| |
ENG PHONE: 300 0655

އަލްއުސްތާޛް ޙުސައިން ޝަމީމު

ޕްރޮސިކިއުޓަރ ޖެނެރަލް

ދިވެހިރާއްޖޭގެ ހަތަރުވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަކީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް އުފެދުނުއިރު، ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒާއެކު މަސައްކަތްކުރެއްވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެވަނަ މުވައްޒަފެވެ. އޭގެ އިތުރުން، އޭނާއަކީ، އެންމެ ފުރަތަމަ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެވެ. އެމަޤާމަށް ޢައްޔަން ކުރެވުނީ 4 ފެބްރުވަރީ 2009 ގައެވެ.

ޕްރޮސިކިއުޓަރ ޖެނެރެލްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ޝަމީމުވަނީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ ރައީސްކަން ކުރައްވާފައެވެ. މީގެ އިތުރުން، ޙުސައިން ޝަމީމުއަކީ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޤާނޫނީ ވަކީލެކެވެ.

އަލްއުސްތާޛު ޙުސައިން ޝަމީމް ޤާނޫނީ ވަކީލު ކަމުގެ ހުވައި ކުރެއްވީ 2004 ވަނަ އަހަރުއެވެ. ޤާނޫނީ ދާއިރާއިން ޝަމީމް ޚިދުމަތްކުރަން ފައްޓަވާފައިވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓަރނީއެއްގެ މަޤާމުގައެވެ. އެމަޤާމުގެ އިތުރުން، އެއޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުގެ މަޤާމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިޔަރ އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމާއި، ދެފަހަރެއްގެ މަތިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ. ޤާނޫނީ ދާއިރާއިން ޝަމީމު ކުރައްވާފައިވާ މުޙިއްމު ބައެއް މަސައްކަތްތަކުގެ ތެރޭގައި 2008 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ދިރާސާކޮށް، އެޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށް، އޭރުގެ ބަންޑާރަ ނައިބު ދެއްވި ޤާނޫނީ ލަފާ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެ ފަހުން، މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެއްޓުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ހިންގި ޕްރޮޖެކްޓުގެ ލީޑް ކޮންސަލްޓަންޓުގެ މަޤާމު އަދާކުރެއްވިއެވެ. އެމަސައްކަތުގައި، ޤާނޫނުލްޢުޤޫބާތަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގި ތަމްރީން ޕްރޮގްރާމުތައް ފަރުމާކޮށް ހިންގުމާއި، ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އެޤާނޫނާ ގުޅިގެން ނިއުސްލެޓަރ ތައްޔާރުކުރުންފަދަ ހުރިހާ ކަމެއް ކުރެއްވީ، ޝަމީމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ޙުސައިން ޝަމީމު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އޭގެ ފަހުން، އިނގިރޭސި ވިލާތުގެ ސަރުކާރުން ދެއްވާ ޝިވްނިންގ ސްކޮލަރޝިޕުގައި، 2012 ވަނަ އަހަރު، އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވެއެވެ.