އިސްލާމީ ޝަރީޢަތުގައި ވެރިޔަކު އިޚްތިޔާރުކުރުމާއި އިންތިޚާބު ބޭއްވުން

26 ސެޕްޓެންބަރު 2023

އިންތިޚާބަކީ، ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކު ވެރިކަމަށް އެންމެ އެކަށީގެންވާ މީހާ އިޚްތިޔާރުކުރުމަށް ބޭނުންކުރާ ވަސީލަތަކެވެ.

އިސްލާމީ ތާރީޚުގައި ވެރިކަންކުރާ މީހާ ވާންޖެހޭނީ މީސްތަކުންގެ ރުހުން ލިބިފައިވާ އެމީހުން އިޚްތިޔާރުކޮށްފައިވާ މީހަކަށެވެ. މިކަމަށް ވާސިލްވަނީ ޚަލީފާއަށް ބައިޢަތުހިފުމާއި ރުހުން އޮތްކަން އިޢުލާން ކޮށްގެންނެވެ.

އިންތިޚާބަކުން ވެރިކަމަށް މީހަރު އިޚްތިޔާރު ކުރުމަކީ އިސްލާމީ ޝަރީޢަތުގައިވާ އުޞޫލުތައް ނެގެހެއްޓުމާއެކު، މީހުންގެ ރުހުން ލިބިފައިވާ މީހަކު ވެރިޔަކަށް އިޚްތިޔާރު ކުރުމަށް އޮތް މަގެކެވެ.

އިންތިޚާބުތައް ތަޢާރަފުވުމުގެ ކުރިން، ވެރިމީހާ އިޚްތިޔާރުކުރަމުން އައީ، މީސްތަކުންގެ ތެރެއިން ކަމުވޮށިގެންވާ މީހުންނެވެ. އިސްލާމީ ޝަރީޢަތުގައި ވެރިއަކު ޢައްޔަންކުރުމަށް ބާއްވާ އިންތިޚާބުތަކަކީ ދެވޭ ލަފައެކެވެ. ދެވޭ ހެކިބަހެކެވެ. ވެރިން ހޮވުމަކީ ހެކިބަސް ދިނުމާ އެއްފަދަ ކަމަކަށްވާތީއާއި، ހެކިބަސް ދިނުމަކީ އަމާނާތްތެރިކަމާއެކު ކުރަންޖެހޭ ކަމެއްކަމަށް އިސްލާމީ ޝަރީޢަތުގައި އޮތަތީ، ވެރިއަކު ހޮވުމަށް ކުރެވޭ މަސައްކަތަކީ ނަޒާހާތްތެރި މަސައްކަތަކަށްވުން ޝަރުޢީ ގޮތުން ލާޒިމެވެ. 

މި ޒަމާނުގައި މި ބޭއްވޭ އިންތިޚާބާއި، އިސްލާމީ ޝަރީޢަތުގައި ޤާއިމުވެފައިވާ ބައިޢަތު ހިފުމާއި ދާދި އެއްގޮތެވެ. ބައިޢަތުހިފުމާއި، ޒަމާނީ އިންތިޚާބު ބިނާވެފައި އޮންނަނީ ރުހުމާއި އިޚްތިޔާރުގެ މައްޗަށެވެ. މި ދެ ވަޞީލަތުގެ ނަތީޖާ ބިނާވެފައިވަނީ އަޣްލަބިއްޔަތު ރައުޔުގެ މައްޗަށެވެ.

އިންތިޚާބުތަކަކީ ވެރިއަކު ހޮވުމަށް ބޭނުންކުރެވޭ ހުއްދަ ވަސީލަތަކެވެ. މުސްލިމުން އިންތިޚާބު ތަކަށް ކުރިމަތިލައި، ވޯޓުގައި ބައިވެރިވުމަކީ ހުއްދަކަމަކެވެ. އަދި ޚާއްޞަގޮތެއްގައި ޤައުމުގެ ޙާލަތު ދެނެތިބި، ކަމުވޮށިގެންވާ މީހުން އިންތިޚާބުތަކުގައި ބައިވެރިވެ ވޯޓުލުމަކީ އިސްލާމީ ޝަރީޢަތުގައި ބާރުއަޅާ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި އިންތިޚާބު ބިނާވެފައި އޮންނަށްވާނީ އެންމެ ރަނގަޅު މިހާ ހޮވޭނެ ގޮތުގެ މައްޗަށެވެ.

އިންތިޚާބެއްގައި ވާދަކުރުމަށް އެދުމުގެ ޙުކުމް އެކި ޙާލަތްތަކުގައި ތަފާތެވެ.

1-     އެ މީހާ ނޫން އެހެން މީހަކަށް ވެރިކަމުގެ މަޤުޞަދުތައް ޙާސިލްނުކޮށްދެވޭނެ ނަމަ، ވެރިކަމަށް ކުރިމަތިލުމަކީ ވާޖިބެކެވެ.

2-     ވެރިކަމުގައި އޭނާ ޙާސިލުކުރަން ބޭނުންވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުންނަމަ، ވެރިކަމަށް ކުރިމަތިލުމަކީ މުސްތަޙައްބު ކަމެކެވެ.

3-     އެނޫން ޙާލަތްތަކުގައި ވެރިކަމަށް ކުރިމަތިލުމަކީ ހުއްދަ ކަމެއް ނޫނެވެ.

އިސްލާމީ ޝަރީޢަތުގައި އިންތިޚާބުކުރުމާއި ވެރިކަން ހިންގުމަކީ ނުހަނު އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަމާއެކު ކުރަން އޮންނަ ކަމެކެވެ. އިންތިޚާބެއްގައި ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި ދޮގާއި މަކަރާއި އޮޅުވާލުމުން ހިމެނިގެން ނުވާނެއެވެ. ފައިސާ ބަހައި، ވޯޓު ގަނެ ވިއްކައިގެން ނުވާނެއެވެ. އިންތިޚާބެއްގެ ނަތީޖާ އޮޅުވާލައިގެން ނުވާނެއެވެ. މި ކަންކަމަކީ ޤާނޫނީ ގޮތުންވެސް، އިސްލާމީ ޝަރީޢަތުގައިވެސް މަނާ ކަންކަމެވެ.