މާލީ ކުށްތަކުގައި ބަދަލު ހޯދައިދޭން ދޭ އިސްކަން
ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު މުނާ ޝަމީމް
13 އޮގަސްޓް 2026

މާލީ ކުށްތަކަކީ އޮޅުވާލުމާއި، މަކަރާއި ޙީލަތް ނުވަތަ ނުޙައްޤު ނުފޫޒު ބޭނުންކޮށްގެން ކުށްކުރި މީހާއަށް ނާޖާއިޒު މާލީ މަންފާއެއް ލިބޭ ގޮތަށް ނުވަތަ އެހެން މީހެއްގެ ފައިސާއާއި، މުދަލުގެ ޙައްގެއް ގެއްލޭގޮތަށް ކުރާ ކުށްތަކެވެ. މީގެ ތެރޭގައި ޚިޔާނާތާއި، މަނީ ލޯންޑްރިންގ އާއި، ޓެކްސްއަށް މަކަރު ހެދުމާއި، ކޮރަޕްޝަނާއި، ރިޝްވަތުގެ ކުށްތައް ހިމެނެއެވެ. މިއީ އަމިއްލަ ފަރުދުންނަށާއި ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި، މުޅި އިޤްތިޞާދީ ނިޒާމަށް އޭގެ ނުރައްކާ ކުރިމަތިކުރުވާ ކުށްތަކެކެވެ.
މި ފަދަ ކުށްތައް ކުރާ މީހުންގެ މައިގަނޑު ބޭނުމަކަށްވެފައި އޮންނަނީ ނުޙައްޤު ގޮތުގައި މުއްސަނދިކަމާއި ތަނަވަސްކަން ހޯދައިގަތުމެވެ. އެހެން ނަމަވެސް، މި ފަދަ ކުށްތަކުގެ ސަބަބުން ދައުލަތަށާއި އާންމުންނަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ދައުލަތުގެ މާލިއްޔަތުން އެތަކެއް ފައިސާއެއް އިސްރާފުވެގެން ދާއިރު، ޢާންމު ފަރުދެއްނަމަ، މާލީ ފުން އަނދަވަޅަކަށް ވެއްޓި، އަހަރުތަކަކަށް ދިގުދެމިގެންދާ ނަފްސާނީ ވޭނެއްގައި އުޅެންޖެހެއެވެ.
އެހެންކަމުން، މިބާވަތުގެ ޖަރީމާތަކުގައި ހަމައެކަނި ޖިސްމާނީ ނުވަތަ މިނިވަންކަން ޤައިދުކުރާފަދަ އަދަބެއް ދިނުމަކުން އަދި އިންޞާފު ގާއިމުކުރެވުނީ ކަމަކަށް ނުބެލެވެއެވެ. އެކަށީގެންވާ ގޮތެއްގައި އިންޞާފު ޤާއިމުކުރުމަށްޓަކައި، ކުށްވެރިޔާ ހޯދައިގަތް މުދަލާއި، ފައިސާއާއި، އެނޫން ވެސް މަންފާތައް އޭނާގެ އަތުން އަނބުރާ ހޯދައި، އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދޭން ޖެހެއެވެ.
މި ބާވަތުގެ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނުތަކުގެ މަޤްޞަދަށް ބަލާއިރު، މާލީ ކުށްތަކުގައި ގެއްލޭ ފައިސާ ނުވަތަ މުދާ އަނބުރާ ހޯދައިދިނުމަށް ޤާނޫނީ ނިޒާމުގައި ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މާލީ ކުށްތަކުގެ ބަދަލު ހޯދައިދިނުމަށް ވަރުގަދަ ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ. މީގެ ތެރޭގައި ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން މުދާ ހިފެހެއްޓުމާއި، ޝަރީޢަތް ނިމުމަށްފަހު އެ މުދަލެއް ދައުލަތަށް ނެގުމަށް އެދުމުގެ ބާރުވެސް ދީފައިވެއެވެ. ހަމައެހެންމެ، ކުށްވެރިޔާގެ މައްޗަށް އަދަބު ކަނޑައަޅާއިރު، އޭނާ ހޯދި ނުޙައްޤު މަންފާ އަނބުރާ ދެއްކުމަށް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރުމުގެ ބާރު ކޯޓުތަކަށް ޤާނޫނުން ދީފައިވެއެވެ.
މާލީ ކުށްތަކުގައި ބަދަލު ހޯދައިދިނުމުގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރުތައް ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. މިސާލަކަށް، ކުށް ކޮށްގެން ހޯދި ފައިސާ އަނބުރާ ދައްކަން އެއްބަސްވާނަމަ، ކުށްވެރިޔާގެ އަދަބަށް ލުއިދިނުމަށް އެއްބަސްވުމަކީ މި އޮފީހުގެ ވިސްނުމެކެވެ. މީގެ މަޤްޞަދަކީ ބަދަލު ލިބެންޖެހޭ ފަރާތަށް ލިބެންޖެހޭ އިންސާފު ހޯދައިދިނުން އަވަސްކުރުމެވެ.
މި ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަޞީލަތަކީ ނަސޭހަތުގެ އެއްބަސްވުންތަކާއި އިޢުތިރާފުގެ އެއްބަސްވުންތަކެވެ. މިފަދަ އެއްބަސްވުންތަކުގައި، ގެއްލުނު ފައިސާ ނުވަތަ މުދާ އަނބުރާ ދައުލަތަށް ނުވަތަ އަނިޔާ ލިބުނު ފަރާތަށް ދިނުމަށް ކުށްކުރި މީހާ އެއްބަސްވެއެވެ. އަދި އެ ފައިސާ ދައްކާ ނިންމުމުން، އޭނާގެ މައްޗަށް ކުރާ ދަޢުވާ އަނބުރާ ގެނައުން ނުވަތަ އޭނާއަށް ލިބެންޖެހޭ އަދަބަށް ލުއި ދިނުމުގެ ފުރުޞަތު އޮވެއެވެ. މީގެ ސަބަބުން، މައްސަލަތަކުގައި ގޮތް ނިންމުމަށް ކޯޓު މަރުޙަލާގައި ހޭދަވާ ގިނަ ވަގުތާއި ޚަރަދުން ބޮޑު ބައެއް ސަލާމަތްވެ، އަނިޔާ ލިބުނު ފަރާތަށް އަވަސް ފުރުޞަތެއްގައި ބަދަލު ލިބިގެންދެއެވެ.
މުޅި ނިޒާމުގެ ތިލަފަތް ހަމަހަމަކުރުމުގެ މަޤްޞަދުގައި، ކުށްވެރިޔާއަށް އެކަށީގެންވާ އަދަބެއް ދިނުމާއެކު ގެއްލުނު ފައިސާއާއި މުދާ އަނބުރާ ހޯދައި، އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަކީ މި އޮފީހުން ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ.