ފަސޭހަ، އަވަސް ޚިދުމަތަކަށް އިދާރާތަކުންވެސް މި އޮފީހުގެ އޮންލައިން ޚިދުމަތް ޚިޔާރުކުރައްވާ

28 ޑިސެންބަރު 2023

ޖިނާއީ ޢަދުލުގެ ނިޒާމަކީ ގިނަ އިދާރާތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. މައްސަލަ ތަޙުޤީޤުކުރާ އިދާރާތަކާއި، ޕްރޮސިކިއުޓަރުގެ އޮފީހާއި، ކޯޓުތަކާއި ޙުކުމް ތަންފީޒުކުރާ އިދާރާތަކާއި، މިމަސައްކަތް ރަނގަޅަށް ހިނގާކަން ކަށަވަރުކޮށް ފާރަވެރިވާ އިދާރާތަކާއި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މަސައްކަތް، ޖިނާއީ ޢަދުލުގެ ނިޒާމާ ސީދާގޮތުންނާއި ނުސީދާގޮތުން އޮންނަނީ ގުޅި ލާމެހިފައެވެ. އެތަންތަނުން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، މުޅި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މަޢުލޫމާތު ހޯދަންޖެހޭ ޙާލަތްތައް އާދެއެވެ.  

ޕީޖީ އޮފީހުގެ މަސައްކަތުގެ ގޮތުން، މިއޮފީހުން އެއްކޮށް ބަލަހައްޓާ މަޢުލޫމާތަކީ، ދައުލަތުގެ އެކި އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންޖެހޭ މަޢުލޫމާތުތަކެވެ. މިސާލަކަށް، ވަޒީފާއެއް ދިނުމަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރުމާއި ވަޒީފާއަކުން މީހަކު ވަކިކުރުމުގެ ކުރިން އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް ކުށުގެ ބާވަތާއި ހެކިތައް ދެނަގަތުމާއި، ކޯޓުގައި މައްސަލައެއް ހިނގަމުންދާގޮތް ދެނެގަތުމަށްވެސް އިދާރާތަކުން މިއޮފީހާ ސުވާލުކުރެއެވެ. އެކަހަލަ ކޮންމެ ސުވާލަކާ ގުޅިގެން މިހާތަނަށް ޢަމަލުކުރާ ގޮތަކީ ސިޓީބިޓީ ބަދަލުކުރުމެވެ. މަޢުލޫމާތު ހޯދަން ފޮނުވާ ސިޓީއާއި، އެމަޢުލޫމާތު މިއޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއިން ނަގައި، ސިޓީއަކަށް ލާފައި އެއިދާރާއަކަށް ފޮނުވުމާއި، މިކަންކަމަށް ޢާންމު ގޮތެއްގައި ދިހަވަރަށް މަސައްކަތު ދުވަސް ހޭދަވެއެވެ. ވަރަށް އާދަޔާ ޚިލާފު ޙާލަތެއްގައި މެނުވީ، ދައުލަތުގެ އިދާރާއަކުން ހޯދަންއެދޭ މަޢުލޫމާތެއް ޕީޖީ އޮފީހުން ނުދީ ނުހިފަހައްޓަމެވެ.

ވީމާ، މިހާރު ކުރިމަތީގައި އޮތް ސުވާލަކީ، މިއޮފީހުން ދޭ މަޢުލޫމާތު މިހާރަށްވުރެ ހަލުއިކޮށް، ހަރުދަނާކޮށް، ލުއިފަސޭހަކޮށް ދެވޭނެ ނިޒާމެއް ޤާއިމުކުރެވިދާނެތޯއެވެ. މިކަމަށްޓަކައި، ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި ގަވަރމަންޓް ސަރިވސްގެ ނަމުގައި ވަކި ޕޯޓަލެއް ޤާއިމުކޮށްފައިވާނެއެވެ. މިޕޯޓަލުގައި ދައުލަތުގެ ކޮންމެ އިދާރާއަކަށް ވަކި އެކްސެސްއެއް އޮންނާނީ ހަދައިފައެވެ. އެއިދާރާއަކުން ހޯދަން އެދޭ މަޢުލޫމާތެއް، ސިޓީއެއްގެ ބަދަލުގައި "އޮންލައިން ރިކުއެސްޓް" އަކުން އެދޭނީއެވެ. އެ "ރިކުއެސްޓް" ޕީޖީ އޮފީހުން ބަލައި، "ކޭސް އެކްސެސް" ދިނުމުން، އެ މަޢުލޫމާތު، އޮންލައިން ޕޯޓަލް މެދުވެރިކޮށް އެއިދާރާއަކަށް ފެންނާނެއެވެ. ޕޯޓަލް ތައްޔާރުކޮށްފައި އޮތީ، މި އެކްސެސް، އެކި މިންވަރަށް އަދި އެކި މުއްދަތަށް ދެވޭގޮތަށެވެ. އިދާރާއިން އެދޭ މަޢުލޫމާތުގެ އެކްސެސް ލިބުމުން، އެމަޢުލޫމާތު އެ އިދާރާއަކުން ޕްރިންޓް ކުރަން ބޭނުންނަމަ، ޕީޖީ އޮފީހުގެ ލެޓަރހެޑަކަށް ޕްރިންޓްކުރެވޭނެއެވެ. ޑައުންލޯޑްވެސް ކުރެވޭނެއެވެ. އޭރުން، އެ މަޢުލޫމާތުގެ ރަސްމީ ރެކޯޑެއް އެއިދާރާގައި އޮންނާނެއެވެ. މިނިޒާމު ތައްޔާރުކޮށްފައި އޮތީ، ސަރުކާރުގެ ޖެމްސްގެ ނިޒާމާ އެއްކޮށްލެވޭ ގޮތަށެވެ.

މިހުރިހާ މަޢުލޫމާތެއް ބަދަލުކުރުމަށް ދިހަ މިނިޓަށްވުރެ ގިނަ ވަގުތެއް ހޭދައެއް ނުވާނެއެވެ. މާނައަކީ، މީގެ ކުރިން، މަދުވެގެން 10 ދުވަހުން ދެވެމުން އައި ޚިދުމަތެއް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން 10 މިނިޓަށް ކުރުކޮށްލެވުމެވެ. މިއާއެކު، މިދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުން މަދުވެގެން 9 ދުވަސް އަވަސްކުރެވޭނެއެވެ.

ޕީޖީ އޮފީހުގެ އެއް "ސްޓްރެންތަކީ" ޓެކްނޮލޮޖީއެވެ. މި އޮފީހުން އަލަށް ތަޢާރަފުކުރާ މިފަދަ ޓެކްނޮލޮޖީއާ ރައްޓެހި ވަސީލަތްތަކުގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ޚިދުމަތެއް ރައްޔިތުންނާއި މުއައްސަސާތަކަށް ފޯރުކޮށްދިނުމުގައި ޕީޖީ އޮފީހުން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދިނުމެވެ.