މަރުގެ ޙުކުމް ނިހާއީކަން ކަށަވަރުކުރުން – ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަދުޙަމް މުޙައްމަދު

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ނައުޝާދު

11 އޮގަސްޓް 2026

އާންމު ޖިނާއީ ކުށްތައް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑެވެ. ނަމަވެސް، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުންނެވެ. އެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފު ތިން މަރުޙަލާ ފުރިހަމަކުރުމަށްފަހުގައެވެ.

ދަށު ކޯޓަކުން ޖިނާއީ ކުށެއްގެ އަދަބެއްގެ ގޮތުން މީހަކު މެރުމަށް ޙުކުމްކޮށްފިނަމަ، އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި މި އޮފީހުން އެ މައްސަލައެއް މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށަހެޅުން ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (އ) އިން ލާޒިމުކުރެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަދުޙަމް މުޙައްމަދު ޤަޟިއްޔާ ގައި، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ރުކުންތަކާއި، އެ ރުކުންތައް މާނަކުރާނެ ގޮތާއި، އަދަބު މުރާޖަޢާކުރުމުގެ މިންގަނޑުތަކާއި، ދިފާޢުވުމުގެ ޙައްޤު ހިފެހެއްޓޭނެ ދާއިރާ، އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުގެ މަތީން ބަޔާންކޮށްފައިވެއެވެ. މި މައްސަލާގައި ވީ ގޮތަކީ، 4 ޑިސެންބަރު 2019 ދުވަހުގެ ރޭ ހުޅުމާލޭގައި ދަތުރުކުރި ޓެކްސީއެއްގެ ފަހަތު ސީޓުގައި އަދުޙަމް މުޙައްމަދު އިނދެ، އެ ޓެކްސީ ދުއްވަން އިން ޤާސިމް ޙަސަންގެ ކަރަށް ގާތްގަނޑަކަށް 6 އިންޗީގެ ވަޅިއަކުން ހަމަލާދީ މަރާލިއެވެ. މި ޢަމަލުގެ އަސްލު މަޤްޞަދު (motive) އަކީ ފައިސާ ފޭރުންކަން ތަޙުޤީޤަށް ހޯދިފައިވެއެވެ.

މި ޢަމަލު ހިނގާފައިވަނީ އަނދިރި މަގަކުން ދުއްވާފައި ދިޔަ ޓެކްސީއެއްގެ ތެރޭގައި ކަމުން، މި މަންޒަރު ފެނުނު މީހަކު ނެތެވެ. ނަމަވެސް، ފޮރެންސިކް ހެއްކާއި، ޙާދިސާ ހިނގިގޮތް ދަލާލާތުކޮށްދޭ ވަށައިގެންވާ ގިނަ ހެކިތަކެއް ތަޙުޤީޤަށް ހޯދައި، އެ ހެކިތަކާއެކު އަދުޙަމް މުޙައްމަދުގެ މައްޗަށް ޤަޞްދުގައި މީހާކު މެރުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ.

ދަށު ކޯޓުގެ މަރުހަލާގައި، ދައުލަތުން ވަނީ ފޮރެންސިކް، ސައިންޓިފިކް އަދި ވަށައިގެންވާ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. ކްރިމިނަލް ކޯޓުންވަނީ ދައުވާލިބޭ އަދުޙަމް މުޙައްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އޭނާގެ މައްޗަށް ޤިޞާޞް ހިފުމަށް (މަރަށް މަރު ހިފުމަށް) ޙުކުމްކޮށްފައެވެ. ގާނޫނީ ލާޒިމު އިޖުރާއާތުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މި ޙުކުމްގެ ނިހާއީ ކަން ކަށަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގެ އިއްތިފާޤު ރަޢުޔުގައި ވަނީ އިސްލާމީ ފިޤުހާއި ގާނޫނުގެ ދަށުން ޤަޞްދު މަރު ސާބިތުވުމަށް ބޭނުންވާ މައިގަނޑު ތިން ރުކުން މި މައްސަލާގައި ފުރިހަމަވާކަން ވަޒަންކުރައްވާފައެވެ. ފުރަތަމަ ރުކުނެއްގެ ގޮތުން، މަރާލެވުނު ޤާސިމް ޙަސަންއަކީ އޭނާގެ ދިރިހުރުމުގެ ޙައްޤާއި ނަފްސުގެ ރައްކާތެރިކަން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމީ ޝަރީޢަތުން މުޠުލަޤަށް ކަށަވަރުކޮށްދީފައިވާ އިންސާނެއްކަން ސާބިތުވާތީ، އޭނާގެ ލެއަކީ ޙުރުމަތްތެރިވެގެންވާ ލެއެއްކަން ކަށަވަރުވެއެވެ. ދެވަނަ ރުކުނެއްގެ ގޮތުން، ޢަމަލާއި ނަތީޖާގެ ސަބަބީ ގުޅުމަށް ބަލާއިރު، ޤާސިމް ޙަސަން ނިޔައުވުމުގެ ސީދާ ސަބަބަކީ އޭނާގެ ކަރުގެ ވާތްފަރާތަށް ލިބުނު ފުން ޒަޚަމްގެ ސަބަބުން، ހަށިގަނޑުން ބޯކޮށް ލޭއޮހޮރުން ކަން މެޑިކަލް ރިޕޯޓުތަކުން އެނގެއެވެ. ތިންވަނަ ރުކުން ކަމަށްވާ ޖިނާއީ ނިޔަތް ނުވަތަ ޤަޞްދު ވަޒަންކުރުމުގައި، މީހަކު މަރާލުމަށް ޢާންމުކޮށް ބޭނުންކުރެވިދާނެ ފަދަ ނުރައްކާތެރި ތޫނު ހަތިޔާރެއް ބޭނުންކޮށް، އިންސާނާގެ ފުރާނައަށް އެންމެ ނާޒުކު ގުނަވަން ކަމަށްވާ ކަރަށް ފަހަތުން ކުއްލިއަކަށް ހަމަލާދިނުމާއި، ޙަމަލާދިނުމަށްފަހު ފިލައިގެން ގޮސް ވަޅި އެއްލާލައި، ލޭ ހުރި އަންނައުނުތައް ފޮރުވުމަކީ، އޭނާގެ ކިބައިގައި ފުރިހަމަ ހޭވެރިކަމާއި ކުށް ފޮރުވުމުގެ ރޭވުންތެރިކަން (މަރާލުމުގެ ޤަޞްދު) އޮތްކަމުގެ ސާފު ހެކިތަކެއްކަން ހައިކޯޓުން ކަނޑައެޅިއެވެ.

އަދުޙަމް މުޙައްމަދުގެ ފަރާތުން ފާހަގަކުރި އެންމެ ބޮޑު އެއް ދިފާޢަކީ، ކުށުގެ ޢަމަލު ހިންގިއިރު އޭނާ ހުރީ މަސްތުގެ ޙާލަތުގައި ކަމަށްވާތީ، އޭނާގެ ކިބައިގައި ޤަޞްދު ފުރިހަމަނުވާނެ ކަމަށް ބުނާ ބުނުމެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ކަނޑައެޅީ، މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި މަސްތުވެގެން ހުރެ އިސްލާމީ ޝަރީޢަތުގައި ޤަޞްދު މަރެއްކަމުގައި ބެލެވޭ ޢަމަލެއް ހިންގައިފިނަމަ، އޭނާގެ ކިބައިން ޤަޞްދުގެ ނިޔަތް ނެތް ކަމަށް ބަލައި ގާނޫނީ ޒިންމާއިން ބަރީޢަ ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ދަށު ކޯޓުގެ ބައެއް ލިޔުންތަކުގައިވާ ސޮޔާއި އިނގިލީގެ ނިޝާނަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ ހާމަކުރި ތުހުމަތުތަކާ ގުޅިގެން، ދައުލަތް މެދުވެރިކޮށް ފޮރެންސިކް ފިންގަރޕްރިންޓް އެގްޒަމިނޭޝަން ރިޕޯޓުތަކާއި ސީ.ސީ.ޓީވީ ފުޓޭޖްތައް މުރާޖަޢާކޮށް، ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައިވެސް އޭނާއަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތާއި ދިފާޢުވުމުގެ ވަގުތު ފުރިހަމައަށް ލިބިދީފައިވާކަން ހައިކޯޓުން ވަނީ ކަށަވަރުކޮށްފައެވެ.

މި ބާވަތުގެ އަނިޔާވެރި މައްސަލަތަކަކީ އޭގެ ސަބަބުން މުޅި މުޖުތަމަޢަށާއި ނިޔާވި ފަރާތުގެ ޢާއިލާއަށް ފުން ހިތާމައެއް ގެނުވާ ކަންކަމެވެ. ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަނިޔާވެރިކަމާއެކު މީހެއްގެ ފުރާނަ ދުއްވާލުމަކީ ދިރިތިބީން ތަޙައްމަލުކުރާ ފުން ހިތާމައަކަށްވާއިރު، އެއީ ފަސޭހަނުވާ ފާރުގަނޑެއްގެ ކުރަމަގާލިގަނޑު ނައްޓައި، އެ ފާރުގަނޑު އަލުން އައުކުރާ ބީދައިން ޢާއިލާގެ ހިތުގެ ރިހުން ތަކުރާރުކޮށްދޭ ކަމެކެވެ. އެހެންކަމުން، އިސްތިއުނާފުގެ މި މަރުޙަލާގައި، ދައުލަތް މެދުވެރިކޮށް ވާރިސުންގެ ބަސް ކޯޓަށް އިއްވުމުން އެ ފުދޭނެއެވެ۔ އެއީ ކޮންމެ ފަހަރަކު އާއިލާ ކޯޓަށް ހާޒިރުކުރުމަކީ އެ ފަރާތްތަކަށް ލިބިފައިވާ ފުން ހިތާމައާއި ވޭން އަލުން އައުވެ، ނަފްސާނީ ގޮތުން އިތުރު ތަކްލީފުތަކެއް އުފުލަންޖެހޭނެ ކަމަކަށްވާތީއެވެ.

އިސްލާމީ ޝަރީޢަތުގައި ޤަޞްދު މަރުގެ އަދަބަކީ ޤިޞާޞް ހިފުމެވެ. މި މައްސަލާގައި ޝަރީޢަތުން ކަނޑައަޅާފައިވާ ގޮތުން ޤާސިމް ޙަސަންގެ ޝަރުޢީ ވާރިސުންނަކީ އޭނާގެ 5 ދަރިންނެވެ. މި ހުރިހާ ވާރިސުންވެސް ވަނީ އެއްވެސް ޚިޔާލުތަފާތުވުމެއް ނެތި، އަދުޙަމް މުޙައްމަދުގެ ކިބައިން މަރަށް މަރު (ޤިޞާޞް) ހިފުމަށް ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށް އެދިފައެވެ. ހައިކޯޓުގެ ޙުކުމުގައި މި ކަނޑައެޅުން ދަމަހައްޓައި، ކީރިތި ޤުރުއާނުގެ ނައްޞުތަކުން (ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތާއި، ސޫރަތުލް މާއިދާގެ 45 ވަނަ އާޔަތާއި، ސޫރަތުލް އިސްރާގެ 33 ވަނަ އާޔަތް) ގާނޫނީ ބިނާ ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިއްތިފާޤުން ކަނޑައެޅީ، ކްރިމިނަލް ކޯޓުން އަދުޙަމް މުޙައްމަދު ކުށްވެރިކޮށް އިއްވާފައިވާ ޙުކުމަކީ ގާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި، އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތަށް ނެރެފައިވާ ސައްޙަ ޙުކުމެއް ކަމަށާއި، އޭނާގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ އަދަބަކީ ޝަރުޢީ އަދި ގާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތް، ގަޒިއްޔާ ނަންބަރު: 2024/HC-JC/1.


© ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2026· v1.0.360