ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާއި ނުކުރުން

31 މާރިޗު 2024

ބައެއް މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން މީހުން ބަންދު ނުކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދަވައެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކޮށްވަނީ ކީއްވެކަން އެއީ ޖަވާބުދިނުން ދަތި ސުވާލެކެވެ. އެހެނީ އަސްލަކީ ޙުކުމެއް ކުރުމުގެ ކުރިން ބަންދު ނުކުރުމެވެ. ޝަރީޢަން ނިމެންދެން ބަންދުކުރުމަކީ އިސްތިސްނާ ޙާލަތްތަކެއް ވުޖޫދުވެގެން ވަކި ޚާއްޞަ މިންގަނޑަކުން މިނެކިރުމަށްފަހު ނިންމާ ނިންމުމެކެވެ. 

ޤާނޫނުއަސާސީ ތަޞައްވުރުކުރާ ގޮތުން މީހަކު ބަންދުކުރާންވާނީ ޙުކުމެއްކޮށް މައްސަލަ ސާބިތުވުމުންނެވެ. ނަމަވެސް ވަކި ޚާއްޞަ ޙާލަތްތަކެއްގައި ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް މީހުން ބަންދުގައި ބެހެއްޓެއެވެ. އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ޙާލަތެވެ.

އެފަދަ ޙާލަތެއް ވުޖޫދުވެއްޖެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިތަކުން ސާބިތުވާން އޮންނަންޖެހެއެވެ. މާނައަކީ ކޮންމެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް އޮތްތޯ ވަޒަންކުރަން ޖެހޭނީ އެ މައްސަލައެއްގެ ތުހުމަތުކުރެވޭ މީހެއްގެ ނިސްބަތުން ވަކިންނެވެ. ހެކި ޤަރީނާ ލިބިފައިވާ މިންވަރާއި، ތުހުމަތުކުރެވޭ މީހާ ކުޅަ ޢަމަލާއި، އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދަޢުރާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރަށް ބަލައި އެމީހެއްގެ ނިސްބަތުންނެވެ.

ބައެއް މައްސަލަތަކުގެ ބާވަތުން ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކުރުމަކީ ޢާންމުންގެ ޝަކުވާ މި އޮފީހަށް ރައްދުވާ ކަމެކެވެ. ހަމަ އެ ބީދައިން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީވެސް ޢާންމުންގެ ޝަކުވާ އޮންނަ މައްސަލައެކެވެ. މިކަމުގައި މި އޮފީހުން މި ގެންދަނީ ލިޔެވިފައިވާ ޚާއްޞަ ހަމަތަކެއް ހިފަހައްޓަމުންނެވެ. މަޤްޞަދަކީ ޙުކުމެއް ކުރުމުގެ ކުރިން ކޮންމެހެން ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުބެހެއްޓުމެވެ.

ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބޭތިއްބުމުގެ މައްސަލައަށް އޮތް މައިގަނޑު އަދި ވަށާޖެހޭ ޙައްލަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމެވެ. އެހެނީ ޝަރީޢަތް ނިމެންދެން ކުރެވޭ ބަންދު "ވާނުވާ" ބަންދަކަށްވަނީ ކޯޓުގައި މައްސަލަ ކުރިއަށްގޮސް ނިމޭނެ ގޮތުގެ ތަޞައްވުރެ ބަންދުގައި ހުންނަ މީހާއަށް ދީފައި ނެތީމައެވެ. މައްސަލަތައް އަވަހަށް ނިންމޭނީ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ ރަނގަޅު ވަސީލަތްތައް ލިބިދީގެންނެވެ. އެކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެކެވެ.