ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތައް ފައިސާއަކަށް ވަނީ ޚިޔާނާތްތެރިވެފަ

31 މާރިޗު 2024

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަކީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 3/2003) ގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާއެކެވެ. އެފް.އޭ.އެމްގެ މައިގަނޑު މަސައްކަތަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، ޙަރަކާތްތައް ހިންގުމެވެ. އެފް.އޭ.އެމްގެ ހުރިހާ ނިންމުންތައް ނިންމައި ހިންގުމާ ހަވާލުވެ ތިބެނީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީއެވެ. 

އެފް.އޭ.އެމް ހިންގަނީ އެފް.އޭ.އެމްއަށް ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާއިންނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގްރާންޓް ފައިސާއާއި، އެފް.އޭ.އެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.

އެފް.އޭ.އެމްއަށް ފީފާއިން ދޭ ފައިސާ އެފް.އޭ.އެމްގެ ރައީސާއި އެފް.އޭ.އެމްގެ މުވައްޒަފުންގެ ޕަރސަނަލް އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާކަމަށް މި އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވިއެވެ. 

މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފް.އޭ.އެމްއަށް އެހީގެ ގޮތުގައި ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 191،208،000.00 (އެއްސަތޭކަ ނުވަދިހަ އެއް މިލިއަން ދެލައްކަ އަށްހާސް ރުފިޔާ) އެވެ.

ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފް.އޭ.އެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތިއެވެ.

އެފް.އޭ.އެމްގެ އެކައުންޓުން އެފް.އޭ.އެމްގެ ރައީސް ގ.ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވެއެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެއެވެ. މާލީ މުޢާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ. 

އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަޙްޤީޤަށް ހޯދިފައިވެއެވެ. މިފަދަ އެއް މުޢާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް 31 ޖަނަވަރީ 2024 ދުވަހު ޚިޔާނާތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

މި މައްސަލައިގެ ތަޙުޤީޤު އަދި ނުނިމެއެވެ. ތަޙުޤީޤު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނަމެވެ. ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެކެވެ. އެ މައްސަލަވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައެވެ.