ފަނޑިޔާރު ޝުޢައިބުގެ އިޚްލާޞްތެރި ޚިދުމަތްޕުޅާއި، އެކު އުޅުމުން ޖެހޭ ލޯބީގެ ވާހަކަ

31 މާރިޗު 2024

ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވަނީ 22 ނޮވެންބަރު 2023 ގައެވެ.

ފަނޑިޔާރު ޝުޢައިބަކީ މި އޮފީހުގެ ވަކީލުންގެ މެދުގައި މަޤުބޫލު އަދި އެންމެންގެ އިޙްތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މި އޮފީހުން ކޮންމެ މަހަކު ކުރިއަށްގެންދާ "އެޕަލް މީޓިންގ" ގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވަތު އެރުއްވީ ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާއަށެވެ.

އެ ބައްދަލުވުމުގައި، ފަނޑިޔާރުގެ ޙަޔާތްޕުޅުން ވަރަށް އަގުހުރި ވާހަކަތަކެއް ޕްރޮސިކިއުޓަރުންނާ ޙިއްޞާކުރެއްވިއެވެ. އެމަނިކުފާނަކީ ފަނޑިޔާރުކަމުގެ ވަޒީފާގައި އިޚްލާސްތެރިކަން އެންމެ އިސްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ޙިއްޞާކުރެއްވީ އިޚްލާސްތެރި ޚިދުމަތް އެގޮތުގައި ދެމެހެއްޓެވުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީތަކުގެ ވާހަކަތަކެވެ. އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ލޯތްބާއެކު ކުރެއްވި ވާހަކައެކެވެ.

އެކުއުޅުމުން ޖެހޭ ލޯބީގެ ވާހަކައެވެ. 

އެމަނިކުފާނުގެ މަސައްކަތްޕުޅުދެކެ ލޯބިފުޅުވާ ވާހަކައެވެ. މަސައްކަތްކުރެއްވި ތަންދެކެ އަދި އެކުގައި މަސައްކަތްކުރެއްވި މުވައްޒަފުންދެކެ ލޯބިފުޅުވާ ވާހަކައެވެ. ފަނޑިޔާރު ޝުޢައިބު ވިދާޅުވާ ގޮތުގައި އިޙްތިރާމާއެކު އެކުގައި އުޅުމަކީ ލޯބިޖެހޭ ކަމެކެވެ.

މި ލިޔުމާއެކު މި ހިމަނަނީ ފަނޑިޔާރު ޝުޢައިބު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކުރެއްވި ޒިޔާރަތަށް ޝުކުރު އަދާކުރައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އެމަނިކުފާނަށް ފޮނުއްވި ސިޓީފުޅެކެވެ.

ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި އަގުހުރި ޚިދުމަތްޕުޅަށާއި، މި އޮފީހުގެ މުވައްޒަފުންނާއެކު ހޭދަކުރެއްވި ވަގުތުކޮޅަށްޓަކައި މި އޮފީހުގެ އެންމެހައި މުވައްޒަފުން ޝުކުރު އަދާކުރައްވައެވެ.