ކުޑަކުދިން ދައްކާ ވާހަކައަށް ދެވޭ ބުރަދަން

15 ޑިސެންބަރު 2022

އުމުރުން 11 އަހަރުގެ ކުއްޖެކެވެ. ކުއްޖާގެ ދޮންބައްޕަ ނިދާފައި އޮތް ކޮޓަރިއަށް ވަނީ ފޮތެއް ބަލައެވެ. ދޮންބައްޕަ، ކުއްޖާ ހިފަހައްޓައި، ކުއްޖާއަށް ޖިންސީ ގޯނާ ކުރީއެވެ. އެ ތަނުގައި އިތުރު މީހަކު ނެތެވެ. ކަންވީގޮތް އެނގި، ކިޔައިދޭން ހުރީ ކުއްޖާ އެކަންޏެވެ. މިއީ ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ ބައެއް ވާޤިއާތަކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި މަދުން ނޫނީ ލޮލަށް ފެނުނު ހެކިން ނުތިބެއެވެ. ގިނަ ފަހަރު، މި ފަދަ ކުށްތައް ކުރަނީ އެކަހެރި ތަންތަނުގައި ސިއްރިއްޔާތުގައެވެ.

އިސްވެ ދެންނެވުނު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް އެއީ ތެދު ވާހަކަތަކެއް ކަމަށް ބެލެވޭނަމަ، ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް މައްސަލަ ސާބިތުކުރެވިދާނެ ކަމަށް ނިންމަވާފައެވެ.

ކުއްޖާގެ ވާހަކަތަކަކީ، އާދަޔާ ޚިލާފު ތެދު ވާހަކަތަކެއްތޯ ބަލާ ގޮތަކީ، އެ ވާހަކަތަކަކީ އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތް ވާހަކަތަކެއްތޯ ބެލުމެވެ. ކުއްޖާގެ ވާހަކަތައް އެތެރެ ފުށުން އެއްގޮތްވަނީ، އެ ވާހަކަތަކުގައި ހުންނަ ތަފްސީލުތަކުގެ މައްޗަށެވެ. ތެދުބަހުން މީހަކު ކިޔައިދޭ ވާހަކަތަކެއްގައި ހުންނަ ތަފްޞީލުތައް ހުރުމެވެ. ކުއްޖާގެ ވާހަކަތައް ބޭރުފުށުން އެއްގޮތްވަނީ، ކުއްޖާ ދައްކާ ވާހަކަތަކާއި، އެ ވާހަކަތައް ކުއްޖާ ކިޔައިދީފައިވާ އިތުރު މީހުންގެ ވާހަކަތަކާ އެއްގޮތް ވުމުންނެވެ. މިސާލަކަށް، ކުއްޖާ ދައްކާ ވާހަކައާއި، ޑޮކްޓަރު ބުނާ އެއްޗަކާ ދިމާވުމެވެ. އެ އަމަލު ހިންގި ކޮޓަރި ހުރީ ތަޅުލާފައިކަމަށް ކުއްޖާ ބުނާނަމަ، އެ ކޮޓަރިއަކީ ތަޅުލެވޭ ކޮޓަރިއަކަށްވުމެވެ. ކުއްޖާ ބުނާ ވަގުތު ކުއްޖާ އެކޮޓަރިއަށް ވަތްތަން އިތުރު މީހަކަށް ފެނިފައިވުމެވެ. ކުއްޖާ ފޮތެއް ބަލައި ވަތްކަމަށް ބުނާނަމަ އެފޮތް އެ ކޮޓަރީގައި އޮތުމެވެ. އެ ފަދަ ތަފްޞީލުތަކާއި ޙަޤީޤަތްތައް އެއްގޮތްވެ، ވަށައިޖެހޭނަމަ، މައްސަލަ ސާބިތުވުން ގާތެވެ.

ކުއްޖަކަށް ޖިންސީ ގޯނާއެއް ލިބިފައިވާކަމަށް ބުނާނަމަ، އެކަން ރިޕޯޓް ކުރާށެވެ. އެ މަންޒަރު އިތުރު އެހެން މީހަކަށް ނުފެނުނަސް، އިންސާފު ހޯދުމުގެ މަގު ފަހިވެފައި އެބައޮތެވެ.