ދެ އިންސާނަކު އެއްކަމެއްގައި މުޅީން ޚިޔާލު އެއްގޮތް ނުވާނެކަމީ ދުނިޔެ ދައްކާ ޙަޤީޤަތެކެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއްވެސް ނޫނެވެ. އެކި މީހުން އުޅެ ބޮޑުވަނީ އެކި ޙާލަތްތަކުގައި، އެކި މާޙައުލުތަކުގައިކަމަށްވެފައި، ދުނިޔެމަތީގައި އެކި މީހުންނަށް ދިމާވަނީ އެކި ކަންކަން ކަމަށްވާތީ، ކަންކަމުގައި ވިސްނޭގޮތް ތަފާތުވަނީއެވެ.
ނަމަވެސް ވިސްނުމުގައި ކްލެރިޓީ ނުވަތަ ސާފުކަން ހުރުމަކީ ވަރަށް މުހިންމުކަމެވެ. މިކަމަށް އޮތް މަގަކީ ސަބަބުވެރި ވިސްނުމެވެ. ސަބަބުވެރި ވިސްނުމަކީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތިމާގެ ވިސްނުން ބައްޓަންކުރުމެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި، އަދި ނިންމާ ނިންމުމެއްގައި އެކަން ކުރުމަށް އެކަށީގެންވާ، ޖާއިޒު ސަބަބަބެއް އޮތުމެވެ. ސަބަބުވެރި ވިސްނުމުން ވިސްނާ މީހަކު އެ މީހާގެ ކުރިމަތީގައި އޮތް މައްސަލައިގައި ގޮތެއް ނިންމާނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ޙާލަތްތަކާއި ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އެ ނިންމި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރެވޭނީ އޭރުންނެވެ. މިތަނުގައި "މައްސަލަ" ކަމަށް މި މާނަކުރީ އިންސާނެއްގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށެވެ. ކޮންމެ ކަމަކީވެސް މައްސަލައެކެވެ. އަޅުގަނޑުމެން ހޯދަނީ އެކަމަށް ޙައްލެކެވެ. އެ ޙައްލު ހޯދުމުގެ ސާފު ސީދާ މަގަކީ ސަބަބުވެރި ވިސްނުން ބޭނުންކުރުމެވެ.