ޖިނާއީ ޢަދުލުގެ ނިޒާމާއި އިޤްތިޞާދާ އޮތް ގުޅުން

28 ޑިސެންބަރު 2023

މީހުން ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ފަހަތުގައި ފޮރުވިފައިވާ އެކި ސަބަބުތައް ހުރެއެވެ. މިއަށް އިނގިރޭސިން ކިޔާ އުޅެނީ "މޯޓިވް" އެވެ. މިއީ މީހަކު ކުށްކުރާ ސަބަބެވެ. ގިނަ ފަހަރަށް ޖިނާއީ ކުށްކުރަނީ ކޮންމެވެސް ދުނިޔަވީ، މާއްދީ މަންފާއެއް ހޯދުމަށެވެ.

ޖިނާއީ ކުށްތަކަށް އަދަބު ދިނުމުގެ ފަލްސަފާގެ އެއް މަޤްޞަދަކީ، އެފަދަ ކުށެއް ނުކުރުމަށް އެހެން މީހުނަށްވެސް ބާރުއެޅުމެވެ. ކުށެއް ކުރާ މީހަކަށް އަދަބު ދިނުމާއެކު، އޭނާ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ފެންނަން އޮތް ނަމަ، އެވެސް އަތުލެވެއެވެ. މިއީ ކުށަށް ދެވޭ އަދަބުގެ އިތުރަށް އަޅާ ފިޔަވަޅެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 193 ވަނަ މާއްދާއިން އެނގެއެވެ. ކުށްކޮށްގެން ހޯދާފައިވާ މުދާ ހިފަހައްޓައި، އެތަކެތި ދައުލަތަށް ނެގުމުގެ މަޤްޞަދަކީ އެ މީހަކު ކުރި ކުށުން އެ މީހަކަށް މަންފާ ލިބެމުން ނުދާކަން ކަށަވަރުކުރުމެވެ.

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ހިފަހައްޓައި، އެތަކެތި ދައުލަތަށް ނެގުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރާކަމެކެވެ. ނަމަވެސް، މިއީ ދިވެހިރާއްޖޭގައި މީގެ ކުރިން ޢާންމުކަމެއް ނޫނެވެ. ނިޒާމު ތަރައްޤީވަމުން އަންނަ މިންވަރުން، މި އުޞޫލުތައް ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ތަޢާރަފްކޮށް، އެކަންކަން ތަންފީޛުކުރެވެން މިހާރު މިވަނީ ފަށާފައެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުށްކުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

ޕްރޮސިކިއުޝަންގެ މަސައްކަތާއި ދިވެހިރާއްޖޭގެ އިޤްތިސާދާ ގުޅެނީ ކިހިނެތް ހެއްޔެވެ؟ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ގައުމުތަކަކީ ބޭރުގެ މާލީ އެހީތެރިކަމާއި ލޯނަށް ބަރޯސާވާ ގައުމުތަކެކެވެ.

މިސާލަކަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދިވެހިރާއްޖެއަށް 21.2 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ކޯޓާ އެއް ދީފައިވެއެވެ[1]. އެއިން ލޯނެއް ނެގުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި، ޓެކްސް ނެގުމާ ގުޅޭ ޤާނޫނުތައް ހަރުދަނާކުރުމާއި، ކޮރަޕްޝަނާ ދެކޮޅު ފިޔަވަޅުތައް އަޅާފައިވުމާއި، ކުށްކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ދައުލަތަށް ނެގުމާ ގުޅޭ އުޞޫލުތައް ހުރުން ފަދަ ޝަރުޠުތަކެއް ހިމެނެއެވެ.

ދިވެހިރާއްޖޭގައި މިފަދަ ޤާނޫނުތަކާއި އުޞޫލުތައް ލިޔެވިފައި ހުންނަ މިންވަރާއި، ޤާނޫނާއި އުޞޫލުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމަށް، ކަމާ ބެހޭ ބައިނަލްއަޤްވާމީ އިދާރާތަކުން، ކަނޑައެޅިފައިވާ މުއްދަތުތަކުގައި އެސެސްމަންޓްތައް ހަދައެވެ. މި އެސެސްމަންޓްތަކުގައި ބަލާ އެއްކަމަކީ، މާލީ ކުށްތަކާއި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ދަޢުވާތަކުގެ އަދަދާއި، ދަޢުވާ ސާބިތުވެފައިވާ މިންވަރާއި، މި ފަދަ މައްސަލަތަކުގައި ހޯދާފައިވާ (trace) ފައިސާ ނުވަތަ މުދަލާއި، އޭގެ ތެރެއިން ދައުލަތަށް ނެގިފައިވާ ތަކެތީގެ އަދަދެވެ. މިފަދަ އެސެސްމަންޓްތައް ހެދުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި އޮވެއެވެ.

މިދެންނެވި އެސެސްމަންޓުތަކުގައި ބަލާ ކަންތައްތަކުގައި ރާއްޖެއިން ކުރިއެރުން ހޯދާކަމަށް ފެންނަނަމަ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، އިޤްޠިޞާދީ އެހީއާއި އިންޓްރެސްޓް ކުޑަ، ކޮންސެޝަނަލް ލޯނުފަދަ މާލީ ފައިދާތައް ލިބުމުގެ ފުރުޞަތު ފަހިވެއެވެ.

އެހެންކަމުން، މުދަލާއި ފައިސާއާ ގުޅުންހުރި މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުން އަޅާ ފިޔަވަޅުތަކާ ދިވެހިރާއްޖެއަށް ލިބޭ އިޤްތިޞާދީ އެހީތެރިކަމާ މާ ބޮޑު ގުޅުމެއް ނެތްކަމަށް ހީވިނަމަވެސް، ޙަޤީޤަތަކީ، ޖިނާއީ ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ސިޔާސަތުތަކާއި، އަޅާ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާ ސީދާގޮތުން ގުޅިފައިވާ، އޭގެ އަސަރު މުޅި ރާއްޖޭގެ އިޤްތިޞާދަށްކުރާ ކަމެއް ކަމެވެ.