ސުވާލާއި ޖަވާބު
ޖިނާއީ ކުށެއް ހިނގައިފިނަމަ، ކޮންމެ މީހަކަށްވެސް އެކުށުގެ މަޢުލޫމާތު، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކުން ތަޙުޤީޤީ އިދާރާއަކަށް ހުށަހެޅިދާނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް:
- 911 އަށް ގުޅައިގެން
- ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް
- ފުލުހުންގެ މަރުކަޒަކަށް ގޮސްގެން
އެންޓި-ކޮރަޕްޝަން ކޮމިޝަން:
- 1418 އަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން
- މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް
- އޭ.ސީ.ސީގެ ވެބްސައިޓް މެދުވެރިކޮށް
އެހެން ތަޙުޤީޤީ އިދާރާތަކަށް އެ އިދާރާތަކުގެ ނަންބަރަށް ގުޅައިގެން ނުވަތަ އީމެއިލްކޮށް ނުވަތ ސިޓީއަކުން ޖިނާއީ ކުށެއްގެ މަޢުލޫމާތު ޙިއްޞާކުރެވިދާނެއެވެ.
ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި އޮތީ؛ މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެ" ކަމަށެވެ.
މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގައި ދަޢުވާކުރުމާ މެދު ގޮތެއް ނިންމުމުގައި ޤާނޫނީ 2 ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ.
1. އެމީހަކު އެކުށް ކުރިކަން ސާބިތުކުރެވޭނެކަމަށް ބެލެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވޭތޯ؟
2. އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އާންމު މަސްލަހަތު އެބައޮތްތޯ؟
މި ދެޤާނޫނީ ސުވާލުގެ ޖަވާބަކީ އާއެކޭ ނަމަ، އެމައްސަލާގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރާނެއެވެ. މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކީ ނޫނެކޭނަމަ، އެމައްސަލާގައި ދަޢުވާއެއް ނުކުރާނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކީ، މީހެއްގެ މައްޗަށް ދަޢުވާ އުފުލޭނަމަ، އެކުށް އޭނާ ކުރިކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުރިކަން ކަށަވަރުކުރުމާއި، އޭނާގެ މައްޗަށް އުފުލެނީ އޭނާ ކުރި އަމަލަށް އެކަށީގެންވާ ދަޢުވާއެއްކަން ކަށަވަރުކުރުމެވެ.
މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އެމައްސަލައާ ގުޅިގެން ބޭއްވޭ ފުރަތަމަ އަޑުއެހުމުގައި ދަޢުވާއާމެދު ދެކޭގޮތް ބުނަން ކޯޓުން އަންގާނެއެވެ. ދަޢުވާއަށް 2 ގޮތަކަށް ޖަވާބުދާރީވެވިދާނެއެވެ. އެއްގޮތަކީ ކުށަށް އިޢުތިރާފް ވުމެވެ. އަނެއް ގޮތަކީ އިންކާރުކުރުމެވެ.
ދިވެހިރާއްޖޭގައި 187 މެޖިސްޓްރޭޓް ކޯޓު ހުރެއެވެ. އެކޯޓުތަކުން ބަލާނީ ތިރީގައި ހުރި ކުށްތައް ނޫން އެހެން ހުރިހާ ކަމެކެވެ. މެޖިސްޓްރޭޓް ކޯޓުން ނުބެލޭ ކުށުގެ މައްސަލަތައް ބަލާނީ ކްރިމިނަލް ކޯޓުންނެވެ.
މެޖިސްޓްރޭޓް ކޯޓުން ނުބެލޭނެ މައްސަލަތައް:
1. ޤަޞްދުގައި މީހަކު މެރުމުގެ ކުށާއި،
2. ރޭޕް ކުރުމުގެ ކުށާއި،
3. 100,000 ރުފިޔާއިން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތަކާއި،
4. ޑްރަގް ކޯޓަށް ހުށަހަޅަންޖެހޭކަމަށް ޤާނޫނުގައި ބުނާ މައްސަލަތައް
5. ޓެރަރިޒަމްގެ މައްސަލަތައް
ޝަރީއަތުގެ މަރުޙަލާގައި ދައުލަތް ތަމްސީލުކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނެވެ. ޝަރީއަތް ފަށާއިރު، އެމީހެއްގެ މައްޗަށް ކުރާ ދަޢުވާ އާއި، ދަޢުވާ ކުރެވޭ ސަބަބާއި، ދަޢުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބު ޕީޖީ އޮފީހުގެ ވަކީލު ސާފު ކޮށްދޭނެއެވެ.
ޝަރީއަތުގައި ޕީޖީގެ ވަކީލުގެ ދައުރަކީ ދަޢުވާއާ ގުޅިގެން ޕީޖީ އޮފީހުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، ދަޢުވާ ލިބޭ މީހާ އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނާ ކުށް ކުރިކަން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމެވެ. އެކުށް އޭނާ ނުކުރާކަން އޭނާގެ ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ.
ޝަރީޢަތުގެ މަޖިލިސް ފެށި، ހެކިބަސް ނަގާ އަޑުއެހުންތަކުގައި ހެކިން ހާޒިރުކުރުމުގެ ފުރުސަތު ދެފަރާތަށްވެސް ލިބޭނެއެވެ. އެންމެ ފުރަތަމަ ދައުލަތަށެވެ. އެއަށްފަހު ދިފާޢީ ހެކިންނެވެ. ދިފާޢީ ހެކިންނަކީ ދައުވާލިބޭ މީހާ ހުށަހަޅާ ހެކިންނެވެ.
ދެފަރާތުގެ ހެކިންގެ ހެކިބަސް ނަގާ ނިމުމުން، ޚުލާޞާ ގޮތެއްގައި މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. އެހިސާބުން، މައްސަލައިގެ އަޑުއެހުންތައް ނިމުނީއެވެ. ދެން އޮންނާނީ ޙުކުމް ކުރުމެވެ. ޚުލާޞާ ބަޔާން އޮންނަ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ޙުކުމެއް ކުރަންޖެހެއެވެ.
މީހެއްގެ މައްޗަށް ދަޢުވާއެއް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެކުށަށް އަދަބެއް ކަނޑައަޅައި، އެމައްސަލާގައި ޤާޟީ ޙުކުމެއް ކުރާނެއެވެ. އަދަބު ކަނޑައެޅުމުގައި އުފުލާފައިވާ ކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކަށާއި، އަދަބު ކަނޑައެޅުމާ ގުޅޭ އާންމު އުސޫލުތަކަށް ޝަރީއަތުން ރިޢާޔަތްކުރާނެއެވެ.
ދަށު ކޯޓުގެ ނިންމުމެއް ހައިކޯޓުން އަލުން ބަލައިދިނުން އެދިގެން ހުށަހެޅުމަށް، ޤާނޫނީ ބަހުރުވައިގައި ކިޔަނީ އިސްތިއުނާފުކުރުމެވެ.'
ދަށު ކޯޓުން ނިންމި ނިންމުމާ މެދު، ދައުލަތުން ނުވަތަ ދައުވާލިބޭ މީހާ ހިތްހަމަ ނުޖެހޭނަމަ، އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ ޙައްޤު، މައްސަލާގައި ހިމެނޭ ދެމީހުންނަށްވެސް ލިބިގެންވެއެވެ. އިސްތިއުނާފްކުރުމުގެ ފުރަތަމަ މަރުހަލާއަކީ ދިވެހިރާއްޖޭގެ ހައިކޯޓެވެ. ހައިކޯޓަށް މައްސަލައެއް ހުށަހަޅަން ޖެހޭނީ ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ދެކޭ ސަބަބުތަކުގެ ތަފްސީލާއެކުއެވެ. އެމައްސަލަ ހައިކޯޓުން ބަލައިގަނެފިނަމަ، މައްސަލައިގެ ހައިކޯޓުގެ އަޑުއެހުންތައް ކުރިއަށް ދާނީ 3 ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗުން، ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ދަށު ކޯޓުގެ ނިންމުމާމެދު ހައިކޯޓުން ގޮތެއް ނިންމާނެއެވެ.
ހައިކޯޓުން މައްސަލާގައި ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޙައްޤު މައްސަލާގައި ހިމެނޭ 2 ފަރާތަށް ލިބިގެންވެއެވެ. ސުޕްރީމް ކޯޓުގައިވެސް މައްސަލަ ބައްލަވާނީ 3 ފަނޑިޔާރުން ނުވަތަ އެއަށްވުރެ ގިނަ ފަނޑިޔާރުން ހިމެނޭ އޮނަހިރި އަދަދެއްގެ ބެންޗަކުންނެވެ. ސުޕްރީމް ކޯޓުގެ ކޮންމެ ނިންމުމަކީ ނިހާއީ ނުވަތަ އެންމެ ފަހުގެ ޙުކުމެކެވެ. ސުޕްރީމް ކޯޓުގެ ނިންމުމެއް، އެކޯޓު ފިޔަވައި އެހެން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ.
ކުށެއް ރިޕޯޓުކުރެވުމާއެކު، އެކުށެއް ތަޙްޤީޤް ކުރުމުގެ ބާރު ލިބިގެންވާ ތަޙްޤީޤީ އިދާރާއިން (އާންމު ކުށްތަކުގައި ފުލުހުން) އެކުށެއް ތަޙްޤީޤް ކުރާނެއެވެ.
ތަޙްޤީޤް ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ، ހުށަހެޅި މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، އެކަން އެގޮތަށް ހިނގިކަން ސާބިތުކުރުމަށް ލިބޭ ހެކި އަދި އެކަން އެގޮތަށް ކުރީ ތުހުމަތުކުރެވޭ މީހާކަން ސާބިތުކުރުމަށް ހެކި ލިބޭތޯއެވެ.
މިކަން ކުރުމަށްޓަކައި:
- ކުށުގެ އަނިޔާ ލިބުނު މީހުންނާއި، ހާދިސާ ހިނގި މަންޒަރު ފެނުނު މީހުންނާއި، އަޑުއިވުނު މީހުންނާއި އެކަމުގެ މަޢުލޫމާތު ލިބިހުރި މީހުންގެ ބަޔާން ނެގިދާނެއެވެ.
- ތުހުމަތުކުރެވޭ މީހާއާ ސުވާލުކޮށް އޭނާގެ ބަޔާން ނެގުން ޤާނޫނު ލާޒިމުކުރެއެވެ.
- މީގެ އިތުރުން މައްސަލައިގެ ބާވަތުން، ސީސީޓީވީ ފޫޓޭޗް އެއް ލިބޭތޯ ބެލުން، ފޮރެންސިކް ހެކި ހޯދުން (އިގިލީގެ ނިޝާންތަކާއި، ޑީއެންއޭ ހެކިތައް)، މޯބައިލް ފޯނުތަކާއި، ޓެބްލެޓް ތަކާއި، މިފަދަ ވަސީލަތްތަކުން ޑިޖިޓަލް ހެކި ހޯދިދާނެއެވެ.