ހަރުކަށި ފިކުރު ނުރައްކާތެރިވަނީ ކީއްވެ

31 މާރިޗު 2024

"ހަރުކަށި ފިކުރަކީ، ޤާނޫނުއަސާސީގެ ރޫހާއި ޤާނޫނީ ހަމަތަކާއި، ޢާންމު އިޖުތިމާއީ އުޞޫލުތަކަށް ބަހާއި ޢަމަލުން އިންކާރުކޮށް، އެ ކަންކަމާ ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރެވެ." މިއީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހަރުކަށި ފިކުރު މާނަކޮށްފައިވާ ގޮތެވެ. 

ހަރުކަށި ފިކުރުގެ އެންމެ ޢާންމު ވައްތަރަކީ ދީނީ ހަރުކަށި ފިކުރުކަމަށްވީނަމަވެސް ފިކުރީ ހަރުކަށިކަމަކީ ދީނަށް އެކަނި ނިސްބަތް ކުރެވޭ އެއްޗެއް ނޫނެވެ. އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ހަރުކަށި ފިކުރުގެ ޖަމާޢަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.

ހަރުކަށި ފިކުރުގެ މީހުންނަކީ އެމީހުންގެ ހުންނަ އަމިއްލަ ޤަބޫލުކުރުންތަކެއްގެ ސަބަބުން ދިވެހި ދައުލަތަކީ ކުފުރެއްކަމަށްބުނެ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ވަކާލާތުކުރާ މީހުންނެވެ. އެމީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ދައްކަން މަސައްކަތްކޮށް ޠާޣޫތުން ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހުން ކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި އެހެން މީހުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުމަށް އެމީހުން ހިތްވަރުދެއެވެ. ދިވެހި ސަޤާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރެއެވެ. މިއީ ކައުންޓަރު ޓެރަރިޒަމް ސެންޓަރުގެ "ހަރުކަށި ފިކުރު މާނަކުރުން" މި ނަމުގައި ނެރެފައިވާ ކަރުދާހުގައި ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެގޮތް ބަޔާންކޮށްފައިވާ ގޮތެވެ.

ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ) ގައި އޮތް ގޮތުން، ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެގެންވާ ދައުލަތެކެވެ. ދިވެހިރާއްޖޭގައި ޤާނޫނާއި ގަވާއިދު ހަދާފައި ހުންނަނީ މުޖުތަމައުގައި ދިމާވާ އެކި މައްސަލަތަކަށް، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާނެ ގޮތުގެ މަތިން ޙައްލު ހޯދައިދިނުމަށެވެ.

މުޖުތަމައުގައި ދިރިއުޅޭއިރު ފަރުދުންނަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ އެމީހުންގެ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުން ޙިމާޔަތްކޮށްދީފައިވުމެވެ. ހަރުކަށި ފިކުރުގެ މީހުން ޤާނޫނު ބަލައެއް ނުގަނެއެވެ. ނަތީޖާއަކީ، އަނެކާއަށް ޤާނޫނުން ކަށަވަރުކޮށްދޭ ޙައްޤުތައް ލިބޭކަން އެމީހުން ޤަބޫލު ނުކުރުމެވެ. ހަރުކަށި ފިކުރުގެ ސަބަބުން އުފަންވާ ގިނަ ޖިނާއީ ކުށްތައް މީހުން ކުރަނީ އެކަން ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ނޫންކަމެއްކަން އެނގިތިބެމެ، އެއީ ކުރުން ޖާއިޒު ކަމެއްގެ ގޮތުގައި ޤަބޫލުކޮށްގެނެވެ.  

ޢާންމު ޖިނާއީ ކުށްކުރާ މީހުން ކުށް ކުރަނީ އެ ކުރެވެނީ މަނާކަމެއް ކަމުގައި ޤަބޫލުކޮށް، އެކަން އެނގިތިބެއެވެ. އަދި ކުށަށް އަދަބު ދިނުމުގެ ނިޒާމު އެމީހުން ބަލައިގަނެއެވެ.  

ހަރުކަށި ފިކުރު ނުރައްކާވަނީ، މުޖުތަމަޢުގެ އެންމެން ބަލައިގަނެފައިވާ ހަމަތަކާއި އުޞޫލުތައް ކަމުގައިވާ ޤާނޫނު ބަލައިނުގަނެ، އަމިއްލަ ހަމަތަކެއް ގެންގުޅޭ ބަޔަކު، އެމީހުން ޤަބޫލުކުރާ ހަމަތަކާ އެއްގޮތަށް، ބަޔަކަށް ކިތަންމެ ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުމަށްވެސް ފަސް ނުޖެހޭނެތީއެވެ. ހަރުކަށި ފިކުރުގެ ސަބަބުން އުފަންވާ ޖިނާއީ ކުށްތަކަށް ޤާނޫނުގައި ހަރުކަށި އަދަބުތައް ކަނޑައަޅާފައިވަނީ އެ ސަބަބަށްޓަކައެވެ. 

ހަރުކަށި ނުވުމަކީ ދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތައް ދައްކައި ފެތުރުމެއްވެސް ނޫނެވެ. އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތައް ފެތުރުމަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ. ހަމަ އެގޮތަށް މުޖްތަމަޢުގެ ވަކި ބައެއްގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ދީނީ ތަޤްރީރު ކުރުމާއި، ދީނީ ފިތުނައަށް މަގުފަހިވާފަދަ ވާހަކަތައް ދެއްކުމަކީވެސް އެ ޤާނޫނު މަނާކުރާ ކަމެކެވެ. އެފަދަ ޢަމަލެއް ކުރިކަން ސާބިތުވެއްޖެނަމަ ޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ. 

ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދީނީގޮތުން ޚިޔާލު ތަފާތުވުން ހިމެނޭ ކަންކަމުގައި އެންމެ ފަހުބަސް ބުނާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންނެވެ. މާނައަކީ ވަކި ކަމަކީ ދީނީގޮތުން ކުރުން ހުއްދަ ކަމެއްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިނަމަ އެކަން ދީނީގޮތުން ހުއްދަނޫންކަމަށްބުނެ ރައުޔު ފެތުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. 

އިސްލާމްދީނަކީ އެ ޤައުމެއްގައި ޢަމަލުކުރާ ޤާނޫނުތަކާއި ސަޤާފަތްތައް ބަލައިގަންނަ ދީނެކެވެ. ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް އިސްލާމްދީނުގެ އަސްލަކާ ޚިލާފުކަމަށް މީހަކު ޤަބޫލުކުރުމަކީ އެ ޤާނޫނަށް ޢަމަލު ނުކުރުމަށް އޮތް ޙުއްޖަތެއް ނޫނެވެ. އިސްލާމްދީނަކީ މުޖުތަމައުގައި ދިރިއުޅޭ އެންމެހައި ފަރުދުންނަށް އަމާންކަމާއި ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ބަޔާންކުރާ މެދުމިނުގެ ރީތި އިޖުތިމާއީ ނިޒާމެކެވެ. ކަންކަމުގައި ހަރުކަށިވުމަކީ އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފު މަފްހޫމެކެވެ.