މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
މާވިން އެސް.ވައި ވަރގަސް
މާވިން އެސް.ވައި ވަރގަސްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި 1101 ވަނަ މާއްދާ އާއި 1103 ވަނަ މާއްދާ އާއި 1003 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 6 (ހައެއް) ދަރަޖަ މަތިކޮށް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް، މީނާ ބަންދުގައި ހޭދަކޮށްފައިވާ 4 (ހަތަރެއް) އަހަރާއި 8 (އަށެއް) މަހާއި 4 (ހަތަރެއް) ދުވަސް އުނިކުރުމުން ތަންފީޛުކުރަންޖެހޭ އަދަބަކީ، 20 (ވިހި) އަހަރާއި 3 (ތިނެއް) މަހާއި 26 (ސައްބީސް) ދުވަހުގެ ޖަލު އަދަބުކަމަށް ކަނޑައަޅައި ޙުކުމްކުރެއްވިއެވެ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު
ޙަލީމަތު ލަމްޙާ ޢަބްދުއްރަހްމާނު، މީނާއާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިޕަރޓްމަންޓް އޮފް ޓްރޯމާ އެންޑް އިމަޖެންސީގައި މަސައްކަތްކުރަމުންދިޔަ ނަރުހެއްކަމުގައިވާ ފިލިޕިންސްގެ ރައްޔިތެއްކަމުގައިވާ މާވިން އެސް ވައި ވާރގަސް (މާވިން) (ޕާސްޕޯޓް ނަންބަރު: P4693871B) އާ ލޯބީގެ ގޮތުން ގުޅި، މި ގުޅުން މާވިން އެސް ވައި ވާރގަސްގެ އަންހެނުން މޭރީ ގްރޭސް އޮނޮޑް ޕިނެޑާ (މޭރީ) (ޕާސްޕޯޓް ނަންބަރު: P0824153B) އަށް އެނގުމުން، މީނާއާ މޭރީ އާ ދެމެދު މައްސަލަތަކެއް ޖެހި، މީނާ، މޭރީ އަށް އިންޒާރުދީ، މޭރީ މަރާލުމަށް މާވިން އާއެކު ރާވައި، 19 އޮކްޓޫބަރު 2021 ދުވަހު މެންދުރު 12:00 ގައި ވަޒީފާއިން ލިބޭ ބްރޭކް ގަޑީގައި މޭރީ، އޭނާ މާވިން އާއެކު ދިރިއުޅޭ މ.އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާއަށް އަންނަ ވަގުތު މޭރީ އަށް ހަމަލާދޭން މާވިން ތައްޔާރުވެ، މޭރީ ގެއަށް އައުމުން އެ ގޭގައި މޭރީ މަރާލުމުގެ ޢަމަލު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، މާވިން އާއި މޭރީގެ ދަރިފުޅު އޮލީވިއާ މާގަރެޓް ޕިނެޑާ ވާރގަސް (އޮލީވިއާ) (05 އަހަރު) މީނާ ދިރިއުޅޭ ގ.ލައިލަކްގެއަށް މާވިން ގެންދިއުމުން، މޭރީ މަރާލުމުގެ ޢަމަލު ހިންގުމަށް މާވިން އަށް އެހީތެރިވެދިނުމުގެ ގޮތުން، މީނާ އެ ކުއްޖާއާ ޙަވާލުވެ، އެ ދުވަހުގެ 12:02 އެހައިކަށްހައިއިރު މޭރީ މ.އުދުހޭކޮކާ ގެއަށް ދިއުމުން، މޭރީ އަށް މާވިން ހަމަލާ ދިނުމާ ހަމައަށް މީނާ ދިރިއުޅޭ ގޭގައި މީނާ އޮލީވިއާ ގެންގުޅުމަށްފަހު، އެ ދުވަހުގެ 12:23 އެހައިކަށްހައިއިރު، މީނާ އޮލީވިއާ ގޮވައިގެން މ.އުދުހޭކޮކާގެއަށް ގޮސް، އެ ގޭގައި ގާތްގަނޑަކަށް 20 (ވިހި) މިނިޓް ހޭދަކޮށް، މޭރީ މަރާލުމުގެ ޢަމަލު ފޮރުވުމުގެ ގޮތުން، މޭރީ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް، އެ ގޭތެރޭގައި އެފަދަ ސީނެއް އުފެއްދުމުގައި މާވިން އާއެކު ބައިވެރިވެފައިވާތީއާއި، މީނާ އެ ގެއިން ނިކުމެގެން ދިޔަތާ ގާތްގަނޑަކަށް 01 (އެކެއް) މިނިޓް ފަހުން މޭރީ ދަންޖެހިފައިވާކަމަށް ބުނެ މާވިން އައި.ޖީ.އެމް.އެޗްގެ އެމްބިއުލާންސް ސެކްޝަނަށް ގުޅައި އެންބިއުލާންސްއެއް ފޮނުވައި ދިނުމަށް އެދުނުއިރު، މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ނޫންކަމާއި، މޭރީ ގްރޭސްއަށް ގަސްދުގައި ދީފައިވާ އަނިޔާތަކެއްގެ ސަބަބުންނާއި، މޭރީ ގްރޭސް ނޭވާ ހާސްކޮށްލައިގެންކަން މޭރީ ގްރޭސްގެ ހަށިގަނޑުގެ ޕޯސްޓް މޯޓެމް ރިޕޯޓުން އެނގެން އޮންނާތީ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ޙަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި 30 ވަނަ މާއްދާގެ (ރ) އާއި 30 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާއި، 1101 ވަނަ މާއްދާ އާއި 1103 ވަނަ މާއްދާ އާއި 1003 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 6 ދަރަޖަ މަތިކޮށް 15 (ފަނަރަ) އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށް، މީނާ ބަންދުގައި ހޭދަކޮށްފައިވާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) މަހާއި 25 (ފަންސަވީސް) ދުވަސް އުނިކުރުމުން ތަންފީޖުކުރަންޖެހޭ އަދަބަކީ 11 (އެގާރަ) އަހަރާއި 6 (ހައެއް) މަހާއި 5 (ފަހެއް) ދުވަހުގެ ޖަލު އަދަބުކަމަށް ކަނޑައަޅައި ޙުކުމްކުރެއްވިއެވެ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަހްމާނު، 19 އޮކްޓޫބަރު 2021 ދުވަހު ފިލިޕީންސްގެ ރައްޔިތެއްކަމުގައިވާ މޭރީ ގްރޭސް އޮނޮޑް ޕިނޭޑާ (ޕާސްޕޯޓް ނަންބަރު: P0824153B) އޭނާ ދިރިއުޅެމުންދިޔަ މއ.އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރާލުމުގައި ބައިވެރިވިކަމަށް މީނާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހުގެ 15:28 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ ގ.ލައިލަކްގޭގެ 3 ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް A ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީގައި ހުރި ޕްލާސްޓިކް ކަބަޑުގެ 3 ވަނަ ވަތްގަނޑު ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ POTASSIUM CHLORIDE INJECTION I.P – 10ml ފުޅިއަކާއި، PROPOFOL INJECTION I.P – 10mg/ml ފުޅިއަކާއި، SUCCINYLCHOLINE INJECTION I.P-10ml ފުޅިއެއް، އަދި ދެންނެވުނު ކަބަޑުގެ 2 ވަނަ ވަތްގަނޑު ތެރެއިން POTASSIUM CHLORIDE INJECTION I.P – 10ml ފުޅިއަކާއި، އެ ކޮޓަރީގައި ހުރި ހެދުން އަޅާ އަލަމާރި ތެރޭގައި ހުރި ކަޅު އަތްދަބަހެއްގެ ތެރެއިން POTASSIUM CHLORIDE INJECTION I.P – 10ml ގެ 2 (ދޭއް) ފުޅި ފެނިފައިވާތީ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ޙުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާއި 210 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރާއި 1101 މާއްދާއާއި 1102 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ii އާއި 1003 ވަނަ މާއްދާ އާއި 1006 މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 6 ދަރަޖަ މަތިކޮށް 3 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރެއްވިއެވެ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަހްމާނު، 19 އޮކްޓޫބަރު 2021 ދުވަހު ފިލިޕީންސްގެ ރައްޔިތެއްކަމުގައިވާ މޭރީ ގްރޭސް އޮނޮޑް ޕިނޭޑާ (ޕާސްޕޯޓް ނަންބަރު: P0824153B) އޭނާ ދިރިއުޅެމުންދިޔަ މއ.އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރާލުމުގައި ބައިވެރިވިކަމަށް މީނާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހުގެ 15:28 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ ގ.ލައިލަކްގޭގެ 3 ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް A ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ބަލައިފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީގައި ހުރި ޕްލާސްޓިކް ކަބަޑުގެ 3 ވަނަ ވަތްގަނޑު ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިންނާއި، އެ ކަބަޑުގެ 2 ވަނަ ވަތްގަނޑުގެ ތެރެއިންނާއި، އެ ކޮޓަރީގައި ހުރި ހެދުން އަޅާ އަލަމާރި ތެރޭގައި ހުރި ކަޅު އަތްދަބަހެއްގެ ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބޭސްތަކެއް ކަމުގައިވާ POTASSIUM CHLORIDE INJECTION I.P – 10ml ގެ ޖުމްލަ 04 (ހަތަރެއް) ފުޅިއަކާއި، PROPOFOL INJECTION I.P – 10mg/ml ފުޅިއަކާއި، SUCCINYLCHOLINE INJECTION I.P-10ml ފުޅިއެއް ފެނިފައިވާތީ.
ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނުގެ މައްޗަށް ހުއްދަ ނަގައިގެން ކުރަންޖެހޭކަމެއް ޙުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކުށުގެ އުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާގެ (ށ) އާ ޙަވާޅާދީ، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރާއި، 1101 މާއްދާއާއި 1102 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (ii) އާއި 1003 ވަނަ މާއްދާ އާއި 1006 މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން 6 ދަރަޖަ މަތިކޮށް 1 (އެކެއް) މަހާއި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރެއްވިއެވެ.