ޝަރުޠުތަކާއެކު ދިރާސާކުރެވޭ ލިޔުންތައް މި އޮފީހުގައި ބެލުމުގެ އިންތިޒާމު ހަމަޖެއްސުން
އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު އީދާން
13 އޮގަސްޓް 2026

މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގާއިރު، އޭނާއަށް ޤާނޫނުން ލިބިގެންވާ ޙައްޤުތައް ނަގަހައްޓައި ރައްކާތެރިކޮށްދިނުމަކީ ކޯޓު އަދި ދައުލަތުގެ ޒިންމާއެކެވެ. ދިފާޢު ބިނާކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ ލިޔުންތައް ބަލައި ދިރާސާކުރުމުގެ ޙައްޤަކީ ޤާނޫނުން ދަޢުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.
ނަމަވެސް ޝަރީޢަތަށް ހުށަހެޅޭ ބައެއް ލިޔުންތަކަކީ، ޤައުމީ ސަލާމަތަށްޓަކައި ނުވަތަ ތިންވަނަ ފަރާތެއްގެ ޙައްޤަށް އުނިކަން އައިސްދާނެކަމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ، ދަޢުވާލިބޭ ފަރާތަށް ނަކަލުކޮށް ދޫކުރެވޭ ލިޔުންތަކެއް ނޫނެވެ. އެފަދަ ލިޔުންތައް ދަޢުވާލިބޭ ފަރާތުން ދިރާސާކުރަންޖެހެނީ ކޯޓު ތެރޭގައެވެ.
އެ ލިޔުންތައް ހަމައެކަނި ކޯޓުގައި ދިރާސާކުރެވޭގޮތަށް އޮތުމަކީ އިދާރީގޮތުން ކޯޓަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އެކަމަށް ޚާއްޞަ ކޮޓަރިތަކާއި، ވަޞީލަތްތައް ގިނަފަހަރު ކޯޓުގައި ޤާއިމުކުރެވިފައި ނުހުރެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2026/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު) ޤަޟިއްޔާގެ ނިންމުމުގައި، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި، ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. މި ނިންމުމާ ގުޅިގެން 26 އޭޕްރީލް 2026 ވަނަ ދުވަހު، މި އޮފީހުން ވާނީ ދެންނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން ޝަރުޠުތަކާއެކު ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިފާއަށް ލިބިދޭ ލިޔުންތައް، ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މި މަސައްކަތް މި އޮފީހުން ކުރާނީ، ލިޔެފައިވާ ހަރުދަނާ އުޞޫލެއްގެ ތެރެއިން، ލިޔުންތަކުގެ ރައްކާތެރިކަމާއި، ދަޢުވާލިބޭ ފަރާތުގެ ޙައްޤުތައް ކަށަވަރުކުރެވޭނެ ގޮތަށެވެ.
ޔުނައިޓެޑް ކިންގްޑަމް އަދި ކެނެޑާ ފަދަ ކޮމަން ލޯ ޤައުމުތަކުގައިވެސް، ޕްރޮސިކިއުޝަން އިދާރާގައި މިފަދަ ލިޔުންތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދެއެވެ. އެހެންކަމުން، މި ބަދަލަކީ މިނިވަން ދީމިގްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.