މައްސަލައިގެ ތަފްސީލް
ކުރެވުނު ދަޢުވާ
ޙުސައިން މަވާޒު
ޙުސައިން މަވާޒު، 31 މެއި 2023 ދުވަހު 23:30 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ ސ.މަރަދޫފޭދޫ ބްލޫސްޓާރ ގޭގެ ފެންޑާގައި މީނާ އާއި މީނާގެ އެއްބަނޑު އެއްބަފާ ބޭބެ އަޙްމަދު ޝުޢައިބުއާ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު އަނެކަކުގެ ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތެރޭގައި މީނާ ލައިގެން ހުރި ޖީންސްގެ ކަނާއަތް ފަރާތު ޖީބުގައި އޮތް ކަޅުކުލައާއި ފެހިކުލައިގެ މުށްގަނޑުލީ 06 (ހައެއް) އިންޗި ހުންނަ ވަރުގެ ކަތުރު ނަގައި އެކަތުރުން އަޙްމަދު ޝުޢައިބުގެ ކަރުގެ ވާއަތްފަރާތަށް (ކަރުގެ ތިރިން މޭކަށިގަނޑާ ދިމާލަށް) ޙަމަލާދީފައިވާތީ އާއި މިޙަމަލާގެ ސަބަބުން އަޙްމަދު ޝުޢައިބުއަށް ލިބުނު އަނިޔާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 01 ޖޫން 2023 ދުވަހު 04:36 އެހައިކަށްހައިއިރު އަޙްމަދު ޝުޢައިބު ނިޔާވެފައިވާތީ.
މައްސަލައާއެކު ހިށަހަޅާފައިވާ އިޢުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް ނިންމައި، ޙުސައިން މަވާޒުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އިޢުތިރާފްވެފައިވާތީ، އެ އިޢުތިރާފަކީ ސައްހަ އިޢުތިރާފެއްކަމަށް ބަލައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުން ހުސައިން މަވާޒު ކުށްވެރިވާކަމަށް ކަނޑައަޅުއްވައި، 12 އަހަރާއި، 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ ޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މައްދާއާ ހަވާލާދީ ބަންދުގައި ހޭދަކުރި 74 ދުވަސް އުނިކުރުމަށްފަހު، އަންނާނެ އަދަބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 12 އަހަރާއި 3 މަހާއި 16 ދުވަހެެވެ. އަދި، އަދަބު ކަނޑައެޅުމުގެ ގައިޑްލައިންގެ 43 ވަނަ މާއްދާގެ ދަށުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ޝަރީއަތުން ކަނޑައެޅުއްވިއެވެ.