ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

17 މާރިޗު 2023

އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ޤަޞްދުގައާއި، ބައެއް ފަހަރު ޤަޞްދަކާ ނުލައެވެ. ކުށުގެ ޢަމަލެއް ކުރެވޭ މީހަކަށް އެމީހަކު ކުރި ކަމެއްގެ ނަތީޖާއާ ކުރިމަތިލާންޖެހޭ ގޮތަށް ޤާނޫނީ ނިޒާމު ބައްޓަންކުރަންޖެހެނީ، މުޖްތަމަޢުގެ ތެރޭގައި ވަކި ހަމަތަކެއް ޤާއިމުކޮށް، ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށެވެ. ޤާނޫނީ ނިޒާމުގެ ތެރޭގައި މީހުންނަށް އަދަބު ދިނުން މުހިންމުވާ ފަދައިން، މީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ނެރުމަކީވެސް ބޭނުންތެރި ކަމެކެވެ. 

ކުށުގެ މައްސަލައެއްގައި މީހަކަށް އަދަބު ދިނުމަކީ، މީހަކަށް އަދަބެއް ދިނުމަށްޓަކައި ކުރާ ކަމެއް ނޫނެވެ. ޤާނޫނީ ޢިލްމުވެރިން ދެކޭ ގޮތުން، ކުށަކަށް އަދަބެއް ދިނުމުގެ 3 މަޤްޞަދެއް އޮވެއެވެ. ފުރަތަމަ ދެކަމަކީ، ކުށްކުރި މީހާއަށާއި، މުޖްތަމަޢުގެ އެހެން މީހުންނަށް، ކުށުގެ ޢަމަލެއް ކޮށްފިނަމަ، އެކަމުގެ ނަތީޖާއެއް އޮންނާނެކަން އިޙްސާސް ކުރުވުމެވެ. ތިންވަނަ ކަމަކީ، ކުށްކުރި މީހާ އިޞްލާޙުވެ، ކުށުން ދުރުވެ، މުޖްތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމެވެ. 

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މީގެ ކުރީގެ ކުށުގެ ރެކޯޑެއް ނެތިފައި، އެމީހަކަށް ކުރެވުނު ކުށަށް އެއްބަސްވާނަމަ، އެމީހާ ކުށުން ދުރުހެލިވެ، އަލުން އަނބުރާ މުޖްތަމަޢަށް ރުޖޫޢަވުމަށް ބާރު އެޅުމަށްޓަކައި، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމުގެ ބަދަލުގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެއްބަސްވުމުގައި ބުނާ މުއްދަތުގައި އިތުރު ކުށެއް ނުކޮށް ހުރެއްޖެނަމަ، އެމައްސަލައެއްގެ ދަޢުވާއެއް އަލުން ނުކުރާނެއެވެ. އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމައްސަލައިގެ ދައުވާ ކުރިއަށް ގެންދާނެއެވެ. 

ކުދި ކުށްތަކާއި، ނަޞޭޙަތުގެ އެއްބަސްވުން ހެދުމަށް ޤާނޫނުގައި ބުނާ ޝަރުޠުތައް ފުރިހަމަވާ ކުށްތަކުގައި، ނަޞޭޙަތުގެ އެއްބަސްވުމެއްގެ ތެރެއިން، އަދަބު ދިނުމުގެ މަޤްޞަދުތައް ޙާޞިލުވެއެވެ. ދައުލަތާއި މުއްތަހަމަށް ޚަރަދު ކުޑަވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާހައި ހިނދަކު، ކުށުގެ ރެކޯޑެއް އޮތް ކަމަކަށް ނުދައްކާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ކުށެއް ނުކުރާ ފަދައެވެ. ވަޒީފާ ލިބުމާއި، އެނޫންވެސް ކަންކަމުގައި، ކުށުގެ ރެކޯޑެއް އޮވެގެން ދިމާވާ މައްސަލަތަކެއް ދިމައެއް ނުވާނެވެ.