އަނިޔާލިބޭމީހުންނާއި، ހެކިންނަށް ޚާއްޞަ ޔުނިޓެއް

15 ޑިސެންބަރު 2022

ބައެއް މައްސަލަތަކުގައި އެ މައްސަލަތަކުގެ ބާވަތުން، އަނިޔާލިބޭ މީހުންނާއި، ހެކިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެއެވެ. ޤާނޫނީ ވަކީލުންނަކީ އެމީހުންގެ މަސައްކަތުގެ ގޮތުން "މަޑުކަށި" ބައެއް ނޫނެވެ. މިފަދަ ވިކްޓިމުންނާއި ހެކިންނާ މުޢާމަލާތުކޮށް އެހީތެރިވުމަށް މި އޮފީހުގައި އެކަމަށް ޚާއްޞަ ޔުނިޓެއް ޤާއިމުކޮށްފައިވާނެއެވެ. އެއީ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓެވެ. 

މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެހީތެރިކަން ބޭނުންވާ ވިކްޓިމުންނާއި ހެކިންނަށް އެހީތެރިވުމާއި، ޕްރޮސިކިއުޓަރުންނަށް އިޖްތިމާޢީ ދާއިރާއިން ފަންނީ އެހީ ދިނުމެވެ. ޔުނިޓުގައި މަސައްކަތްކުރަނީ ސޯޝަލް ސަޕޯޓް ދެވޭ ފެންވަރުގެ ތަޖުރިބާކާރުންނެވެ. ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި، ސޯޝަލް ސަރވިސް ވޯކަރުންނެވެ. 

ޔުނިޓުން ޚިދުމަތްދޭ މީހުންގެ ތެރޭގައި ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ބޮޑެތި މީހުން އަދި ކުޑަކުދިން، ވިކްޓިމްސް ނުވަތަ ހެކިންގެ ގޮތުގައި ހުށަހަޅާ ކުޑަކުދިންގެ މައިންބަފައިން،  މަރުގެ މައްސަލައެއްނަމަ އެ މަރުވި މީހާގެ ޢާއިލާ ހިމެނެއެވެ. 

މީގެ ތެރެއިންވެސް ޔުނިޓުން ޚާއްޞަ ސަމާލުކަމެއް ދޭ މީހުންގެ ތެރޭގައި ކުށުގެ ޢަމަލުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންވެފައިވާކަމަށް ފެންނަ މީހުންނާއި، އަމިއްލަ ޙާލަތުގެ ސަބަބުން އިތުރު އަނިޔާއަށް ހުށަހެޅިގެންދާ މީހުން އަދި ނުކުޅެދުންތެރިކަން ހުރި މީހުން ހިމެނެއެވެ. 

މި ޔުނިޓުންދޭ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތާއި އަޕްޑޭޓް ދިނުމާއި، ކޯޓުގެ އުޞޫލުތަކާއި، ކޯޓުގެ ނިންމުންތަކާއި، ވިކްޓިމުންގެ ޙައްޤުތަކާއި، ޒިންމާތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރާއި މި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން ހިމެނެއެވެ. އަދި ޝަރީޢަތުގައި ހެކިބަސްދުމަށްޓަކައި ހެކިން ތައްޔާރުކޮށް، ހެކިބަސްނެގުން ކުރިއަށްދާގޮތުގެ އިޖުރާއަތްތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. 

ޔުނިޓުގެ އެހީތެރިކަން ބޭނުންވާ ވިކްޓިމުންނާއި، ހެކިން މި އޮފީހުގެ ރަސްމީ ގަޑިކަމުގައިވާ 08:00 އިން 15:00 އާ ދެމެދު 3003241 ނުވަތަ 3003271 ގުޅުއްވައި އެހީތެރިކަން ހޯއްދެވޭނެއެވެ.