ޚަބަރު

މި އޮފީހުގެ މަސައްކަތްތަކާއި އިވެންޓްތަކާ ގުޅޭ ޚަބަރުތައް
ހެއްކާބެހޭ ޤާނޫނުގެ މައްޗަށް މި އޮފީހުގެ އެކެޑަމީން ލިޔެފައިވާ "އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފި
13 އޮގަސްޓް 2026
ހެއްކާބެހޭ ޤާނޫނުގެ މައްޗަށް މި އޮފީހުގެ އެކެޑަމީން ލިޔެފައިވާ "އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފި
ހެއްކާބެހޭ ޤާނޫނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑަމީން ލިޔެފައިވާ "އެވިޑެންސް: އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފިއެވެ. މި އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާާޙްކުރުމަށް 11 އޮގަސްޓު 2026 ގައި ބާސެލޯ، ނަސަންދްރަގައި ބޭއްވި ޙަފްލާގައި މި ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ. މި އޮފީހުގެ ޕްރޮސިކިއުޓަރުންނާއި، ބޭރުގެ ހެއްކާބެހޭ އެކްސްޕާރޓުންގެ އެހީތެރިކަމާއެކު، މި ފޮތް ލިޔުމުގެ މަސައްކަތް އިސްކޮށް ވިލަރެސްކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ. މި ފޮތުގައި ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކޮށް، ތަޠުބީޤުކުރާނެ ގޮތާއި، މިނިވަން ދީމިޤްރާތީ ޤައުމުތުގައި ޢަމަލުކުރާ ހެއްކާބެހޭ އުޞޫލުތަކަށް ތަފްޞީލުކޮށް އަލިއަޅުވާލާފައިވެއެވެ. " އަޅުގަނޑުމެން މިއަދު މި ނެރޭ ފޮތުގެ މައިގަނޑު ބޭނުމަކީ ހެއްކާބެހޭ ޤާނޫނުގެ އުޞޫލުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދިނުން. ޢަމަލުކުރާ ގޮތާއި މާނަކުރާ ގޮތް އެއްގޮތްކުރުން. މިއީ ހަމައެކަނި ޕްރޮސިކިއުޝަނަށް ޚާއްސަ ފޮތެއް ނޫން. ފަނޑިޔާރުންނާއި، ދިފާޢީ ވަކީލުންނާއި، ތަޙުޤީޤީ އިދާރާތަކުގެ އިތުރުން، ޤާނޫނު ކިޔަވާ ދަރިވަރުންނާއި، ދިރާސާކުރައްވާ ބޭފުޅުންނަށްވެސް ބޭނުންތެރި، އިތުބާރު ހުރި މަޞްދަރަކަށް މިފޮތް ވެގެންދާނެ" - އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ސާމީ، ޑިރެކްޓަރ، ޕީޖީ އެކެޑަމީ މި ފޮތް ޕްރީ އޯޑަރަށް މިހާރު ވާނީ ހުޅުވާލާފައެވެ. ހާރޑް ކަވަރ ފޮތް - 1200 ރުފިޔާ ސޮފްޓް ކަވަރ ފޮތް - 990 ރުފިޔާ މި ފޮތް ޕްރީ އޯޑަރ ކުރައްވާ ޖުޑީޝަރީގެ މުވައްޒަފުންނާއި، ޤާނޫނު ކިޔަވާ ދަރިވަރުންނަށް 20 އިންސައްތަ ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. ފޮތް ޕްރީއޯޑަރ ކުރެއްވުމަށް މި ލިންކަށް ވަޑައިގަންނަވާ: https://docs.google.com/forms/d/e/1FAIpQLSdjM-WggqC33PP7HLahMvoqzfQk6t3o91S3AAerpIm4T5KrOA/viewform
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" ލޯންޗުކޮށްފި
11 އޮގަސްޓް 2026
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" ލޯންޗުކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" މިއަދު ލޯންޗުކޮށްފިއެވެ. މިއަދު، 11 އޮގަސްޓު 2026 ދުވަހު ބާސެލޯ ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެވެ. ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި، މި އޮފީހުގެ އައު ވެބްސައިޓު pgo.mv ލޯންޗުކޮށްފައިވެއެވެ. އަދި މި އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނާ ގުޅޭގޮތުން މި އޮފީހުން ލިޔެ ޝާއިޢުކުރާ ފޮތް - އެވިޑެންސް: އަ ޕްރެކްޓިޝަނަރސް ގައިޑް ފޮތް މި ޙަފްލާގައި ނެރެފައިވެއެވެ. މި ފޮތް ރަސްމީކޮށް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ.
ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕީޖީ ގޮވާލައްވައިފި
03 ޖޫން 2026
ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕީޖީ ގޮވާލައްވައިފި
މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ. އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި، މީގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތްކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް ޕީޖީ ވިދާޅުވިއެވެ. ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ޤައުމުގައި ހުރީ އެކިވަރަށްކަމުން، އެއްޤައުމުގައި ހުންނަ ވަސީލަތް އަނެއް ޤައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެ މިއޮތީ މި ދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށް ވިދާޅުވިއެވެ. "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕްނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިއަހަރުގެ ކޮންފަރެންސްގައި މި އޮފީހުގެ ފަރާތުން ބައިވެރިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއާއި، އަޝްފާޤު ނަޢީމްއާއި، އަޙްމަދު އައިމަން ޢަލީއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
29 އޮކްޓޫބަރު 2025
ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދާއެކު ރަސްމީ މަޝްވަރާތައް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ކުރިއަށްގެންދަވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް މިނިސްޓަރ ފެންވަރުގެ ބޭފުޅެކެވެ. ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިއަށްގެންދިޔަ މި މަޝްވަރާގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޗައިނާގެ ވަފްދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، ދެ ޤައުމުގެ ޕްރޮސިކިއުޝަން އިދާރާތަކުގެ މެދުގައިވެސް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަފްދުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި، މި އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވާނެއެވެ. އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އޭއައި އިންޓަގްރޭޓް ކުރުމާއި، ފައިލިންގ ނިޒާމެއް ޤާއިމުކުރުމާއި، ޢިމާރާތުގެ ދަތިކަން މި އޮފީހުގެ ފަރާތުން ޗައިނާގެ ވަފްދާ ޙިއްޞާކޮށްފައިވާނެއެވެ. މީގެ އިތުރުން ސައިބަރ ކްރައިމް، ފްރޯޑް، މަނީ ލޯންޑްރިންގ ފަދަ މާލީ ތަޙުޤީޤުތައްކުރުމާއި، އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ފަންނީ އެހީތެރިކަމާއި، ޓްރެއިނިންގ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި މި އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އަންނަނިވި ބޭފުޅުންނެވެ. 1. ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް 2. ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމް 3. އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީން 4. އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމް 5. ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ އިންޓަރނޭޝަނަލް އެފެއާރޒް އަލްއުސްތާޛާ ނީޝާން ވަޙީދު 6. ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ ޕްރޮސިކިއުޓަރ ޖެނެރަލްސް އެކެޑަމީ އަލްއުސްތާޛް އަޙްމަދު ނައުފަލް 7. ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ މީޑިއާ އެންޑް ކޮމިޔުނިކޭޝަން އަލްއުސްތާޛް އަޙްމަދު ޝަފީޢު 8. ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ނައުޝާދު 9. ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ލުއްމަ ޢަބްދުލްޙައްނާން ޗައިނާގެ ވަފްދުގައި، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްގެ އިތުރުން، ޗައިނާގެ އެކި ސްޓޭޓްތަކުގެ ޑެޕިއުޓީ ޗީފް ޕްރޮސިކިއުޓަރުންނާއި، އިސް ވެރިން ބައިވެރިވެޑައިގެންފައިވެއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންފައިވެއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުކަމުން، މިއީ ތާރީޚީ ދަތުރުފުޅެކެވެ. ވަފްދުގެ ބޭފުޅުންވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ކެޕްޓަން ރިޓަޔާރޑް ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާވެސް ބައްދަލުކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގަމުންދާ ޢިމާރާތަށް ވަޑައިގެން ވަފްދުގެ ބޭފުޅުން މި ޢިމާރާތް ބައްލަވާލައްވާފައިވެއެވެ. ޗައިނާގެ ވަފްދުގެ ޝަރަފުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ ޚާއްޞަ ރޭގަނޑުގެ ފަރީއްކޮޅެއް މިއަދު މާގިރި ހޮޓެލްގައި އޮންނާނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަޢުވަތަކަށް ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދެއް ރާއްޖެ ވަޑައިގެންފި
ޕްރޮސިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފްގެ ދަޢުވަތަކަށް، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. މި ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް-މިނިސްޓީރިއަލް ފެންވަރުގެ ބޭފުޅެކެވެ. މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ކެޕްޓަން ރިޓަޔާރޑް ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާ ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާނެއެވެ. އަދި ވަފްދުގެ ޝަރަފުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ ރޭގަނޑުގެ ފަރީއްކޮޅެއް ބުދަ ދުވަހުގެ ހަވީރު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި އަހަރުގެ މޭ މަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު މި އޮފީހުން ރާވައި އިންތިޒާމުކުރި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްގެ މައިގަނޑު ބަޔަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުން މި ކޮންފަރެންސްއަށް ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހުށަހަޅައި، އެ ކަރުދާސްތަކާމެދު މަޝްވަރާކުރުމެވެ. މިއަދު މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދިރާސީ ކަރުދާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މަލްޓި-އިންސްޓިޓިއުޝަނަލް ރިސާރޗް އިންޓު ޖުވެނައިލް ޖަސްޓިސް" ފޮތް ރަސްމީކޮށް ޝާއިޢުކޮށްފައިވާނެއެވެ. މި ފޮތް ނެރުއްވައިދެއްވީ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާރޑް އެޑާއިއެވެ. މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ. ކޮންފަރެންސާ ގުޅޭ އެންމެހައި މަޢުލޫމާތު، ކޮންފަރެންސް ވެބްސައިޓު ން ފެނިވަޑައިގަންނަވާނެއެވެ. އަދި ދިރާސީ ކަރުދާސް ފޮތް މި އޮފީހުގެ " ލެތުން " ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފި
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2015/2) ގެ ދަށުން ޤާއިމުކުރެވުނު އެއްބަސްވުމެކެވެ. އެ ޤާނޫނޫގެ ދަށުން، ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ މަސައްކަތްކުރާ މަރުކަޒީ އިދާރާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. ސްރީލަންކާއާއެކު ޤާއިމުކުރެވުނު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފެވެ. ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި 28 ޖުލައި 2025 ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ދެ ޤައުމުގެ ރައީސުންގެ ޙާޟިރުގައި މި އެއްބަސްވުން ބަދަލުކޮށް، ޢަމަލުކުރަން ފަށާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވޭ ނުވަތަ ހޯދޭ އެހީގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ. - ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި، ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި ދެނެގަތުން. - ޝަރީޢަތެއްގައި ހެކިބަސް ދިނުމަށްޓަކައި ނުވަތަ ތަޙުޤީޤެއްގައި އެހީތެރިވުމަށްޓަކައި، ދިވެހިރާއްޖޭގައިވާ މީހަކު ބޭރު ޤައުމަކަށް ފޮނުވުން ނުވަތަ ބޭރު ޤައުމެއްގައިވާ މީހަކު ދިވެހިރާއްޖެއަށް ގެނައުން. - އެއް ޤައުމުގައި ކުރެވޭ ޖިނާއީ ތަޙުޤީޤުތަކުގައި ހޯދާ ހެކިތައް އަނެއް ޤައުމަށް ފޯރުކޮށްދިނުން. - މީހެއްގެ ބަޔާން ނެގުން ނުވަތަ ހެކިބަސް ހޯދުން. - މުދަލުން މުޢާމަލާތުކުރުން ހުއްޓުވުމާއި މުދާ ހިފެހެއްޓުން. މިނޫންވެސް، ޖިނާއީ ކުށްތަކާގުޅިގެން ކުރެވޭ ތަޙުޤީޤުތަކާއި، ހިންގާ ޝަރީޢަތްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުން ހިމެނެއެވެ. މިފަދަ އެއްބަސްވުމެއް ޤާއިމުކުރެވިފައި އޮތުމުގެ މުހިންމުކަމަކީ، ޑިޕްލޮމެޓިކް ޗެނަލްތައް އެއްފަރާތްކޮށް، ދެޤައުމުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ މެދުގައި ސީދާ ގުޅުން ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ވަގުތުން ވަގުތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރުމަށް އަންނަ ލަސްކަން ނައްތާލެވޭނެއެވެ. އަދި އެހީތެރިކަން ދެވޭނެ އުޞޫލުތަކެއް ކަނޑައަޅައި ދެޤައުމުން ރަސްމީކޮށް އެއްބަސްވެފައި އޮތުމުން، ދެޤައުމުގެ އިދާރާތަކުގެ ބައިވެރިވުމާއެކު ތަޙުޤީޤުކުރެވޭ މައްސަލަތަކުގައި ހޯދާ ހެކިތަކާއި އެއްކުރެވޭ މަޢުލޫމާތު ދެޤައުމުގެ ކޯޓުތަކުގައި ބޭނުންކުރެވޭނެއެވެ. ސްރީލަންކާއަކީ ދިވެހިރާއްޖެއިން މިފަދަ އެއްބަސްވުމެއް ޤާއިމުކުރި 2 ވަނަ ޤައުމެވެ. ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން މިފަދަ އެއްބަސްވުމެއް ފުރަތަމަ ޤާއިމުކޮށްފައިވާނީ 2019 ވަނަ އަހަރު އިންޑިއާއާއެކުއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް މި އޮފީހުން ފަންނީ އެހީތެރިކަން ދެނީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ކަމާބެހޭ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ދިނުމާބެހޭ ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފީމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. މިކަން ކުރުމަށް މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެވެ. މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން މި ގެންދަނީ، މިނިސްޓްރީއާ ގުޅިގެން މި އޮފީހުގެ “ އާމަހި ” ވެބްސައިޓުގައެވެ. މިއަދު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން މިނިސްޓްރީން މި މަޢުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެއެވެ. މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި މިކަމާބެހޭ ފަހުމްނާމާގައި މި އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ، ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ޝަރަފްވެރިކޮށްދެއްވައިފިއެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ބެޗްގެ ބެސްޓް އޯލް-ރައުންޑު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ޙުސެއިން ތައިމްއާއި، ކޯހުގެ ވަނަވަނައަށް އައި ބައިވެރިންނަށް ހަނދާނީ ފިލާ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފުވި ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވައި ބަދަނާމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންނާމެދު ރައްޔިތުންގެ މެދުގައި އޮތް އިހުތިރާމާއި ޤަދަރު ކުޑަވެގެން ދިޔަކަމަށެވެ. އަދި ފުލުހުންގެ ޤާބިލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ނަމަވެސް، އޭރު ފުލުހުންނާމެދު އެ އުފެއްދި ކިލަނބު ތަޞައްވުރުން އަދިވެސް އަރައިގަނެވިފައި ނުވާކަމަށެވެ. "ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ފުލުހުންގެ މުއައްސަސާއަށް އޮތް ރައްޔިތުންގެ އިތުބާރު އިތުރުކުރަން ފުލުހުންގެ މުއައްސަސާއިން ކުރަމުން ތިޔަ ގެންދަވާ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ، މި ބޭނުންވާ ނަތީޖާ ޙާޞިލުނުވާނެ މިންވަރަށް ތަޞައްވުރު ނުސާފުކޮށްފައިވާކަން" ޕީޖީ ވިދާޅުވިއެވެ. ފުލުހުންގެ މައްކަތް ޒިންމާދާރުކަމާއެކު އަދާކުރަމުންދާނަމަ ޖިނާއީ ޢަދުލުގެ ނިޒާމުގެ މޫނުމަތި ސާފުވާނެކަމަށާއި، އެއީ ފުލުހުންގެ އެންމެ ބޮޑު އެއް ޒިންމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަސްވެނިވެ ފީލްޑަށް އަލަށް ނުކުންނަ ފުލުހުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ، އަނިޔާ ލިބިފައިވާ މީހުންގެ އެހީތެރިއަކަށް ވުމަށާއި، އިޙްސާންތެރިކަން އިސްކުރުމަށާއި، ބާރު ބޭނުންކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރުމަށާއި، އަވަސްވެގަތުމެއްނެތި ފަރުވާތެރިކަމާއި ސަމާލުކަމާއެކު ނިންމުންތައް ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ. "ބޮޑީ ވޯން ކެމެރާއަށްވުރެ އަމިއްލަ ނަފްސަށް ތެދުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ" ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. މި ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވެފައިވާއިރު، 196 ފުލުހުން އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވެއެވެ. މިއީ 19 ޖަނަވަރީ 2025 އިން ފެށިގެން ކުރިއަށްގެންދިޔަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންނެވެ.
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި އޮފީހާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި މޭމަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި މައިގަނޑު 4 ދާއިރާއަކުން ދިރާސާ ކަރުދާސްތައް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި 5 މަޢުޟޫއަކަށް ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައިވާނެއެވެ. 10 މޭ 2025 ދުވަހު މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، ޖުޑީޝަރި ހިމެނޭގޮތުން ދައުލަތުގެ އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކޮންފަރެންސް ތެރޭގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން ޓީޗަރުންނާއި ބެލެނިވެރިންގެ ޕެނަލްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައިވެއެވެ. މި ކޮންފަރެންސް ތެރޭގައި ދެކެވުނު ވާހަކަތަކާއި، ހުށަހެޅުނު ދިރާސާ ކަރުދާސްތަކުގެ މައްޗަށް "ޕޮލިސީ ރެކޮމަންޑޭޝަން" ތައް ތައްޔާރުކުރުމުގެ މަސައްކަތް މި އޮފީހުން މިގެންދަނީ ކުރަމުންނެވެ. ކޮންފަރެންސްއަށް ތައްޔާރުކުރެވުނު ދިރާސީ ކަރުދާސްތަކާއި ރެކޮމަންޑޭޝަން ކަރުދާސްތައް ތައްޔާރުވުމުން، ކޮންފަރެންސް ވެބްސައިޓު ގައި ޝާއިޢުކުރާނަމެވެ. އޭރުން ފަހުން ކުރެވޭ މިބާވަތުގެ މަސައްކަތްތަކުގައި އެ ތަކެތި ބޭނުންކުރެވޭނެއެވެ.