ސުވާލާއި ޖަވާބު
ޖިނާއީ ކުށުގެ ޢަމަލެއްގެ މައްޗަށް، ޤާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ސަބަބުން ދެނަތީޖާއެއް ނުކުމެއެވެ.
ފުރަތަމަ ނަތީޖާއަކީ، ކުށްކުރި މީހާއަށް، އެކުރި ކުށުގެ އަދަބު، ޤާނޫނުގައިވާ ގޮތުގެ މަތިން ލިބުމެވެ. އެމައްސަލައެއް ތަޙުޤީޤުކޮށް، ޖިނާއީ ދަޢުވާ ކޮށްގެން، އެ ދަޢުވާ އެ މީހާގެ މައްޗަށް ސާބިތުކުރެވޭތޯ މަސައްކަތްކުރުމެވެ. އެ މަސައްކަތްކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ކުށް ސާބިތުވުމުން، އެ މީހަކަށް، ޤާނޫނުގައި ބަޔާންކުރާ، ޖަލަށްލުން، ނުވަތަ ޖޫރިމަނާކުރުން، ނުވަތަ ގޭބަންދުކުރުން، ނުވަތަ އެ ނޫން އަދަބެއް އެ މީހަކަށް ދޭނެއެވެ. މިމަސައްކަތްކުރުމުގައި، އަނިޔާ ލިބުނު މީހާގެ ރުހުމެއް އޮތްތޯ ނެތްތޯއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކުން ޢާންމު ގޮތެއްގައި ނުބަލާނެއެވެ.
ދެވަނަ ނަތީޖާއަކީ އަނިޔާ ލިބުނު މީހާއަށް، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ލިބުމެވެ. އެވާހަކަ، އެކި ޤާނޫނުތަކާއި ގަވާއިދުތަކުގައި އެބައޮތެވެ. ކުށުގެ ޝިކާރައަކަށްވާ މީހާއަށް، މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރާ އެކިއެކި ޤާނޫނުތަކާއި ގަވާއިދުތަކުން ލިބިދޭ ފަރުވާތަކާއި ޙައްޤުތައް، މިބައިގައި ދެން ހުރި ސުވާލުތަކުގެ ޖަވާބުތަކުން ސާފުވާނެއެވެ.
2015 ވަނަ އަހަރު ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކުށުގެ މައްސަލަތަކުގައި އަނިޔާ ލިބޭ މީހާއަށް ބަދަލު ނަގައިދިނުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުން އައި ކަމެކެވެ. އޭރު ނިޒާމު އޮތް ގޮތުން، އަމިއްލަ ގޮތުން ބަދަލު ހޯދުމަށް ދިއުމަކީ ޤާނޫނުގައި ދީފައި އޮތް ފުރުޞަތެއް ނޫނެވެ. ނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ 14 ވަނަ މާއްދާ (މަދަނީ ފަރުވާތައް ދެމެހެއްޓުން) ގައި، ކުށެއްގެ ސަބަބުން ގެއްލުން ލިބޭ މީހަކަށް ބަދަލު ހޯދުމަށް އަމިއްލައަށް ދައުވާކުރެވިދާނެކަމަށް ލިޔުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަދަލުގެ ބައި ހުށަހެޅުން މަޑު ޖައްސާލިއެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ދައުލަތުންކުރާ ދައުވާގައި ބަދަލުގެ ވާހަކަ ނެތަސްވެސް، ގެއްލުން ލިބުނު މީހާއަށް އަމިއްލައަށް ބަދަލު ހޯދުމަށް، ސިވިލް ކޯޓުގައި ދައުވާކުރެވިދާނެއެވެ.
ގެއްލުމުގެ ބަދަލު ހޯދަން، ޖިނާއީ ނިޒާމުގެ ބޭރުން، ސިވިލްކޯޓުގައި ދަޢުވާކުރާއިރު، އެމައްސަލައެއްގައި ހިމެނޭ ކުށް، ކްރިމިނަލް ކޯޓުގައި ސާބިތުވާކަމަށް ނިންމަވާފައިވާނަމަ، ސިވިލް ކޯޓުގައި ހިނގާ މައްސަލައިގައި، އެހާދިސާ ހިނގިކަން އިތުރަށް ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. ސީދާ ބަދަލާބެހޭ ގޮތުން ވާހަކަ ދެއްކޭނެއެވެ. ނަމަވެސް، އެމައްސަލަ ކްރިމިނަލް ކޯޓުގައި ނުނިމޭނަމަ، އެހާދިސާ ހިނގިކަންވެސް ބަދަލުނަގައިދޭން އެދޭ މީހާ މަދަނީ މިންގަނޑުން ސާބިތުކޮށްދޭންޖެހޭނެއެވެ. މިއީ ޖިނާއީ މިންގަނޑަށްވުރެ ލުއި މިންގަނޑަކަށްވިޔަސް، މިކަން ކުރުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމުގައި އޮންނަ އިޖުރާއަތުތަކާއި އުޞޫލުތައް ޢާންމު މީހަކަށް ދަސްކުރަން ދަތިވާނެތީ، ޢާންމު ގޮތެއްގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން މިކަމުގައި ބޭނުންވާނެއެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ދައުލަތުންކުރާ ދައުވާގައި ބަދަލުގެ ވާހަކަ ނެތަސްވެސް، ގެއްލުން ލިބުނު މީހާއަށް އަމިއްލައަށް ބަދަލު ހޯދުމަށް، ސިވިލް ކޯޓުގައި ދައުވާކުރެވިދާނެއެވެ. ނަމަވެސް، އަނިޔާ ލިބޭ ކޮންމެ މީހަކަށް، މިއީ ކުރަން ފަސޭހަ ކަމަކަށްނުވާނެތީއާއި، މިއޮފީހުގެ ސިޔާސަތަކީ އަނިޔާލިބޭ މީހުންނަށް ވީހާވެސް ބޮޑު އެހީތެރިކަމެއް ދިނުންކަމަށްވާތީ، ދައުލަތުން އަލުން މިކަން ކޮށްދިނުމާ ޙަވާލުވާންޖެހޭކަމަށް މިއޮފީހަށް ޤަބޫލުކުރެވެއެވެ. މިއީ، ސިޔާސަތަށް ގެންނަ ބަދަލަކުން ކުރެވޭނެ ކަމެކެވެ. ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމެއް ނޫނެވެ.
މިކަން ކުރަން ޤަޞްދުކުރަނީ އެކި މަރްޙަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރްޙަލާއަކީ ޖިނާއީ ބޮޑެތި މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ބަދަލު ނަގައިދިނުމުގެ ބައި ހިމަނައިގެން ދައުވާގެ ލިޔުންތައް ކޯޓަށް ހުށަހެޅުމެވެ. އެއަށްފަހު، މަޑުމަޑުން ހުރިހާ މައްސަލަތަކަށްވެސް މިނިޒާމު ފުޅާކުރުމެވެ. މަރްޙަލާތަކަކަށް ބަހާލައިގެން ގެންދަންޖެހޭ ސަބަބަކީ، ބަދަލާބެހޭ ލިޔުންތަކަކީ ތަޙްޤީޤު މަރްޙަލާގައި ހޯދަންޖެހޭ ލިޔުންތަކަކަށްވާތީ، އެކަމަށް، ތަޙްޤީޤުކުރުމުގެ އުޞޫލުތަކަށްވެސް ބަދަލުތައް ގެންނަންޖެހޭތީ، އެކަމަށް ވަގުތު ނަގާނެތީއެވެ.
ޤާނޫނީ އަސާސް: ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 2 ގެ 31 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ވަނަ މާއްދާގެ (ށ) ގެ 9 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1105 ވަނަ މާއްދާގެ (ހ) އާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 48 ވަނަ މާއްދާގެ ދަށުން
×___ ކުށްވެރިޔާ، އޭނާ ކުރާ ކުށުގެ ސަބަބުން މީހަކަށް ނުވަތަ ޤާނޫނީ ޝަޚްޞަކަށް ލިބޭ އެންމެހާ ގެއްލުމުގެ ބަދަލު ދޭންވާނެއެވެ.
×___ޖިނާއީ މައްސަލަތަކުގައި، ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެ ކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް އެ ކޯޓަކަށް ބެލޭނެއެވެ.
×___ޖިނާއީ ކުށަކާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ތަޙުޤީޤީ އިދާރާއަށް މައްސަލަ ހުށަހަޅާއިރު، ލިބުނު ގެއްލުމުގެ މިންވަރު ސާބިތުކުރެވޭނެ ހެކި ނުވަތަ ލިޔުން ހުށަހަޅާށެވެ. އޭރުން، މި އޮފީހުން ދަޢުވާލިބޭ މީހާގެ މައްޗަށް ކުށުގެ ދަޢުވާކުރާއިރު، ކުށާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު، ގެއްލުން ލިބުނު ފަރާތަށް ނަގައިދިނުމަށް އެދި ހުށަހަޅާނެއެވެ.
×___މިސާލަކަށް، ކާރަކަށް ގެއްލުމެއް ދޭ މައްސަލައެއްގައި، އެ ކާރު މަރާމާތުކުރުމަށް ކުރި ޚަރަދު އެނގޭނެ ލިޔުން، މުދަލުގެ ވެރިފަރާތުން ތަޙުޤީޤީ އިދާރާއަށް ހުށަހެޅުމުން، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާކުރާއިރު، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި މި އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅާނެއެވެ. މުދަލަށް ގެއްލުން ދިނުމުގެ ކުށް އެ މީހެއްގެ މައްޗަށް ސާބިތުވުމާއެކު، މުދަލަށް ލިބުނު ގެއްލުމުގެ މިންވަރު/އަގު ސާބިތުކޮށްދެވިއްޖެނަމަ، ބަދަލު ދިނުމަށް ދަޢުވާލިބޭ މީހާގެ މައްޗަށް އަމުރުކުރެވޭނެއެވެ.
×___ހަމައެގޮތަށް، މާރާމާރީގެ މައްސަލައެއްނަމަ، ލިބުނު އަނިޔާއަށް ބޭސްފަރުވާކުރުމަށް ހިނގި ޚަރަދު އެނގޭނެ ލިޔުން ތަޙުޤީޤު މަރުހަލާގައި ހުށަހަޅައި، ބަދަލު ނަގައިދިނުމަށް އެދޭ ހާލަތުގައި، މި އޮފީހުން ދަޢުވާކުރާއިރު، އެ ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅޭނެއެވެ.
ޤާނޫނީ އަސާސް: ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާ (ގެއްލުމުގެ ބަދަލު)
×___ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އަންނަނިވި ކަންކަމަށް ބަދަލު ހޯދުމަށް މަދަނީ ދަޢުވާކުރުމުގެ ޙައްޤު ކުއްޖާއަށް/ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންވެއެވެ:
(i) ކުޑަކުއްޖާއަށް ޖިސްމާނީގޮތުން ލިބުނު ގެއްލުން.
(ii) ޖިސްމާނީގޮތުން ކުޑަކުއްޖާއަށް ލިބުނު ގެއްލުމަށް ކުރަންޖެހުނު ޚަރަދުގެ ބަދަލު.
(iii) ކުޑަކުއްޖާއަށް ނަފްސާނީގޮތުން ލިބުނުގެއްލުމުގެ ބަދަލު.
(iv) ކުޑަކުއްޖާއަށް ކުރިމަތިވި ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.
(v) ކުޑަކުއްޖާގެ އުމުރުން ޅަފަތުގައި މުޖުތަމަޢުގައި އޭނާއާމެދު މީހުން ދެކޭގޮތަށް އައިބަދަލުގެ އަގު.
×___ މި މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި މަދަނީ ދަޢުވާކުރެވޭނީ، ޖިނާއީ ކުށުގެ މައްސަލަ ސާބިތުވާކަމަށް ނިމުމުންނެވެ. މަދަނީ ދަޢުވާ ހުށަހަޅަންޖެހޭނީ އިޚްތިސާސް ލިބިގެންވާ ކޯޓަކަށެވެ. މަދަނީ ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓަކަށެވެ. ބަދަލު ހޯދުމުގެ މަދަނީ ދަޢުވާ ހުށަހަޅާއިރު، ޖިނާއީ ދަޢުވާ ސާބިތުވިކަން ސާބިތުކުރުމަށް، އެ މައްސަލައިގެ ޙުކުމާއި، ލިބުނު އަނިޔާ ސާބިތުކުރުމަށް، އެކަމާ ގުޅޭ ހެއްކާއި، ގެއްލުމުގެ އަގު ސާބިތުކުރެވޭނެ ހެކި ހުށަހަޅަން ޖެހޭނެއެވެ.
×___ އަނިޔާލިބުނު ކުއްޖާގެ ފަރާތުން މިމައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. އެކަމަށްޓަކައި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ބޭނުންނަމަ، އެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދޭނެއެވެ.
ތިން ބާވަތެއްގެ ޖިންސީ ކުށުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން، އެކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ޝިކާރައަށްވީ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އަނިޔާ އޭނާއަށް ދިން މީހާގެ އަތުން ހޯދުމުގެ ޙައްޤު، ކުށުގެ ޝިކާރައަށްވީ މީހާއަށް ލިބިގެންވެއެވެ. އެ ތިން ކުށަކީ:
1) ރޭޕްކުރުމުގެ ކުށް
2) ޖިންސީ އަނިޔާއެއް ކުރުމުގެ ކުށް
3) ޖިންސީ ގޯނާއެއް ކުރުމުގެ ސަބަބުން
މި ތިން ބާވަތުގެ ކުށުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން މައިގަނޑު ދެ ބާވަތެއްގެ ބަދަލު ހޯދުމަށް އެދި ދަޢުވާކުރެވިދާނެއެވެ. އެއީ:
(i) އިޤްތިޞާދީ ބަދަލު
އިޤްތިޞާދީ ބަދަލަކީ، ކުށުގެ ސަބަބުން ލިބޭ އަނިޔާއާ ގުޅިގެން ކުށުގެ ޝިކާރައަށްވީ މީހާއަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ކުރި ޚަރަދު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ޚަރަދު ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ހޯދަންޖެހިފައިވާ ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ޚަރަދުގެ ބަދަލެވެ.
(ii) ޣައިރު އިޤްތިޞާދީ ބަދަލު
ޣައިރު އިޤްތިޞާދީ ބަދަލުގެ ތެރޭގައި ހިމެނެނީ، ކުށުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ކުށުގެ ޝިކާރައަކަށްވީ މީހާގެ ހަށިގަނޑަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލާއި، ގުނަވަނެއް ނެތިގޮސްފައިވާނަމަ އެކަމުގެ ބަދަލާއި، ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލާއި، ކުށުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ޝިކާރައަށްވީ މީހާ، އެ އަނިޔާގެ ފަހުން ދިރިއުޅުމުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިޙްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލާއި، ކުށުގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ ކުށުގެ ޝިކާރައަށްވީ މީހާއަށް ވަޒީފާއެއް ލިބުމަށް ހުރި ހުރަސްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލާއި، މައްސަލާގައި ދަޢުވާކުރުމަށް ހިނގާފައިވާ ޚަރަދެވެ.
ޖިނާއީ މައްސަލަތަކަކީ އާންމު އުސޫލަކުން ހުޅުވާލައިގެން ޝަރީޢަތްކުރަންޖެހޭ މައްސަލަތަކެކެވެ. އެހެންނަމަވެސް، ޖިންސީ ކުށުގެ މައްސަލަތަކުގައި ޝިކާރައަކަށްވާ ކުޑަކުދިންނާއި، ބޮޑު މީހުންގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި ބާވަތުގެ މައްސަލަތަކުގެ ޝަރީޢަތް ސިއްރުން ހިންގުން ޤާނޫނު ލާޒިމުކުރެއެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި މީހުންގެ މަޢުލޫމާތު އެއްވެސް އިދާރާއަކުން ހާމަކުރުމާއި، މިޑީއާގައި ޝާއިޢުކުރުމަކީ ޤާނޫނު މަނާކުރާ ކަމެކެވެ.
ޖިންސީ ކުށުގެ ޝިކާރައަކަށްވާ ކުޑަކުއްޖާއަށް، ނަފްސާނީގޮތުން ދިމާވެދާނެ ހުރިހާ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ ސަރުކާރުގެ ޚަރަދުގައި ލިބުމުގެ ޙައްޤު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 55 ވަނަ މާއްދާ (ކައުންސެލިންގ ދިނުން) އިން ކަށަވަރުކޮށްދެއެވެ.
ކައުންސެލިންގއަށް އެދުމުގެ ފުރުސަތު އަންނަނިވި ދެ ހާލަތުގައި އޮވެއެވެ:
(i) ޑަކްޓަރީ ރިޕޯޓަށް ބެލުމަށްފަހު، ވަކި މުއްދަތެއް ވަންދެން ކުއްޖާއަށް ކައުންސެލިންގ ދިނުމަށް ލަފާދީފައިވުން؛
(ii) މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ނުވަތަ އެ ވަގުތަކު ކުއްޖާ ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތަކުން އެކަމަށް އެދުން.
ޖިންސީ ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ އިތުރުން، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ބޮޑު މީހުންނަށްވެސް ސަރުކާރުގެ ޚަރަދުގައި ކައުންސެލިންގ ޚިދުމަތް ލިބޭނެއެވެ. އެގޮތުން، ބޮޑު މީހުންނަށް ކައުންސެލިންގ ޚިދުމަތް ދޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚަރަދުގައި، އެ އޮތޯރިޓީއިން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިކޮށެވެ.
ކުށުގެ ޝިކާރައަކަށްވާ ކުޑަކުއްޖާ ބެލެހެއްޓުމަށް، އެކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށް މާލީއެހީތެރިކަން ބޭނުންވެއްޖެނަމަ، ތިރީގައިވާ ދެކަންތަކަށް އެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެއެވެ:
(i) ކުށުގެ ޝިކާރައަކަށްވާ ކުޑަކުއްޖާގެ ޑަކްޓަރީ ރިޕޯޓަށް ބެލުމަށްފަހު، ވަކި މުއްދަތެއްވަންދެން ނުވަތަ މުއްދަތެއް ނެތް ގޮތެއްގައި ވަކި ކަމަކަށް ފަރުވާކުރަންޖެހޭ ކުއްޖެއްނަމަ ފަރުވާކުރުމަށް ދާ ޚަރަދު؛
(ii) ކުށުގެ ސަބަބުން ކުއްޖާއަކީ ނުކުޅެދޭ ކުއްޖަކަށް ވެއްޖެނަމަ، ނުވަތަ ބުއްދޫގެ ތަސައްރަފުކުރުން މަހްރޫމުވެފައިވާ ކުއްޖެއްނަމަ، އެ ކުއްޖާއަށް އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތަކާއި، ޚައްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުވައިދޭ އެހީ ލިބިގަތުމަށް މަގުފަހިކޮށްދިނުން.
ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާ (ޚަރަދު ހަމަޖައްސައިދިނުން) އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާ (ޚަރަދު ހަމަޖައްސައިދިނުން) އިން މި ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ.
ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ ޝިކާރައަކަށްވާ އެއްވެސް މީހަކު ބެލެހެއްޓުމުގައި، އޭނާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔަކަށް އެހިނދުން އެހިނދަށް މާލީ އެހީތެރިކަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޯރުކޮށްދޭނެއެވެ.
އަންނަނިވި ބާވަތްތަކުގެ ކުށުގެ ޝިކާރައަކަށްވީ ފަރާތް މާބަނޑުވެދާނެކަމަށް ނުވަތަ މާބަނޑުވެފައިވާކަމަށް ޞިއްޙީ ޚިދުމަތްދޭ ޑޮކްޓަރަކަށް ފާހަގަކުރެވޭ ޙާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުން ފޯރުކޮށްދޭނެއެވެ:
1. ރޭޕްކުރުމުގެ ކުށް
2. ރޭޕްކުރަން އުޅުމުގެ ކުށް
3. ޖިންސީ އަނިޔާގެ ކުށް
4. ޖިންސީ އަނިޔާ ކުރަން އުޅުމުގެ ކުށް
5. ޖިންސީ ގޯނާގެ ކުށް
6. ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށް
7. މަޙްރަމަކާއެކު، އެ މަޙްރަމާގެ ނުރުހުމުގައި ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް
8. ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް
9. ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާޢުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ގަދަވެގަނެ، އޭނާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް
ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުން އެ ފަރުވާ ދޭނީ، ކުށުގެ ފަރުވާ ކުށުގެ ޝިކާރައަކަށްވީ ފަރާތުން އެ ފަރުވާ ލިބިގަތުމަށް ރުހޭނަމައެވެ. މިއީ ޤާނޫނު ނަންބަރު: 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ 5-50 ވަނަ މާއްދާ (ރޭޕްގެ ޝިކާރައަކަށްވާ ފަރާތް މާބަނޑުވުމުން ރައްކާތެރިކަން ލިބުން) އިން ކަށަވަރުކޮށްދޭ ޙައްޤެކެވެ.
×___ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއާ، އެ ޢަމަލު ހިންގި މީހާ މުޢަމަލާތްކުރުމުން ދުރުކުރުވުމަށްޓަކައި، ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ޙައްޤު، ކުށުގެ ޝިކާރައަކަށްވާ މީހާއަށް ލިބިގެންވެއެވެ.
×___އެފަދަ އަމުރެއްގެ ބޭނުމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، އޭނާގެ ޙައްޤުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނުމެވެ.
×___ތިންވަނަ ފަރާތެއް މެދުވެރިކޮށްވެސް ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
×___ކޯޓު އަމުރު ހޯދުމުގައި ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަކީ ލާޒިމު ކަމެއް ނޫނެވެ. އަދި އަމުރު ހޯދުމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ފުލުހުންނާއި، ކޯޓުގެ އެހީތެރިކަން ހޯދިދާނެއެވެ.
×___ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެހެންކަމުން، ގެވެށި އަނިޔާ ކުރި ފަރާތުން އެ އަމުރާ ޚިލާފުވެއްޖެނަމަ އެކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުމުން، ތުހުމަތުކުރެވޭ މީހާއާމެދު ފިޔަވަޅު އެޅޭނެއެވެ.
×___ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހިންގޭ ޝަރީޢަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހަކު ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ، ދައުލަތުން އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައިދޭނެއެވެ.
މީހަކާމެދު ޓޯޗަރގެ ޢަމަލެއް ހިންގާފައިވާކަމަށް މީހަކު ނުވަތަ ބަޔަކުގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ ޝިކާރައަކަށްވާ މީހާއަށް، ޤާނޫނު ނަންބަރު: 2013/13 (އެންޓި-ޓޯޗަރ ޤާނޫނު 2013) ގެ ދަށުން މައިގަނޑު ދެ ބާވަތެއްގެ ބަދަލު ނަގައިދެވޭނެއެވެ. އެއީ:
1. އިޤްތިޞާދީ ބަދަލު (އެންޓި ޓޯޗަރ ޤާނޫނުގެ 31 ވަނަ މާއްދާ)
2. ޣައިރު އިޤްތިޞާދީ ބަދަލު (އެންޓި ޓޯޗަރ ޤާނޫނުގެ 32 ވަނަ މާއްދާ)
ބަދަލު ހޯދުމަށް އެދޭ މައްސަލަ ހުށަހަޅަންޖެހޭނީ، ޓޯޗަރކުރިކަމުގެ ދަޢުވާލިބޭ މީހާ/މީހުންގެ މައްޗަށް އެ ދަޢުވާ ސާބިތުވުމުން، ސިވިލް ކޯޓަށެވެ. ބަދަލު ހޯދުމަށް އެދޭ މައްސަލައަކީ، އަނިޔާލިބުނު މީހާ ހުށަހަޅަންޖެހޭނެ މައްސަލައެކެވެ.
ޤާނޫނު ނަންބަރު: 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ޓްރެފިކްކުރެވޭ ކަމަށް ބެލެވޭ މީހުންނާއި، ޓްރެފިކްކުރެވިފައިވާ މީހުންނަށް، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވެފައިވާ ޤާނޫނީ ހައިސިއްޔަތަށް ބެލުމެއް ނެތި، މި ޤާނޫނުގެ ދަށުން ކަށަވަރުކޮށްދޭ ޙައްޤުތައް ލިބިދޭންޖެހެއެވެ. މީގެ ތެރެއިން، އަންނަނިވި ޚިދުމަތްތައް ލިބިދެވޭނެ އިންތިޒާމު ކަމާބެހޭ މިނިސްޓްރީއިން ހަމަޖައްސައިދޭންޖެހެއެވެ.
1. ޓްރެފިކްކުރެވޭކަމަށް ބެލެވޭ މީހަކު މައްސަލައާގެން ކުރިއަށްދާން ނިންމާ ގޮތަކާމެދު ވިސްނުމަށް ދެވޭ މުއްދަތުގައި ދިރިއުޅުމަށް އެކަށީގެންވާ ތަނެއް އޭނާއަށް ހޯދައިދިނުން؛
2. ޞިއްޙީ ފަރުވާ ލިބިދެވޭނެ އިންތިޒާމު؛
3. ކައުންސެލިންގގެ ޚިދުމަތް؛
4. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދިދާނެ ގޮތުގެ މަޢުލޫމާތު؛
5. ޤާނޫނުގެ ދަށުން ލިބިދޭ އެހީތެރިކަން ހޯދުމަށްޓަކައި ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، އެފަދަ ތަރުޖަމާނެއްގެ ޚިދުމަތް؛
6. ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ، ބޭރު ޤައުމެއްގެ ރައްޔިތެއް ކަމުގައިވެފައި، އެ ޤައުމަކަށް އޭނާ އެނބުރި ދިޔުމަށް އެދިއްޖެނަމަ، އޭނާ އެ ޤައުމަށް ފޮނުވުމަށްޓަކައި ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް
ޓްރެފިކްކުރެވޭ މީހާއަށް، އެ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ޤާނޫނުން ކަށަވަރުކޮށްދެއެވެ. ބަދަލު ހޯދޭނެ ދެ ގޮތެއް ޤާނޫނުގައި އެބައޮތެވެ.
އެއްގޮތަކީ، ޓްރެފިކްކުރެވޭ މީހާ، އޭނާ ޓްރިފިކްކުރި މީހާގެ މައްޗަށް މަދަނީ ދަޢުވާކުރުމެވެ. ޖިނާއީ މައްސަލަ ނުނިމެނީސްވެސް މަދަނީ ދަޢުވާކުރެވިދާނެއެވެ.
ދެވަނަ ގޮތަކީ، ޖިނާއީ މައްސަލަ ތެރެއިން، ބަދަލު ނަގައިދިނުމަށް އެދުމެވެ. މި ހާލަތުގައި، ޓްރެފިކްކުރެވޭ މީހާއަށް، ޓްރެފިކްކުރި މީހާގެ އަތުން ބަދަލު ނަގައިދިނުމަށް އެދޭނީ މި އޮފީހުންނެވެ. މި އޮފީހަށް އެކަން ކުރެވޭނީ، ޓްރެފިކްކުރެވޭ މީހާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލާއި، އެކަން އެނގޭނެ ހެކި ނުވަތަ ލިޔުންތައް ޓްރެފިކްކުރެވޭ މީހާ ތަޙުޤީޤީ އިދާރާއާ ހިއްސާކޮށްފައިވާނަމައެވެ.
މިގޮތުން ނަގައިދެވޭނެ ބަދަލުތަކަކީ:
1. އޭނާއަށް ލިބެންޖެހި ނުލިބިވާ އުޖޫރަ؛
2. ޤާނޫނާ ޚިލާފަށް އުޖޫރައިން އުނިކޮށްފައިވާ ޢަދަދުތައް؛
3. ޤާނޫނާ ޚިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއަކަށް ނުވަތަ ރެކްރޫޓްމަންޓް އެޖެންސީއަކަށް ދައްކާފައިވާ ރެކްރޫޓްމަންޓް ފީ؛
4. ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އުޖޫރައިން އުނިކޮށްފައިވާ ޢަދަދު؛
5. ޓްރެފިކްކުރުމުގެ ޝިކާރައަކަށްވުމުގެ ސަބަބުން މެދުވެރިވެފައިވާ ޞިއްޙީ ޙާލަތެއްގެ ސަބަބުން ހޯދަންޖެހުނު ބޭސްފަރުވާއަށް ހިނގި ޚަރަދު؛
6. ސީދާގޮތުން ލިބުނު އެނޫންވެސް ގެއްލުމުގެ ބަދަލު.