ގެވެށި އަނިޔާ ރިޕޯޓްކުރުން މުހިންމުވާ ސަބަބު

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް ނަޝީދު ޢަބްދުالله

13 އޮގަސްޓް 2026

ގެވެށި އަނިޔާގެ ގިނަ ހާދިސާތަކެއް ދެމިއޮންނަނީ "މިއީ ހަމައެކަނި މިފަހަރު ވީކަމެއް" ކަމަށް ގަބޫލުކުރެވޭ ނުރައްކާތެރި ގަބޫލުކުރުމެއްގެ މައްޗަށެވެ. އަނިޔާ ލިބޭ ގިނަ ފަރާތްތަކުން އުއްމީދުކުރަނީ އަނިޔާ ހުއްޓޭނެ ކަމަށެވެ. އަނިޔާކުރާ މީހާ އިސްލާހުވާނެ ކަމަށެވެ. ނަމަވެސް، ތަޖުރިބާ އާއި ޖިނާއީ އަދި ޢާއިލީ ޢަދުލުގެ ނިޒާމުގެ ދާއިރާގެ ދިރާސާތަކުން ދައްކާ ހިތްދަތި ހަގީގަތަކީ، ރިޕޯޓް ނުކުރެވި ހުންނަ އަނިޔާތައް ތަކުރާރުވުމާއި އޭގެ ނުރައްކާތެރިކަން އިތުރުވުމުގެ ފުރުސަތު ބޮޑުކަމެވެ

ގެވެށި އަނިޔާއަކީ ވަރަށް މަދު ފަހަރަކު ނޫނީ އެއްފަހަރު ހިނގާފައި ހުއްޓޭ ކަމެއް ނޫނެވެ. އާންމުކޮށް މިއީ ތަކުރާރުވާ ބުރެކެވެ. ފުރަތަމަ ނުތަނަވަސްކަން އުފެދެނީއެވެ. ދެން އަނިޔާގެ އަމަލެއް ހިނގަނީއެވެދެން މާފަށް އެދޭނެއެވެ. އޭގެ ފަހުން އަމާން ދުވަސްތަކެއް އާދެއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް މިބުރު ތަކުރާރު ވެއެވެ. 

ގާނޫނީ ގޮތުން ބަލާއިރު، ކޮންމެ ރިޕޯޓަކީވެސް މުހިންމު ރެކޯޑެކެވެ. މީގެ ސަބަބުން:

-ކަމާބެހޭ ފަރާތްތަކަށް ނުރައްކާ އޮތް މިންވަރު ވަޒަންކުރަން ފަސޭހަވެއެވެ

-ކުރިމަގުގައި އެޅޭ ގާނޫނީ ފިޔަވަޅުތަކަށް ބާރުލިބެއެވެ

-ރައްކާތެރިކުރުމުގެ އަމުރުތައް (Protection Ordersނެރުމަށް މަގުފަހިވެއެވެ

ޒަމާނީ ގާނޫނީ ނިޒާމުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ބާރުއަޅަނީ އަނިޔާއެއް ހިނގުމުގެ ކުރިން ނުވަތަ ކުރީކޮޅު އެކަމަށް ފިޔަވަޅު އެޅުމަށެވެ. ރިޕޯޓްކުރުމުން ދައުލަތުގެ މުއައްސަސާތަކަށް މި ދެންނެވުނު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދެއެވެ

މީހަކު އިސްލާހުވާނެ ކަމަށް އުއްމީދުކުރުމަކީ އިންސާނީ ތަބީޢަތެކެވެ. ނަމަވެސް ޢަމަލީ ފިޔަވަޅަކާ ނުލައި ކުރާ އުއްމީދަކީ ނުރައްކަލުން ސަލާމަތްވާނެ ގޮތެއް ނޫނެވެ. ހަޤީޤި ރައްކާތެރިކަން ލިބޭނީ ޙާލަތުގެ ސީރިއަސްކަން ގަބޫލުކޮށް، އެހީތެރިކަން ހޯދައިގެންނެވެ