| |
ENG PHONE: 300 0655

ސުވާލާއި ޖަވާބު

ޖިނާއީ މައްސަލަތައް ހިނގާ ގޮތް
ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓެއް ހޯދުން
ފޯނަށް ޖަވާބުދޭ ގޮތް
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފުތަރު
ނަޞޭޙަތުގެ / އިޢުތިރާފުގެ އެއްބަސްވުން
ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތައް
ތަޙްޤީޤު ހިނގާގޮތާމެދު ޝަކުވާއެއް އޮތުން
ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނުތަކުން ލިބިދޭ ފަރުވާ
ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކޮށްފައިވާ ކުށުގެ ރެކޯޑު ދޫކުރާ އުޞޫލު

މިއީ، އެކި ބޭނުންތަކަށް، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ހުށަހެޅުންތަކަށް، އަވަސް، ހަރުދަނާ އަދި އިތުބާރުހުރި ގޮތަކަށް ޖަވާބު ދިނުމަށްޓަކައި ޢަމަލުކުރާނެ އުޞޫލެވެ.


ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv/ އަށް، އީފާސް މެދުވެރިކޮށް ލޮގްއިން ކުރުމަށްފަހު، މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގައި ބައި ނަގައި، ފޮނުވައިފިނަމަ، ގިނަވެގެން، މަސައްކަތު އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކުރުމަށްފަހު، އެ ޕޯޓަލުން ޖަވާބު ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސައިދޭނަމެވެ. މިޚިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެއެވެ.

 

މަތީގައި، ކުށުގެ ރެކޯޑު ސާފުކޮށްދޭނީ މަސައްކަތު އެއްދުވަހުގެ ތެރޭގައިކަމަށް އޮތަސްވެސް، ކުށުގެ ރެކޯޑެއް އޮވެގެން، ކޯޓުގައި މައްސަލަ އޮތް ޙާލަތު ބަލަންޖެހޭނަމަ، ނުވަތަ އެނޫންވެސް ފަންނީ ސަބަބެއް މެދުވެރިވެ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރެއްޖެނަމަ، އެއް ދުވަހުގެ ތެރޭގައި ޖަވާބު ނުލިބިދާނެއެވެ.

 

ނަމަވެސް، މިއީ، ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހެޅޭ ފޯމުތަކުގެ ގިނަވެގެން %10 ފޯމަށް ދިމާވުމުގެ ފުރުޞަތު އޮވެދާނެ ޙާލަތެކެވެ. ބާކީ %90 ފޯމަށް އެއް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.


ވަކި އިދާރާއަކުންދޭ ފޯމެއްގައި ކުށުގެ ރެކޯޑު ސާފުކުރަންޖެހޭނަމަ، އެފޯމު އޮންލައިން ޕޯޓަލަށް އަޕްލޯޑު ކުރުމުން، އެފޯމުގައި ކުށުގެ ރެކޯޑު ސާފުކޮށް، ސޮއިކުރުމަށްފަހު، މިއޮފީހުން އަޕްލޯޑުކުރާނަމެވެ. އޭރުން، އޮންލައިން ޕޯޓަލުން އެފޯމު ޑައުންލޯޑްކުރެވޭނެއެވެ.


އީމެއިލުގެ ޛަރީޢާއިން ކުށުގެ ރެކޯޑު ސާފުކުރަން ބޭނުންނަމަ، [email protected] އަށް، ކުށުގެ ރެކޯޑު ސާފުކުރަން އެދޭ ފޯމާއި، އެކަމަށް އެދޭ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީމެއިލްކުރުމުން، ގިނަވެގެން މަސައްކަތު 2 (ދޭއް) ދުވަހުގެ ތެރޭގައި ޖަވާބު އީމެއިލްކުރާނަމެވެ.


އޮފީހުގެ ކައުންޓަރަށް ފޯމެއް ހުށަހަޅާނަމަ، ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅާ ފޯމުގެ ޖަވާބު، އެދުވަހުގެ 13:30 ގައި ލިބޭނެއެވެ. 12:00 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:00 ގެ ފަހުން ލިބޭނެއެވެ.


އޮންލައިން ޕޯޓަލަށް ނުވަތަ އީމެއިލުން ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހެޅުމުން، ދުވަސްގުނާނީ، ފޯމު ނުވަތަ އީމެއިލު ލިބޭ ވަގުތުން ފެށިގެން އެންމެ ފުރަތަމަ ޖެހޭ އޮފީސް ހުޅުވާ ވަގުތު ލިބުނު ހުށަހެޅުމެއްކަމަށް ބަލައިގެންނެވެ. މިސާލަކަށް، ހަވީރު 5:00 ގައި އޮންލައިންކޮށް ހުށަހަޅާ ފޯމު، އޮފީހަށް ރަސްމީކޮށް ލިބުނުކަމަށް ބަލާނީ، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 ގައެވެ.


ޚާއްޞަ އިސްތިސްނާއީ ޙާލަތުތަކުގައާއި، ކޮންމެހެން ވަގުތުން ކުށުގެ ރެކޯޑު ސާފުކުރަންޖެހޭ ކަންކަމުގައި، ސަބަބު ބަޔާންކޮށް ހުށަހެޅުމުން، މަޤްބޫލު ސަބަބެއްކަމަށް ފެނިއްޖެނަމަ، އިސްތިސްނާ ޙާލަތުތަކުގައި ވަގުތުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.


ކުށުގެ ރެކޯޑަށް އެދޭ މީހަކީ ކުށުގެ ރެކޯޑެއް ނެތް މީހެއްނަމަ، އެމީހެއްގެ ރެކޯޑު ވަގުތުން ސާފުވާނެެއެވެ.

 

މިއީ އޮޓޮމޭޓްކުރެވިފައިވާ ކަމެކެވެ. ވީމާ، މިރެކޯޑުގައި މިއޮފީހުގެ ސޮއެއް ނޯންނާނެއެވެ. ނަމަވެސް، މިއީ ޞައްޙަ ލިޔުމެއްކަން ކަށަވަރު ކުރަން ބޭނުންނަމަ، އެ ލިޔުމުގައި އޮތް ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން، ލިޔުމުގެ ޞައްޙަކަން ކަށަވަރު ކުރެއްވޭނެއެވެ.

މިއީ، މިއޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޢާންމުންނަށް ފަސޭހައިން ދެނެގަނެވޭނޭގޮތް ހެދުމަށްޓަކައި ތައްޔާރުކޮށްފައިވާ ސުވާލާއި ޖަވާބުތަކެކެވެ. ސިކުނޑީގައި އޮތް ސުވާލެއްގެ ޖަވާބު މިތަނުން ލިބިވަޑައިނުގެންނެވިނަމަ، އެކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވުން އެދެމެވެ. އޭރުން، އެސުވާލެއްގެ ޖަވާބު، އިރާދަކުރެއްވިއްޔާ، މިބަޔަށް އިތުރުކޮށްލާނަމެވެ. ސުވާލުތައް އީމެއިލް ކޮށްދެއްވާންވީ [email protected] އަށެވެ.