އެކްސިޑެންޓުތަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން ހޯދައިދޭ ފަރުވާ

28 ޑިސެންބަރު 2023

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރަކު ގާތްގަނޑަކަށް 1.3 މިލިއަން މީހުން މަގުމަތީގެ އެކްސިޑެންތަކުގައި މަރުވެއެވެ. ދިވެހިރާއްޖޭގައިވެސް އެކްސިޑެންޓަކުގައި މަރުވާ މީހުންނާއި، ބޮޑެތި އަނިޔާލިބި، މުޅި އުމުރު އެ ވޭން ތަޙައްމަލުކުރަންޖެހޭ މީހުން އުޅެއެވެ. މިހާތަނަށް މި އޮފީހަށް ހުށަހެޅިފައިވާ އެކްސިޑެންޓާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު، ގިނަ ފަހަރަށް އެކްސިޑެންޓްތައް ހިނގަނީ ކޮންމެވެސް މީހެއްގެ އިހުމާލުން ނުވަތަ ފަރުވާކުޑަކުރުމުންނެވެ. ލައިސެންސް ނެތި ދުއްވުމާއި، ދުއްވަން ކަނޑައަޅާފައިވާ އިސްޕީޑަށްވުރެ ބާރަށް ދުއްވުމާއި، ޓްރެފިކް ގަވާއިދުތަށް އެކަށީގެންވާ މިންވަރަށް ނުބަލައި ދުއްވުންފަދަ ރަނގަޅަށް ކުރެވެން ހުރި ކަންތައްތަކެއް ގޯސްކޮށް ކުރެވިގެންނެވެ.

އެކަކުގެ އަމަލެއްގެ ސަބަބުން އަނެކާއަށް ޖިސްމާނީ ގެއްލުމެއް ލިބިއްޖެނަމަ އެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެއީ ޤަޞްދުގައި ކުރި ކަމަކަށް ވިޔަސް ނުވަތަ އިހުމާލުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ވީ ކަމަކަށް ވިޔަސް ވެހެވެ. އެކްސިޑެންޓް މައްސަލަތަކުގައި ގިނަފަހަރަށް ކުށެއް ކުރުމުގެ މަޤްޞަދެއް ނޯވެއެވެ. ނަމަވެސް ގިނަ ފަހަރަށް އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމެއް ހިމެނޭނެއެވެ.

ޖިނާއީ ކުށެއް ސާބިތުކުރުމަށްޓަކައި ދެކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ ޢަމަލެއް ހިނގުމާއި، އެޢަމަލު ކުރުމުގެ ނިޔަތް އޮތުމެވެ. އެކްސިޑެންޓު ހިނގާ ވަގުތު އެއޮތީ ޢަމަލެއް ފުރިހަމަވެފައެވެ. ދެން އޮތީ ނިޔަތް ހޯދުމެވެ. ނިޔަތަކީ ހިތުގައި އޮންނަ އެއްޗެއްކަމުން ނިޔަތް ދެނެގަންނާނީ އެމީހަކު ޢަމަލުކުރި ގޮތުންނެވެ. އުޅަނދު ދުއްވުމުގެ ގަވާއިދާ ޚިލާފު ވުމަކީ އޭގެ ޒާތުގައި ފަރުވާކުޑަކުރުމެކެވެ. އަދި އިހުމާލެކެވެ. އެހިސާބުން ނިޔަތުގެ ރުކުންވެސް ޤާނޫނީ ގޮތުން ފުރިހަމަވީއެވެ.

މަގުމަތީގެ އެކްސިޑެންޓުތަކާއި ކަނޑުމަތީގެ އެކްސިޑެންޓްތަކުގައި އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް މީގެ ކުރިންވެސް ޖިނާއީ އެކި ދަޢުވާތައް ކޮށްފައިވާނެއެވެ. އެކްސިޑެންޓެއްގައި މީހަކު މަރުވާ ޙާލަތުގައި، އިހުމާލު މަރުގެ ދަޢުވާއާއި، މުދަލަށް ގެއްލުންވާ ޙާލަތުގައި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއާއި، މީހެއްގެ ޖިސްމަށް އަނިޔާއެއް ލިބިއްޖެނަމަ އަނިޔާއެއް ދިނުމުގެ ދަޢުވާ އުފުލާފައިވާނެއެވެ. އޭގެ އިތުރުން ލައިސެންސް ނެތި ދުއްވާނަމަ އެކަމާ ގުޅުހުންހުރި ދަޢުވާތަކާއި، އެކްސިޑެންޓް ވުމުން ރިޕޯޓުނުކޮށް ފިލައިފިނަމަ އެކަމާ ގުޅުހުންހުރި ދަޢުވާތައްވެސް ކޮށްފައިވާނެއެވެ. އޭގެތެރެއިން ބައެއް މައްސަލަތައް ސާބިތުވެސް ވެފައި އެބަހުއްޓެވެ.

އެގޮތުން ދާދި ފަހުން މާލޭގެ މަގެއްގެ މަތީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އިހުމާލުވި މީހެއްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދަޢުވާ ކޯޓަށް ހުށަހަޅާފައިވާނެއެވެ. އެ މައްސަލައިގައި ހިނގި އެކްސިޑެންޓުގައި ލިބިފައިވާ އަނިޔާތަކަކީ ކުށް މާނަކޮށްފައިވާ މާއްދާގައި، ކުށް ފުރިހަމަވުމަށްވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ އެކަށީގެންވާ ބޮޑު ގެއްލުންތަކަކަށްވާތީ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބު، އަސާސީ މިންގަނޑުން 3 ދަރަޖަ މަތިކޮށްފައިވެއެވެ. ހާދިސާ ހިނގި ތާރީޚުން ފެށިގެން 4 މަހާއި 9 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ޝަރީޢަތުގެ މަރުހަލާ ނިމި އެކްސިޑެންޓުގައި އިހުމާލުވި މީހާ 2 އަހަރަށް ޖަލަށްލުމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކްސިޑެންޓް މައްސަލަތަކުގައި ޤާނޫނީ ފަރުވާ ލިބި ނަތީޖާވެސް ނެރެވެން އެބައޮތެވެ. މީގެ އިތުރުން، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންވެސް ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާ މި ބާވަތުގެ ކަންކަމަށް ފަރުވާ ހޯދޭނެއެވެ. އެ މައްސަލައެއްގައި ޖިނާއީ ދަޢުވާއެއް ކުރިޔަސް ނުކުރިޔަސް އެކްސިޑެންޓުގައި ގެއްލުންލިބޭ މީހާއަށް އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދަޢުވާކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

އެކްސިޑެންޓުވުމުގެ ސަބަބުން ޤާނޫނީ ފިޔަވަޅު އެޅުނަކަސް، ގެއްލުން ލިބޭ މީހުންނަށް ގެއްލުންނުވާކަމަކަށް ނުވާނެއެވެ. މިކަމުގައި އޮތް ދާއިމީ ޙައްލަކީ، އުޅަނދު ދުއްވާއިރު، ހަމަޖެހިފައިވާ ގަވާއިދުތަކަށް އިހުތިރާމުކުރުމެވެ. މުޖުތަމަޢުގައި އެހެން މީހުންވެސް ދިރިއުޅޭކަމާއި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ތިމާކުރާ ޢަމަލުތަކާ ގުޅިފައިވާކަން ދެނެގެން އުޅެން ދަސްކުރުމެވެ. ތިމާއާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.