ތަޙުޤީޤީ އިދާރާތަކަށް އިރުޝާދު ދިނުމާއި، ވިކްޓިމުންނާއި ހެކިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުން ހިމެނެއެވެ.
އަމާޒު
މި އޮފީހާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް ހަމަހަމަކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެތިބެ، އަވަސްކަމާއެކު އަދާކުރުން.
ތަސައްވުރު
ޤާނޫނުގެ ޙުކޫމާތު ނަގަހައްޓައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްސީލުކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ، ޖަވާބުދާރީކުރެވެނެވި، މުޙްތަރިފް ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށްވުން.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.
1
ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުން.
2
ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.
3
ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ ދަޢުވާ އުފުލުމުގެ ބާރު.
4
ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން.
5
ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުން.
6
ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން.
7
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގާން ފަށައިފައިވާ ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދަޢުވާތައް މުރާޖަޢާކޮށް، އަނބުރާ ގެންނާން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދަޢުވާއެއް ކޯޓުން ޙުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން.
8
ކުށެއްކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން.
9
ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން.
10
ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުން.
11
ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން.