ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" އިފްތިތާޙްކުރުން
ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު
13 އޮގަސްޓް 2026

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" އިފްތިތާޙްކޮށްފިއެވެ.
11 އޮގަސްޓު 2026 ދުވަހު ބާސެލޯ، ނަސަންދްރަ ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއައި އިންޓަގްރޭޓްކުރެވޭނެއެވެ.
ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި، މި އޮފީހުގެ އައު ވެބްސައިޓު pgo.mv ލޯންޗުކޮށްފައިވެއެވެ. އަދި މި އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު: 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކަޑަމީން ލިޔެ ޝާއިޢުކޮށްފައިވާ ފޮތް، "އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފައިވެއެވެ. މި ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ.