ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ މަޢުލޫމާތު ހާމަކުރުން

28 ޑިސެންބަރު 2023

ދިވެހިރާއްޖޭގައި، ޖިނާއި ކުށް ބަޔާންކޮށްފައިވާ ޤާނޫނުތައް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ޢާންމު ޤާނޫނުތަކާއި، ވަކި ޚާއްޞަ ބާވަތެއްގެ ކުށާ ގުޅޭ ޚާއްޞަ ޤާނޫނުތަކެވެ. ޚާއްޞަ ޤާނޫނުތަކުގެ ތެރެއިން އެއްޤާނޫނަކީ، 12 ނޮވެންބަރު 2009 ގައި ޢަމަލުކުރަންފެށި، ޤާނޫނު ނަންބަރު: 2009/12 - ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނެވެ. އެ ޤާނޫނުގެ އެއް މަޤްޞަދަކީ، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުމެވެ.

ކުށް ސާބިތުވެ، އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން އެފަދަ މީހުން ބެލެހެއްޓުމާއި، އެފަދަ މީހުންގެ މަޢުލޫމާތު ޢާންމުކޮށް ޝާއިޢުކުރުން ޤާނޫނުގައި ލާޒިމުކޮށްފައި އޮތް އޮތުމަކީ އެ ޤާނޫނާއި އެހެން ޤާނޫނުތަކާ ތަފާތުވާ އެއް ސަބަބެވެ.

ކުށްކުރާ މީހުންގެ މަޢުލޫމާތު ޢާންމުކުރުން ޤާނޫނުގައި ލާޒިމުކޮށްފައި އޮންނާތީ، މިކަން ފުރަތަމަ ކުރަން ފެށީ، މިނިސްޓްރީ އޮފް ޖެންޑަރގެ ވެބްސައިޓްގައި، ޕީ.ޑީ.އެފް ފައިލްއެއް އަޕްލޯޑްކޮށްގެންނެވެ. އެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން، ކޮންމެ ފަހަރަކުވެސް އެ ޕީ.ޑީ.އެފް ފައިލް އަޕްޑޭޓްކޮށް ވެބްސައިޓްގައި ޝާއިޢުކުރެއެވެ.

އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ކުރެވުނު މަސައްކަތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު ޑިޖިޓަލައިޒްކުރެވި، އެޤާނޫނުގެ ދަށުން ކުށްސާބިތުވާ މީހުންގެ މައުލޫމާތުތައް މިއޮފީހުގެ "އާމަހި" ވެބްސައިޓްގައި ޝާއިކޮށް އާންމުންނަށް ފެންނަގޮތަށް މިހާރު ވާނީ ހަދާފައެވެ.

މިހާރު ޝާއިޢުކޮށްފައިވާ ލިސްޓުގައި، ކުށް ސާބިތުވާ މީހާގެ ނަމާއި، އުމުރާއި، ދާއިމީ އެޑްރެހާއި، ފޮޓޯއާއި، ކުރި ކުށުގެ ބާވަތާއި، ކުށް ސާބިތުވި ތާރީޙާއި، ޙުކުމް ތަންފީޒްކޮށް ނިމޭ ތާރީޙާއި، ބަންދުގައި ހުރި މީހެއްނަމަ ބަންދުގައި ހުރި ތަނުގެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. މިލިސްޓުގައި ހިމެނޭ، މީހާ ހުރި ތަނާބެހޭ މަޢުލޫމާތު އަދާހަމަ ކުރާނީ ސީ.އެފް.ޕީ.އެސް (ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް) އިންނެވެ. އެހެން މަޢުލޫމާތުތަކަކީ، މިއޮފީހުން އެއްކޮށް ބަލަހައްޓާ މަޢުލޫމާތެވެ.

މިއޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާކޮށްފައިވަނީ، މައްސަލަ ނިމުނު ގޮތާބެހޭ ގޮތުން ޝަރުޢީ ކޯޓަކުން މި އޮފީހަށް ދީފައިވާ ލިޔުމުގެ މައްޗަށެވެ. މައްސަލައެއްގައި ޙުކުމްކޮށް، އެޙުކުމްގެ ޕީޖީ އޮފީހަށް ލިޔުމުން ލިބުމުން ޕީޖީ އޮފީހުން އެކަމަށް ޚާއްސަކޮށްފައިވާ ސިސްޓަމްއަށް މައުލޫމާތު ލުމުން، ސީ.އެފް.ޕީ.އެސް އަށް، އޮޓޮމެޓިކުން ފެންނާނެއެވެ. މި ލިސްޓާބެހޭގޮތުން މީހަކަށް ކުރިމަތިވެދާނެ ސުވާލުތަކާއި އެސުވާލުތަކުގެ ޖަވާބުތައްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

މި ފަސޭހައާއެކު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މުޖުތަމަޢުގެ އެހެން މީހުންނަށް އެނގި، މިފަދަ ކުށްކުރާމީހުން ދެނެގަނެވި، އެމީހުންގެ ކިބައިން އެހެން ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން އިތުރަށް ކަށަވަރުވެއެވެ. އެފަދަ ޢަމަލެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަވެއެވެ. ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް އިތުރު ރައްކާތެރިކަމެއް ލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ބެއްލެވުމަށް:

https://aamahi.pgo.mv/child-offenders