ޤިޞާޞް ހިފޭ ކުށެއް ސާބިތުކުރުމަށް ވަކި އަދަދެއް ނުވަތަ ވަކި ބާވަތެއްގެ ހެކި ބޭނުންވޭތޯ؟
ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ޝަހުމާ
11 އޮގަސްޓް 2026

ކ.ކާށިދޫ، ކެތި، އާދަމް ޙަލީމްގެ މަރުގެ މައްސަލައިގައި ކ.ކާށިދޫ ސުވާސާގެ މުޙައްމަދު ސަމާޙު މެރުމަށް، 02 އެޕްރީލް 2026 ވީ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޤާނޫނީ ބޮޑު ބަހުސަކަށްފަހުއެވެ.
މަރުގެ އަދަބު ދެވިދާނެތޯ މި މައްސަލައިގައި ބަހުސް އުފެދުނީ، ޖަނަވަރީ 2023 ގައި ޢަމަލުކުރަންފެށި ހެއްކާބެހޭ ޤާނޫނުގެ 140 ވަނަ މާއްދާގެ (ނ) ގައި، ޤިޞާޞް އަދި ހައްދުގެ ކުށްތައް (ޒިނޭ ފިޔަވައި) ސާބިތުކުރެވޭނީ މަދުވެގެން ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފުންކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.
މި މައްސަލައިގައި، އާދަމް ޙަލީމަށް ސަމާހު ވަޅިއަކުން ހަމަލާދިނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އާދަމް ހަލީމް ސުވާސާގެއަށް ގޮސްހުއްޓައެވެ. ހަމަލާދިން މަންޒަރު ލޮލަށް ފެނުނު ހެއްކެއް ނެތެވެ. އެހެންނަމަވެސް، ސަމާޙު ވަޅި ނަގައިގެން އާދަމް ޙަލީމާ ދިމާލަށް ދިޔަ މަންޒަރު ދެ ހެއްކަކަށް ފެނުނެވެ. އާދަމް ޙަލީމްގެ މެއާ ދިމާލުން ސަމާޙު ވަޅި އުފުރާލި މަންޒަރު އެހެން ހެއްކަކަށް ފެނުނެވެ. ސަމާޙުގެ އަތުން އެ ވަޅި އަތުލައި، ސުވާސާގޭ ތެރެއަށް އެއްލާލީ ސަމާޙުގެ ބޮޑުދައިތައެވެ. ޤަތުލުގެ މި ޢަމަލު ހިންގިކަމަށް 2012 ވަނަ އަހަރު ތަޙުޤީޤުގައްޔާއި ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި ސަމާޙު އެއްބަސްވިއެވެ. އެހެންނަމަވެސް، އެ އިޢުތުރާފުތަކުގެ ސައްހަކަމަށް ސަމާޙު ފަހުން ތައުނުކުރިއެވެ. ތަހުވީލުކޮށްގެން މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުންވެސް ބުރަވީ، ތަޙުޤީޤުގައި ވަކީލެއްގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދީފައިނުވާތީއާއި، ޝަރީޢަތުގައި އޭނާ އިޢުތިރާފުވެއްޖެނަމަ ނިކުންނާނެ ނަތީޖާ ބުނެދީފައިނުވާތީ، ޝަރީޢަތުގައި ކުރިން އޭނާ ވީ އިޢުތިރާފަކީ، އެއަށް ބާރުދޭނެ އިތުރު ހެކި ނެތި، އެ މައްޗަށް އެކަނި މައްސަލަ ސާބިތުކުރެވިދާނެ ހެއްކެއް ނޫން ކަމަށެވެ. ވީމާ، ޝަރީޢަތުގައި އޮތް އެންމެ މުހިއްމު ސުވާލަކަށްވީ، ފުރިހަމަ އިޢުތިރާފެއް ނެތި، އަދި ހަމަލާދިން މަންޒަރު ލޮލަށް ފެނުނު 2 ފިރިހެނުންގެ ހެކިބަހެއް ނެތި، ޤިޞާޞްގެ އަދަބު ދެވޭނެތޯއެވެ.
މި އޮފީހުން ކްރިމިނަލް ކޯޓުގައި ބަހުސްކުރީ، ހެއްކާބެހޭ ޤާނޫނުގެ 140 ވަނަ މާއްދާގެ (ނ)، އެ ޤާނޫނުގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާ ފުށުއަރާކަމަށާއި، 140 ވަނަ މާއްދާގެ (ނ) އަކީ އިސްލާމީ ޝަރީޢަތާ އެއްގޮތް މާއްދާއެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެނީ، 141 އަދި 142 ވަނަ މާއްދާއިން އެނގެނީ، ކަމެއް ސާބިތުކުރުމަށްޓަކައި، ހެކިބަސް ދޭ މީހުން ވަކި ޢަދަދަކަށް ބޭނުންވާނެ ކަމަށް، ނުވަތަ ވަކި ޢަދަދަކަށް ފިރިހެނުންގެ ހެކިބަސް ނުވަތަ ވަކި ޢަދަދަކަށް އަންހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައި ކަމެއްގައި މެނުވީ ވަކި ޢަދަދެއްގެ އަދި ވަކި ޖިންސެއްގެ ހެކި ބޭނުމެއް ނުވާނެކަމެވެ.
ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ގޮތުން، [އިސްލާމްދީނުގެ އަސްލު] އަކީ ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެ ކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މި ދެ އަޞްލުން ދޭހަކޮށްދޭ އުޞޫލުތަކެވެ. ޤިޞާޞްގެ ކުށެއް ސާބިތުކުރުމަށް ވަކި ޢަދަދެއްގެ ނުވަތަ ބާވަތެއްގެ ހެކި ބޭނުންވާނެކަން އިސްލާމްދީނުގެ އަސްލަކުން އެނގޭކަށް ނެތެވެ. އެ ކަމާމެދު ޢިލްމުވެރިންގެ ރަޢުޔުތައް ތަފާތެވެ. ބައެއް ޢިލްމުވެރިންގެ ރަޢުޔުގައި، ޤަރީނާގެ މައްޗަށްވެސް ޝަރުޢީ މިންގަނޑުން މަރުގެ ކުށް ސާބިތުކުރެވިދާނެއެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މިހާތަނަށް ނިންމާފައިހުރި މަރުގެ މައްސަލަތައް ނިންމާފައިވަނީވެސް އެ ރަޢުޔުގެ މައްޗަށެވެ.
ހެއްކާބެހޭ ޤާނޫނުގެ އެ މާއްދާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމީ، މި އޮފީހުން ބަހުސްކުރިގޮތާ އެއްކޮޅަށެވެ. ޤިޞާޞަކީ ޝަރުޢީ ޢުޤޫބާތަކަށްވެފައި، ޤިޞާޞްގެ ކުށް ސާބިތުކުރުމުގައި ދެ ޖިންސުގެ ހެކިންގެ ހެކިބަހާއި، ޤަރީނާ ނުވަތަ އެކި ބާވަތުގެ ހެއްކަށް ރިޢާޔަތްކުރުމުގައި ޝަރުޢީ ހުރަހެއް ނެތުމާއެކު، 140 ވަނަ މާއްދާގެ (ނ) ގެ މަޤްޞަދަކީ އެ އަކުރުގައި ބަޔާންކުރާ ބާވަތުގެ ހެކި ހުރެގެން މެނުވީ ޤިޞާޞްގެ ކުށެއް ސާބިތުނުވުންކަމަށް ބެލުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާ ކަމަށެވެ. އަދި، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ޤިޞާޞްގެ ކުށާ ގުޅޭ ޝަރުޢީ އުސޫލެއް ދޫކޮށްލުމަކީ ޤާނޫނެއްގެ ރޫޙުކަމަށް ވެދާނޭކަމަށް ބަލައިގެންނުވާނެ ކަމަށެވެ.