ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤަލަމުން

31 މާރިޗު 2024

"ޢުންޞުރު"ގެ އެންމެހައި ކިޔުންތެރިންނަށް ރޯދަ މަހުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރުކޮށްދެއްވުން އެދި މާތްالله ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. 

މިއީ މި އޮފީހުގެ ނިއުސްލެޓަރ ޢުންޞުރުގެ 6 ވަނަ ޢަދަދެވެ. 2022 ވަނަ އަހަރު ޑިސެންބަރު މަހުން ފެށިގެން ކޮންމެ 4 މަހަކުން 1 ފަހަރު މި ގެންދަނީ ޢުންޞުރުގެ މުޅިން އައު ޢަދަދެއް ނެރެމުންނެވެ. "ޢުންޞުރު" ގެ މަޤްޞަދަކީ މި އޮފީހުގެ ވިސްނުން ޢާންމުންނަށް ތިލަކޮށްދިނުމެވެ. ޢުންޞުރުގެ 6 ވަނަ ޢަދަދު ނެރޭ ތާރީޚު މިފަހަރު މި ދިމާވީ ރޯދަމަހަކާއެވެ.

ރޯދަ މަހަކީ ދިވެހިންނާއި މުޅި އިސްލާމީ ޢުންމަތް އަޅުކަމުގައި ޝާމިލުވެ އުޅޭ ދުވަސްވަރެކެވެ. ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒަކާތްދިނުމާއި، ޞަދަޤާތް ދިނުންފަދަ އެކި އަޅުކަންތަކުގައެވެ. 

ރޯދަމަހާ ދިމާކޮށް އޮފީސްތަކުގެ މަސައްކަތްތައްވެސް ރޯދަމަހާ ރައްޓެހިކުރެވެއެވެ. އެގޮތުން މަސައްކަތް ކުރާ ވަގުތާއި ކުރާ މަސައްކަތްތަކަށްވެސް ބައެއް ފަހަރު ބަދަލު އާދެއެވެ. މިއަހަރަކީ އަމުދުން ތަފާތު އަހަރެކެވެ. ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ކަނޑައަޅުއްވާފައިވާތީއެވެ.

މި ރޯދަމަހު އެންމެ ޚާއްޞަކަމެއް ދީގެން މި އޮފީހުން ކުރަމުން މިގެންދާ މަސައްކަތަކީ، ކޯޓުތަކަށް ހުށަހެޅި ގިނަދުވަސްވެފައިވާ މައްސަލަތައް މުރާޖަޢާކުރުމުގެ މަސައްކަތެވެ. ކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަޙަތު އޮތްތޯ މިގެންދަނީ އަލުން ބަލައި ވަޒަންކުރަމުންނެވެ. އަލުން ބަލާއިރު، އަދިވެސް ކުރިއަށް ގެންދަންޖެހޭކަމަށް ފެންނަ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް އަވަސްކޮށްދެއްވުން އެދި މިގެންދަނީ ކޯޓުތަކަށް ލިޔަމުންނެވެ. 

ޖިނާއީ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލުމަށްފަހު، އެކަށީގެންވާ އަވަސްމިނެއްގައި އެ މައްސަލައިގައި ގޮތެއް ނިމުމަކީ ދަޢުވާލިބޭ މީހުންގެ ޙައްޤެކެވެ. މީހުންގެ މައްޗަށް ޖިނާއީ ދަޢުވާކުރުމަށްފަހު އެ ދަޢުވާއާމެދު ގޮތެއް ނުނިމި މި ނިޒާމުގެ ތެރޭގައި ދިގު މުއްދަތަކަށް މީހުން ތާށިވެފައި ތިބުމަކީ މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެހެނީ ކުށްކުށުގައި ދަޢުވާލިބޭ މީހުންނަކީވެސް މުޖުތަމަޢުގައި މުހިންމު އެކި ދައުރު އަދާކުރާ މީހުންނެވެ. އެންމެންނަކީ ދާއިމީކޮށް ކުށް ކުރުމުގައި ދެމިތިބޭނެ މީހުންނެއް ނޫނެވެ.

މީގެ އިތުރުން، މިރަމަޟާން މަހު، ކުރިން ނުނިންމި ހުރި ބައެއް މަސައްކަތްތައް ނިންމުމުގެ މަސައްކަތް އެބަކުރަމެވެ. ނުލިޔެވި ހުރި އެސްއޯޕީތައް ފައިނަލްކުރުމާއި، މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމްތަކާއި، އިދާރީ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން ކުރަންވެސް ރަމަޟާން މަހަކީ ވަރަށް ރަނގަޅު މާޙައުލެއް އުފައްދައިދޭ މައްސަރެކެވެ. މިހުރިހާ ކަމަކާއެކު، އަޟްޙާ ޢީދަށްފަހު އަލުން މަސައްކަތް ފަށައިގަންނާނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ އައު ޢަޒުމަކާއި އައު ހިތްވަރަކާއެކުއެވެ.