ޕީޖީ އޮފީހުގެ ފުރަތަމަ އަތޮޅު ގޮފި

15 ޑިސެންބަރު 2022

ދިވެހިރާއްޖޭގައި ފުރަތަމަ އައްޔަން ކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލްއަކީ އަލްއުސްތާޛް އަޙްމަދު މުޢިއްޒުއެވެ. އަތޮޅުތެރޭގައި މި އޮފީހުގެ ގޮފިތަށް ޤާއިމުކޮށް, "ލާމަރުކަޒީ" ކޮށް އޮފީސް ހިންގުމަކީ އެމަނިކުފާނުގެ ސިޔާސަތެކެވެ. އެގޮތުން އެންމެ ފުރަތަމަ އުފެއްދެވީ ހދ. އަތޮޅު ގޮތްޕެވެ. އެއީ 09 ނޮވެންބަރު 2008 ގައެވެ.

އޭގެ ފަހުން މި އޮފީހުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި މިދަނީ ޚިދުމަތްދެމުންނެވެ.

އެންމެ ފުރަތަމަ މި އޮފީހުގެ ގޮފިތަކުން ކުރަމުންދިޔަ މަސައްކަތަކީ މާލެ އޮފީހުން އެ ގޮތްޕެއް ހުންނަ އަތޮޅެއްގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތުކުރުމެވެ. ނަމަވެސް މިހާރު ގޮފިތަކުގެ މަސައްކަތް އިތުރަށް ލާމަރުކަޒީކޮށް, އެ ގޮތްޕަކަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ މައްސަލަތަކުގައި ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ލަފާއާއި އިރުޝާދު ދިނުމާއި, މައްސަލަތައް ކޯޓަށް ހުށަހެޅުމާއި, ވަކާލާތުކުރުމާއި, އިދާރީ ހިންގުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ ގޮފިތަކުންނެވެ.

އުތުރުގެ އިޤްތިޞާދީ އަދި އިޖުތިމާއީ މައި ހަބު – ކުޅުދުއްފުށީ ސިޓީގައި ހުންނަ ގޮތްޕަށް ކަނޑައެޅިފައިވަނީ ބޮޑު ތިލަދުންމަތީގެ 3 އަތޮޅުކަމުގައިވާ ހއ ހދ އަދި ށ އަތޮޅެވެ. ގޮފި އުފެދުނުފަހުން މިއަދާ ހަމައަށް ދެހާހެއްހާ މައްސަލަ ކުޅުދުއްފުށީ ގޮތްޕަށް އެކަނިވެސް ހުށަހެޅިފައިވެއެވެ. ގިނައީ ވައްކަމުގެ މައްސަލަތަކާއި, މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މި އޮފީހުގެ ހދ. ގޮތްޕަކީ ނަމޫނާ ގޮތްޕެކެވެ. ރަސްމީ މަސައްކަތްތަކުގެ އިތުރުން ރަށުގައި އަދި އަތޮޅުގައި ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތްތަކުގައި ގޮފީގެ މުވައްޒަފުން ބައިވެރިވެއެވެ. އޭގެ ތެރޭގައި, ސާފުކުރުމާއި ގަސް އިންދުމުގެ ހަރަކާތްތަކާއި, ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި, އުނގަންނައިދިނުމުގެ އެކި ޕްރޮގްރާމްތައް ހިމެނެއެވެ.

އެންމެ ފަހުން ބައިވެރިވެފައިވަނީ، އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިންގައެވެ. އެގޮތުން 25 ނޮވެންބަރު 2022 ދުވަހު ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ސުޢޫރު ފާޅުކުރުމުގެ ހަރަކާތުގައި މި އޮފީހުގެ ހދ. ގޮފިން ބައިވެރިވެފައިވެއެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓެއް ގޮތުގައި މި އޮފީހުގެ ހދ ގޮފީގެ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ސިރާޖު ބައިވެރިވެވަޑައިގެން މިބާވަތުގެ މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެޅެން އޮތް ފިޔަވަޅުތަކާ ގުޅޭގޮތުން ޢާންމުނަށް މަޢުލޫމާތުދެއްވާފައިވެއެވެ.