ސިއްރުން އެތެރެކުރި 11 ކިލޯ ރަނަށް، 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް

26 ސެޕްޓެންބަރު 2023

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ޖިނާއީ ދަޢުވާކުރާ އިދާރާއެކެވެ. މިއޮފީހުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ކުށް ކުރުން ހުއްޓުވުމާއި، ކުށް ކުރުމަށް ދަތިކުރުމުގެ މައްޗަށެވެ. މާލީ ކުށްތަކާ ގުޅިގެން މި އޮފީހުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާލީ ނިޒާމަށް މީހުންގެ އިތުބާރު އިތުރުކުރުމާއި، ކުށްވެރިންނަށް މާލީ އިދާރާތަކުގެ ތެރެއިން ކުށްކުރުމަށް ހުރި މަގުތައް ބަންދުކުރުމެވެ. އެގޮތުން ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރުމުގެ މައްސަލަތަކަކީ އިސްވެ ދެންނެވުނު އުޞޫލުން މި އޮފީހުން ފިޔަވަޅު އަޅަމުންދާ މައްސަލަތަކެކެވެ.

ދިވެހިރާއްޖޭގެ ބޯޑަރުން އެއްވެސް އެއްޗެއް އެތެރެކުރުމުގެ އަދި ބޭރުކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ހުއްދަ ހޯދަން ޖެހެއެވެ. އަމިއްލަ ބޭނުންތަކަށް ގެންނަ މުދަލުގެ އަގު 6000 ރުފިޔާއަށްވުރެ ބޮޑު ނުވާނަމަ، އަދި އެއީ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ވަކި ޚާއްސަ ހުއްދައެއް ބޭނުންނުވާ ނުވަތަ ދިވެހިރާއްޖެ އެތެރެކުރުން މަނާ އެއްޗަކަށް ނުވާނަމަ، އެ އެއްޗެއް ދިވެހިރާއްޖޭގެ ކަސްޓަމްސްއަށް ޑިކްލެއަރ ކުރުމެއް ނެތި އެތެރެކުރުން، މިދެންނެވި އުޞޫލުން އިސްތިސްނާވެއެވެ. 

ނަމަވެސް، އެ ނޫން އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ އެތަކެތި ދިވެހިރާއްޖެ އެތެރެކުރާކަން ހާމަކޮށް، އެކަން ކަސްޓަމްސްއަށް ހުށަހެޅުމުން، ކަސްޓަމްސްއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އެއީ ޑިއުޓީ ދައްކަން ޖެހޭ އެއްޗެއްކަމުގައި ވިޔަސް، ނުވިޔަސް މެއެވެ.

އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖެއަށްވެސް ކަސްޓަމްސްގެ ހުއްދަ ނެތި، އެކި ގޮތްގޮތުން ފޮރުވައިގެން ރަން އެތެރެކުރަން، ކުށްވެރިން މަސައްކަތްކުރެއެވެ. މިގޮތަށް އެތެރެކުރާ ރަން ޢާންމު ގޮތެއްގައި އެތެރެކުރަނީ ހަށިގަނޑުގެ އެތެރޭގައި ނުވަތަ ފޭރާމުގައި އެކި ގޮތްގޮތަށް ފޮރުވައިގެންނެވެ. މިއީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެކެވެ. މި ފަދަ ކުށްކުރާ މީހުން ހޯދައި، އެ މީހުންގެ މައްޗަށް ޖިނާއީ ތަހްޤީޤު ހިންގާނީ ކަސްޓަމްސްއިންނެވެ.  

މިބާވަތުގެ މައްސަލަތަކުގައި މި އޮފީހުގެ ސިޔާސަތަށް ގެނައި ބަދަލަކީ، އެމީހާ އަތުން ފެނުނު ރަނަކީ ކުށުގެ ވެށިން ނެގުނު، ކުށްކުރުމަށް ބޭނުންކުރި އެއްޗެއްކަމަށް ބަލައި، އެ ރަން ދައުލަތަށް ނަގައި، އެމީހާގެ މައްޗަށް ޖިނާއީ ދައުވާކުރުމެވެ. 

މިދާއިރާގައި ކަސްޓަމްސްއިން ކުރެއްވި ކާމިޔާބު މަސައްކަތުން މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ރަން އެތެރެކުރި ގިނަ މީހުން އަތުލައިގަނެ، ކާމިޔާބުކަމާއެކު އެ ހުރިހާ މައްސަލަތަކެއްގައި ޖިނާއީ ދަޢުވާކޮށް، ސިއްރުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ރަން ދައުލަތަށް ނަގާފައިވާނެއެވެ.

މި އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވެ ދިޔަ އަހަރެއްހައި ދުވަހު، ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެކުރި މައްސަލަތަކުގައި ދައުލަތަށް 10.99 (ދިހައެއް ޕޮއިންޓް ނުވައެއް ނުވައެއް) ކިލޯގެ ރަން ލިބިފައިވެއެވެ. ދުނިޔޭގެ މާކެޓްގައި ރަނުގެ އަގަށް ބަލާއިރު، ޢާންމު ގޮތެއްގައި އުޅެނީ، ކިލޯއެއް 60،000$ (ފަސްދޮޅަސް ހާސް އެމެރިކާ ޑޮލަރު) އާއި 70،000$ (ހަތްދިހަ ހާސް އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަގެއްގައެވެ. މާނައަކީ، މިދިޔަ އަހަރެއްހައި ދުވަހު، ސިޔާސަތަށް ގެނައި ބަދަލާއެކު، ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނަގައިގެން، ދައުލަތަށް ނެގި ރަނުގެ އަގުގެ ގޮތުން، މަދުވެގެން 659،000$ (ހަ ލައްކަ ފަންސާސް ނުވަހާސް އެމެރިކާ ޑޮލަރު) ނުވަތަ 10،167،948ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ ސާޅީސް އަށް ދިވެހި ރުފިޔާ) ދައުލަތަށް ލިބިފައިވެއެވެ.