ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

26 ސެޕްޓެންބަރު 2023

ދިވެހިރާއްޖޭގައި، ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަންވާނެކަމަށް، ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި އޮވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލާއި އޭނާގެ ޤާނޫނީ މަސައްކަތް އުފަންވީ، މިދެންނެވި ދުސްތޫރީ މާއްދާއިން ބާރު ލިބިގެން، ޤާނޫނުއަސާސީ ތަޞްދީޤުކުރި 7 އޮގަސްޓު 2008 ދުވަހުއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްކުރާނެ ގޮތުގެ ތަފްޞީލްތައް ބަޔާންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި އޮތީ، "މިޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގައި "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި އޮފީހެއް ޤާއިމުކުރަން" ވާނެކަމަށެވެ. ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް ޤާއިމުކުރެވުނީ 2 ސެޕްޓެމްބަރ 2008 ގައެވެ.

 

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އުފެދުމާ ހަމައަށް، (1998 ގެ ޤާނޫނުއަސާސީގައި) މުޅި ޖިނާއީ ޢަދުލުގެ ނިޒާމުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ދަޢުވާ ކުރުމުގެ އިސްމީހަކީ އެޓަރނީ ޖެނެރަލެވެ. އެޓަރނީ ޖެނެރަލަކީ ކެބިނެޓުގައި ހިމެނޭ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށް، ވަކިކުރާ ސިޔާސީ މަޤާމެކެވެ. ފުލުހުންނާއި ސިފައިން އެންމެ އިސް ވެރިއަކީވެސް، ޢަދުލް އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްވެރިއަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއާއެކު، ބާރުތައް ވަކިވެފައިވާ ޖިނާއީ ޢަދުލުގެ ނިޒާމެއް އުފަންވިއެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ ބާރު، ބަންޑާރަ ނައިބުގެ އަތުން ނަގައި، އަލަށް އުފެދުނު ޕްރޮސިކިއުޓަރ ޖެނެރަލާ ޙަވާލުވިއެވެ. ބަންޑާރަ ނައިބަށް އޮތީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމުގެ ބާރެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ އިދާރާއެއް ނޫނެވެ. ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ.  މާނައަކީ މި އޮފީހުން ނިންމާ ނިންމުމަކީ އެހެން އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއް ނެތި ޤާނޫނުތަކާއި ގަވާއިދުތައް ދައްކައިދޭ މަގުން ނިންމާ ނިންމުންތަކެކެވެ. 

ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެއެވެ. އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެއެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ސަރުކާރާ ދެމެދު 2 ގުޅުމެއް ބޭއްވުން ޤާނޫނީ ގޮތުން ހުއްދައެވެ. އެއީ ބަޖެޓާއި މާލީ ކަންކަން ހަމަޖައްސައިދިނުމާއި, ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންޖެހޭ ޢާންމު ސިޔާސަތުތައް ކަނޑައެޅުމެވެ.  

 

ރައްޔިތުންގެ ވޯޓާއެކު، ސަރުކާރެއް އެކުލަވާލަނީ ވަކި ގޮތަކަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން ކަމަށްވާތީ، އެކަންކަން ދައުލަތުގެ ތެރެއިން ޙާޞިލުކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެކެވެ. މިސާލަކަށް، ސަރުކާރުގެ ސިޔާސަތު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހަރުކަށި އުޞޫލަކުން ޢަމަލުކުރުންކަމަށް އޮއްވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ސިޔާސަތު އެނޫން ގޮތަކަށް ބައްޓަންކުރުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ބައްޓަންކުރަންޖެހޭ ޢާންމު ސިޔާސަތުތައް ބަންޑާރަނާއިބު ކަނޑައެޅިނަމަވެސް، އެ ސިޔާސަތު ޤާނޫނަކާ ޚިލާފުވާނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންޖެހޭނީ ޤާނޫނަށެވެ.