ކޭ-ޕާރކް މައްސަލަ – ކުށްކޮށްގެން ހޯދިކަމަށް ބެލެވޭ 15 މިލިއަން ރުފިޔާގެ މުދާ ދައުލަތުގެ ބެލުމުގެ ދަށަށް

28 ޑިސެންބަރު 2023

1983 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ވިލެޖެއްގައި 15 އަހަރުގެ ލިޑިއާ މަން އޭނާގެ ރަޙުމަތްތެރިއެއްގެ ގެއަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަމަގުމަތީގައި ގެއްލުނެވެ. އޭނާ ފެނުނީ އޭގެ ދެ ދުވަސްފަހުން ދަނޑެއްތެރޭގައި، ރޭޕްކޮށް ސްކާފަކުން ނޭވާހާސްކޮށްލައި މަރާލާފައި އޮއްވައެވެ. ތިން އަހަރުފަހުން 1986 ވަނަ އަހަރު ޑޯން އޭޝްވޯތް ކިޔާ 15 އަހަރުގެ ކުއްޖެއް ހަމަ މިގޮތަށް މަރާލާފައި އޮއްވާ ފެނުމުން، މިދެ ހާދިސާގައި ހުރި އެއްގޮތް ކަންކަން ގިނަވުމުން، މިއީ ހަމަ އެކަކު ކޮށްފައިވާ ކަމެއްކަމަށް ފުލުހުންނަށް ޤަބޫލުކުރެވުނެވެ.

ފުލުހުން ފުރަތަމަ ތުހުމަތުކޮށް ހައްޔަރުކުރީ ރިޗަރޑް ބަކްލޭންޑް ކިޔާ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެދުވަސްވަރަކީ ޑީއެންއޭ ޓެސްޓް ހެދުން އީޖާދުވި ދުވަސްވަރުކަމަށްވާތީ، މިދެކުދިންގެ ހަށިގަނޑުން ނެގުނު ޑީއެންއޭ ބަކްލޭންޑްގެ ޑީއެންއޭއާ ދިމާވޭތޯ ބެލިއިރު ދެކުދިންނާވެސް ދިމައެއް ނުވިއެވެ. ފުލުހުން އެސަރަހައްދުގެ 5000 އެތައް ފިރިހެނުންގެ ޑީއެންއޭ ޓެސްޓުކޮށްގެންވެސް ދިމާވާ ސާންޕަލެއް ނުލިބުނެވެ. އެހެންނަމަވެސް، 1987 ވަނަ އަހަރު ޕަބެއް ތެރޭގައި އިން ފިރިހެނެއް އޭނާ ކޮލިން ޕިޗްފޯކް ނަމަކަށް ކިޔާ މީހަކަށް ހެދިގެން ފުލުހުންނަށް ޑީއެންއޭ ދިންކަމަށް ބުނިއަޑު އިވުނު މީހަކު އެމައުލޫމާތު ފުލުހުންނަށް ދިނުމުން، ކޮލިން ޕިޗްފޯކް ހައްޔަރުކޮށް ޑީއެންއޭ ނަގައި ޓެސްޓުކުރިއިރު ދެކުދިންގެ ހަށިގަނޑުން ނެގި ސާންޕަލްއާ މީނާއާ ދިމާވިއެވެ. އަދި ޕިޗްފޯކް ކުށަށް އިޢުތިރާފުވެސްވިއެވެ. މިއީ އެންމެ ފުރަތަމަ ދުނިޔޭގައި ޑީއެންއޭ ބޭނުންކޮށްގެން ސާބިތުވި ކޭސްއެވެ.

ޒަމާނަށް އައި ބަދަލާއި ތަރައްޤީއާއެކު މިހާރު ޑިއެންއޭ ޓެކްނޮލިޖީ އެޒަމާނަށްވުރެ އެތައް ގުނައަކަށް މިވަނީ ކުރިއަރާފައެވެ. މިއަދާ ހަމައަށްވެސް ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ޑީއެންއޭގެ މުހިއްމުކަން އެގޮތުގެ މަތިން ދެމިއެބައޮތެވެ. ހަމައެކަނި ކުށް ސާބިތުކުރުމުގައެއް ނޫނެވެ. ކުށުން މީހުން ބަރީއަވެ ސަލާމަތްކުރުމުގައިވެސް ޑީއެންއޭގެ ދައުރު ވަރަށް ފުޅަލެވެ. 

ޖިނާއީ މައްސަލަތައް ތަޙްޤީޤުކޮށް ސާބިތުކުރުމުގައި ޑީއެންއޭ ހެކި ބޭނުންކުރުމަކީ މިނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވި ކަމެކެވެ. ޑީއެންއޭ އަކީ އިންސާނާގެ ވިރާސީ ކުރެހުމެވެ. މިއީ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ޙާއްޞަވެގެންވާ ކްރޮމޮޒޯމްތަކެއްގެ މައްޗަށް ބިނާވާ ވިރާސީ ކުރެހުމެކެވެ. ޑީއެންއޭ ހެދުމަށް އިންސާނުންގެ ހަށިގަނޑުން ނެގޭ އިސްތަށްޓާއި، ކުޅާއި، ލެއާއި، މިނޫނަސް ކޮންމެ މާއްދާއެއްވެސް ބޭނުންކުރެވިދާނެއެވެ. 

ދިވެހިރާއްޖޭގައިވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ޑީއެންއޭ ހެކި މައްސަލަތައް ސާބިތުކުރުމުގައި ފުޅާދާއިރާއެއްގައި ދަނީ ބޭނުންކުރެވެމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (އެ ކޯޓުގެ ނަންބަރު 2021/SC-A/83 ) ޤަޟިއްޔާގައި, ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ, ޑީއެންއޭ ހެކީގެ މައްޗަށް ބަލައި ރޭޕްކުރުމުގެ ކުށް ސާބިތުވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެބާވަތުގެ މައްސަލަތަކުގައި ޑީއެންއޭ ހެކި ލިބިފައިވާނަމަ, ވޯޓިވް އޮތްކަމުގެ ހެއްކާއި, ކުށްކުރުމުގެ ފުރުޞަތު އޮތްކަމުގެ ޤަރީނާއާއި, ރުހުން ނެތްކަމުގެ ޤަރީނާ ހުރިނަމަ ކުށް ސާބިތުވާނެއެވެ.

އެނޫން ބާވަތްތަކުގެ މައްސަލަތަކުގައިވެސް ކުށުގެ ވެށިންނާއި، އަނިޔާލިބޭމީހުންގެ ހަށިގަނޑުންނާއި، ލައިގެން ހުންނަ އަންނައުނުންނާއި، ކުށްކުރަން ބޭނުންކުރާ އާލަތްތަކުން ނެގޭ ޑީއެންއޭއާއި ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭއާ އަޅާކިޔައި، ތަޙްޤީޤުކުރުމުގައާއި ދަޢުވާކޮށް ކުށް ސާބިތުކުރުމުގައި އާ އުސްމިންތަކަކަށް ވާސިލްވެވެއެވެ.