މައްސަލަތައް ކޯޓުން އަނބުރާ ގެނައުން

15 ޑިސެންބަރު 2022

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ޚާއްޞަ ސަމާލުކަމެއްދީގެން، އެބާވަތުގެ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅު އަޅާ މައްސަލަތަކެކެވެ. 

އެފަދަ މައްސަލަތަކުގެ ތަޙުޤީޤުގެ އެންމެ ކުރީ މަރުޙަލާއިން ފެށިގެން މި އޮފީހުން ބައިވެރިވެއެވެ. ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި، ލިބިފައިވާ ހެކިތަކަށް ބަލައި ބަންދުގައި ބަހައްޓަންޖެހޭނަމަ، ބަންދާމެދު ގޮތެއް ނިންމަވާ މަޖިލިސްތަކުގައި މި އޮފީހުގެ ވަކީލުން ބައިވެރިވެއެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ތަޙުޤީޤު މަރުހަލާގައި ގުޅުންހުރި މީހުންގެ ބަޔާން އުނދަގުލުން ހޯދައި ތަޙްޤީޤު ފުރިހަމަކޮށް މައްސަލަ މިއޮފީހަށް ހުށަހެޅުމުން، ހެކި ވަޒަންކޮށް، ދަޢުވާ ފޯމު ތައްޔާރުކޮށް ކޯޓަށް ހުށަހެޅުމަކީ ޕްރޮސިކިއުޓަރުން ކުރާ މަސައްކަތެވެ. ދަޢުވާކުރުމާމެދު ގޮތެއް ނިންމާއިރު, ނުވަތަ ދަޢުވާ ތައްޔާރުކުރާއިރު ކުށުގެ ޝިކާރައަކަށްވާ ކުއްޖާ ތަޙުޤީޤަށް ދީފައިވާ މަޢުލޫމާތުގެ އިތުރުން އެކުއްޖާގެ ފަރާތުން އެހެން މީހުންނަށް ޙިއްޞާކޮށްފައިވާ ވާހަކަތައް ޕްރޮސިކިއުޓަރުންނަށް ފެންނާނީ، ތަޙްޤީޤަށްދީފައިވާ ބަޔާންތަކުގެ ސިފައިގައެވެ. ގިނަ ފަހަރަށް ކުއްޖާ އެފަދަ ވާހަކަތައް ކިޔައިދެނީ ކުއްޖާގެ މަންމަ، ދައްތަ ނުވަތަ ކޮންމެވެސް ގާތް އާއިލާ މީހެއް ނުވަތަ ޓީޗަރަކަށެވެ. ނުވަތަ ކުއްޖާގެ ރައްޓެއްސެއް ނުވަތަ ކްލާސް ކުއްޖަކަށްވެސް ވެދާނެއެވެ.

ކަންވީގޮތް އެނގޭ މިންވަރަކުން ތަޙުޤީޤަށް ކިޔައިދިނުމަށްފަހު, އެމީހުން ކޯޓަށް ހާޒިރުވެ، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަން ހިނގާ ތަރުތީބެވެ. ނަމަވެސް ކޯޓަށް ދަޢުވާ ހުށަހެޅުމާއެކު އެކި ސަބަބުތަކަކާހުރެ، ހެކިބަސް އަދާކުރުމަށް ބޭނުންނުވާކަމަށް ބުނެ މި އޮފީހަށް ސިޓީ ފޮނުވުމާއި, ތުހުމަތުކުރެވޭ މީހާއާ އޮންނަ ގާތްކަމެއްގެ ސަބަބުން, ޢާއިލާގެ ފަރާތުން މައްސަލަ އަނބުރާ ގެންގޮސް ދިނުމަށް އެދި މިއޮފީހަށް ހުށަހަޅާ ހާލަތްތައް އާދެއެވެ. ނަމަވެސް، މިބާވަތުގެ މައްސަލަތައް އަނބުރާ ގެނައުމަށް ނިންމާ ނިންމުންތަކަކީ މީހަކު ބުނާ ބުނުމެއްގެ މައްޗަށް ބުރަވެ، ނިންމާ ނިންމުންތަކެއްނޫނެވެ. ކުޑަކުއްޖަކު ތަޙުޤީޤަށް ދީފައިވާ މަޢުލޫމާތު އެތެރެފުށުންނާއި ބޭރުފުށުން ތެދުކަމަށް ބެލެވޭ ޙާލަތުގައި، ސިޓީއެއް ނުވަތަ އެހެންވެސް ގޮތަކުން މީހަކު ހުށަހަޅާ މަޢުލޫމާތެއްގެ ނުފޫޒުގައި ޖެހި، މުޖުތަމައުގެ ކުޑަކުދިންގެ މަސްލަހަތަށާއި ރައްކާތެރިކަމަށް ބުރުލެއް އަރާނޭ ނިންމުމެއް މިއޮފީހުން ނުނިންމާނެއެވެ.

މި އޮފީހުން ތިބޭނީ އަބަދުވެސް ކުއްޖާއާ އެއްކޮޅަށެވެ.