| |
ENG PHONE: 300 0655

ސުވާލާއި ޖަވާބު

ޖިނާއީ މައްސަލަތައް ހިނގާ ގޮތް
ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓެއް ހޯދުން
ފޯނަށް ޖަވާބުދޭ ގޮތް
ތަޙްޤީޤު ހިނގާގޮތާމެދު ޝަކުވާއެއް އޮތުން
ނަޞޭޙަތުގެ / އިޢުތިރާފުގެ އެއްބަސްވުން
ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނުތަކުން ލިބިދޭ ފަރުވާ
ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތައް
ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކޮށްފައިވާ ކުށުގެ ރެކޯޑު ދޫކުރާ އުޞޫލު

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އޮތީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައެވެ. އެމާއްދާގެ 2 ތަނެއްގައި، ތަޙްޤީޤީ މަރްޙަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާތައް ބަޔާންކޮށްފައިވެއެވެ. އެއީ؛

(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން؛ އަދި

(ޅ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން؛ މިއެވެ.


- މީހަކު ނުވަތަ ބަޔަކު ޖިނާއީ ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެމައްސަލައެއް ހުށަހަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތަށެވެ. އެއީ، ޢާންމު ޖިނާއީ މައްސަލަތަކެވެ.

- އެމައްސަލައަކީ ކޮރަޕްޝަންގެ ޢަމަލެއްނަމަ، ހުށަހަޅާނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.

- ޓޯޗަރގެ ޢަމަލެއްނަމަ، ހިޔުމަން ރައިޓްސް ކޮމިޝަނަށެވެ.

- ދިވެހިރާއްޖެއަށް ސިއްރުންމުދާ އެތެރެކުރުންފަދަ، ކަސްޓަމްސްގެ ދާއިރާއާ ގުޅުންހުރި މައްސަލައެއްނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

- ފުލުހުންނާއި އެނޫންވެސް ޤާނޫނުތަންފީޒުކުރާ އިދާރާއަކުން، އެމީހުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލަތައް ހުށަހަޅާނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށެވެ.

- ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މައްސަލައެއްނަމަ ހުށަހަޅާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.


ޖިނާއީ ކުށެއް ހިނގައިފިނަމަ، ކޮންމެ މީހަކަށްވެސް އެކުށުގެ މަޢުލޫމާތު، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކުން ތަޙުޤީޤީ އިދާރާއަކަށް ހުށަހެޅިދާނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް:

- 911 އަށް ގުޅައިގެން

- ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް

- ފުލުހުންގެ މަރުކަޒަކަށް ގޮސްގެން

 

އެންޓި-ކޮރަޕްޝަން ކޮމިޝަން:

- 1418 އަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން

- މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް

- އޭ.ސީ.ސީގެ ވެބްސައިޓް މެދުވެރިކޮށް 

 

އެހެން ތަޙުޤީޤީ އިދާރާތަކަށް އެ އިދާރާތަކުގެ ނަންބަރަށް ގުޅައިގެން ނުވަތަ އީމެއިލްކޮށް ނުވަތ ސިޓީއަކުން ޖިނާއީ ކުށެއްގެ މަޢުލޫމާތު ޙިއްޞާކުރެވިދާނެއެވެ. 

ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި އޮތީ؛ މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެ" ކަމަށެވެ.


ތަޙްޤީޤީ އިދާރާއަކަށް މައްސަލައެއް ހުށަހަޅާއިރު، އެނގުނު މިންވަރަކުން ތިރީގައި ހުރި މަޢުލޫމާތު ހުށަހަޅަންޖެހެއެވެ.

- މައްސަލަ ހުށަހަޅާ މީހާގެ ކާކުކަން އެނގޭ މަޢުލޫމާތު (ވިސްލް ބްލޯވަރއެއް ގޮތުގައި ސިއްރުންވެސް މައްސަލަ ޙުށަހެޅުމުގެ ޙައްޤު ލިބިގެންވޭ)

- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މަޢުލޫމާތު

- ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރާ ސަބަބުތައް

- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީޚް

- މައްސަލަ ހިނގި ނުވަތަހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން


ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ބުނާގޮތުން، މައްސަލަ ހުށަހަޅާމީހާއަކީ ކާކުކަން ނޭނގޭގޮތަށްވެސް މައްސަލައެއް ހުށަހެޅިދާނެއެވެ. އޭނާއާބެހޭ މަޢުލޫމާތު ތަޙްޤީޤީ އިދާރާއަށް ނުދިނަސްވެސް، އޭނާ ހުށަހެޅި މައްސަލަ ބަލަންޖެހޭނެއެވެ. އޭނާގެ މަޢުލޫމާތު ދީފައި، އެމަޢުލޫމާތު ޢާންމު ނުކުރަންވެސް އޭނާއަށް އެންގިދާނެއެވެ. އެގޮތަށް އެދެފިނަމަ، ތަޙްޤީޤީ އިދާރާއިން، އެއިދާރާއަށް މައްސަލަ ހުށަހެޅި މީހާއާބެހޭ މަޢުލޫމާތު އެއްވެސް އިތުރު ތަނަކަށް ދީގެން ނުވާނެއެވެ.


ޤާނޫނު ނަންބަރު: 12/2026 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ތަޙްޤީޤީ އިދާރާއަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެމައްސަލައެއް ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި މީހާއަށް ދޭންޖެހެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މައްސަލައެއްގައި، މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެކަމަށް، ޖިނާއީ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.


ތަޙްޤީޤީ އިދާރާއަށް ހުށަހެޅޭ މައްސަލައެއް ރަޖިސްޓަރީކުރުމަށްފަހު، މައިގަނޑު ދެގޮތަކަށް ޢަމަލުކުރަންޖެހެއެވެ.

- ތަޙްޤީޤުކުރުން: ތަޙްޤީޤުކުރާނީ އެމީހަކު ކުށްކުރިކަމަށް ނުވަތަ ކުށެއް ކޮށްފާނެކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރިނަމައެވެ.

- މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމުން؛ މިގޮތަށް ނިންމާނީ ކުށްކުރިކަމަށް ނުވަތަ ކުށެއްކޮށްފާނެކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމައެވެ.


މައްސަލަ ނިމުނު ގޮތުގެ ލިޔުމެއް، މައްސަލަ ހުށަހެޅި މީހާއަށް ދޭންވާނެކަމަށް، ޖިނާއީ އިޖުރާއަތުގެ ޤާނުނުގެ 26 ވަނަ މާއްދާގައި އެބައޮތެވެ.


ޖިނާއީ މައްސަލައެއް ހުށަހެޅުމުން، އެމައްސަލައެއް ތަޙްޤީޤީ އިދާރާއިން ތަޙްޤީޤުކުރަންޖެހެއެވެ. އެމައްސަލަ އެއިދާރާއިން ބަލައިނުގަތުމަށް ނިންމައިފިނަމަ، ނުވަތަ މައްސަލައިގެ ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް މައްސަލަ ހުށަހެޅި މީހާއަށް ޤަބޫލުކުރެވޭނަމަ، އެކަން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެއެވެ.

އެފަދަ ޝަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިއްޖެނަމަ، އެމައްސަލައެއް ބަލައި، އެމައްސަލައަކީ ބަލަންޖެހޭ މައްސަލައެއްނަމަ، އެމައްސަލަ ބެލުމަށް، ނުވަތަ އެމައްސަލައިގައި ތަޙްޤީޤުގައި ރަނގަޅުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް ރަނގަޅުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގާނެއެވެ. މިބާވަތުގެ މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުމުގެ މަޢުލޫމާތު، ޝަކުވާ ހުށަހެޅި މީހާއަށް ލިޔުމުން ދޭނެއެވެ.

 

ޝަކުވާ ހުށަހަޅާ ފޯމު އޮންލައިން ޕޯޓަލުން ފުރުއްވޭނެއެވެ.


ތަޙްޤީޤު ހިނގި ގޮތާމެދު ހިތްހަމަނުޖެހިގެން ޕީޖީ އޮފީހަށް ޝަކުވާއެއް ހުށަހަޅާއިރު، އެމައްސަލައެއް ތަޙްޤީޤީ އިދާރާއަކަށް ހުށަހަޅައިގެން، އެތަނުން ދިން ޖަވާބެއް އެނގެން އޮތުމުގެ ބޭނުމަކީ، ޙަޤީޤަތުގައިވެސް މައްސަލައެއް ހުށަހެޅިކަމާއި، އެމައްސަލައެއްގައި ތަޙްޤީޤީ އިދާރާއިން އެޅި ފިޔަވަޅު ދިރާސާކޮށް، އެކަމާމެދު ގޮތެއް ނިންމޭނީ އެފަދަ ލިޔުމެއް އޮވެގެން ކަމަށްވާތީއެވެ.

 

މީގެ އިތުރުން، އެއީ ކޮން މައްސަލައެއްކަން ނޭނގި، އެމައްސަލައާބެހޭ މަޢުލޫމާތު ތަޙްޤީޤީ އިދާރާއެއްގެ ތެރެއިން ހޯދޭނެ ގޮތެއްވެސް ނޯންނާނެތީއެވެ. އިސްތިސްނާ ޙާލަތްތަކުގައި ލިޔުން ނެތިވެސް ޝަކުވާ މި އޮފީހަށް ބަލައިގަންނާނެއެވެ. 


އެމައްސަލައަކީ އިތުރަށް ބަލަންޖެހޭ މައްސަލައެއްނަމަ، ބަލަން އަންގާނެއެވެ. ތަޙްޤީޤުކުރަންޖެހޭ މައްސަލައެއްނަމަ، ތަޙްޤީޤުކުރަން އަމުރުވެސް ކުރާނެއެވެ. އެމައްސަލާގައި ތަޙްޤީޤީ އިދާރާއިން ނިންމި ގޮތް ރަނގަޅުކަމަށް ފެނިއްޖެނަމަ، އިތުރު ފިޔަވަޅެއް އެޅެން ނެތްކަމަށް ނިންމާނެއެވެ.

މިއީ، މިއޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޢާންމުންނަށް ފަސޭހައިން ދެނެގަނެވޭނޭގޮތް ހެދުމަށްޓަކައި ތައްޔާރުކޮށްފައިވާ ސުވާލާއި ޖަވާބުތަކެކެވެ. ސިކުނޑީގައި އޮތް ސުވާލެއްގެ ޖަވާބު މިތަނުން ލިބިވަޑައިނުގެންނެވިނަމަ، އެކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވުން އެދެމެވެ. އޭރުން، އެސުވާލެއްގެ ޖަވާބު، އިރާދަކުރެއްވިއްޔާ، މިބަޔަށް އިތުރުކޮށްލާނަމެވެ. ސުވާލުތައް އީމެއިލް ކޮށްދެއްވާންވީ [email protected] އަށެވެ.
އިޢުލާން
1
ވަޒީފާ
4