ފަނޑިޔާރު ދީބާނާޒް ފަހުމީ – ޕީޖީ އޮފީހުގެ އިސް އެއް މުއައްސިސް

26 ސެޕްޓެންބަރު 2023

ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެވެ. ކްރިމިނަލް ކޯޓަށް ޢައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ. އަދި މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެކެވެ. "ޢުންޞުރު" ގެ މި ލިޔުން މި ޚާއްޞަކުރަނީ ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީގެ ވާހަކައަށެވެ. ފަނޑިޔާރު ދީބާނާޒްގެ އާދަޔާ ޚިލާފު ޚިދުމަތަށެވެ. 

 

ފަނޑިޔާރު ދީބާނާޒް ފަހުމީ, ޤާނޫނީ ދާއިރާއިން އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލްކުރައްވަން ފެއްޓެވީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުންނެވެ. ފަނޑިޔާރު ދީބާނާޒްއަކީ އެ ކޮލެޖުގެ އެޑްވާންސްޑް ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ކޯހުގައި ބައިވެރިވި ދިހަ ދަރިވަރުންގެ ތެރެއިން ފާސްވި ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ. އެއީ މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ހިންގާ ޤާނޫނީ ދާއިރާގެ ކޯސްތަކުގެ ފެށުމެވެ. ފަނޑިޔާރު ދީބާނާޒް  ވެވަޑައިގަތީ އެ ކޯހުގެ ފުރަތަމަ ބެޗްގެ ގްރޭޖުއޭޓަކަށެވެ.

 

ފަނޑިޔާރު ދީބާނާޒް ފަހުމީ އެންމެ ފުރަތަމަ ދައުލަތުގެ ވަޒީފާއަކަށް އަދާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލިމެންޓަރީ އޮފިސަރުކަމެވެ. އެއަށްފަހު ބަންޑާރަނައިބުގެ އޮފީހުގެ ސެކެއްޓަރީ ކަން ކުރެއްވިއެވެ. ފަނޑިޔާރު ދީބާނާޒް "ޢުންޞުރު" ގެ ލިޔުންތެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ބަންޑާރަނާއިބުގެ އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ، ބަންޑާރަނާއިބުގެ އޮފީހުގައި  ފަނޑިޔާރު ދީބާނާޒް  މަސައްކަތް ނުކުރައްވާ ސެކްޝަނެއް ނުހުންނާނެކަމަށެވެ.  ފަނޑިޔާރު ދީބާނާޒް  ވިދާޅުވީ އޮފީހުގެ ވަކި މަސައްކަތަށް ޚާއްޞަވެވަޑައިނުގެން މުޅި އޮފީހުގެ ހުރިހާ މަސައްކަތެއް ކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމަކީ މަސައްކަތުގެ ޙަޔާތުގައި ކުރެއްވުނު މުހިންމު ތަޖުރިބާއެއްކަމަށެވެ.

 

2007 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންވެސް ފަނޑިޔާރު ދީބާނާޒް ޚިދުމަތް ކުރެއްވީ ބަންޑާރަނާއިބުގެ އޮފީހަށެވެ. އެސިސްޓެންޓް ސްޓޭޓް އެޓާރނީއެއްގެ ގޮތުގައެވެ. ދައުލަތުގެ ވަކީލެއްގެ ޙައިޞިއްޔަތުން ކޯޓުގައި ވަކާލާތުކުރެއްވުމާއި، ދައުލަތުގެ އެކި ކަންކަމުގައި ޤާނޫނީ ލަފާދެއްވުމުގެ މަސައްކަތުގެ އިތުރުން، މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުއަސާސީ ފަރުމާ ކުރުމުގައި ދައުލަތަށް ޤާނޫނީ ލަފާ ދިނުމަށް އެކުލަވާލެވުނު ކޮމިޓީގައިވެސް ފަނޑިޔާރު ދީބާނާޒް ހިމެނިވަޑައިގަތެވެ. އެ ކޮމިޓީގެ މަސައްކަތަކަށްވީ ޤާނޫނުއަސާސީގެ މާއްދާތައް ޑްރާފްޓް ކުރަމުން އަދި ފާސްކުރަމުންދާ ވަރަކަށް އެ މާއްދާތަކާ ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމެވެ. އަދި, މުޅި ޤާނޫނުއަސާސީ އެއްކޮށް ޑްރާފްޓްކޮށް ނިމުމުން, މުޅި ޤާނޫނުއަސާސީ އަލުން ރިވިއު ކުރުމަށްފަހު ޤާނޫނީ ލަފާ ތައްޔާރު ކުރުމެވެ. ޤާނޫނުއަސާސީ ތަސްދީޤުކުރުމާމެދު އޭރުގެ ބަންޑާރަނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލަފާ ބިނާވެފައިވަނީ މި މަސަކަތުގެ މައްޗަށެވެ.

 

07 އޯގަސްޓް 2008 ވީ ބުރާސްފަތި ދުވަހު ތަސްދީޤު ކުރެވުނު "ފެހި" ޤާނޫނުއަސާސީއާއެކު މިނިވަން މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް ގާއިމު ކުރެވުނެވެ. އެއާއެކު ބަންޑާރަނާއިބުގެ އޮފީހުގެ ކުޑައިގެ ދަށުން ކުރަމުންއައި ޖިނާއީ ދަޢުވާތަކާ ބެހޭ މަސައްކަތްތައް އެހެން އޮފީހަކަށް ބަދަލުކުރެވުނެވެ. އެ މަސައްކަތަށް ބަންޑާރަނާއިބުގެ އޮފީހުގެ ބައެއް މުވައްޒަފުން ބަދަލުކުރެވުނުއިރު ފަނޑިޔާރު ދީބާނާޒް ފަހުމީ އެދިވަޑައިގަތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވެވަޑައިގަންނަވާށެވެ.

 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިބްތިދާއީ ދުވަސްތައް ސިފަކޮށްދެއްވަމުން ފަނޑިޔާރު ދީބާނާޒް ވިދާޅުވީ، އޮފީސް އުފެދުމާއެކު ލިބިވަޑައިގެންނެވީ އެއް ކޮޓަރި އާއި "މިނިސްޓަރު ފެންވަރުގެ" މޭޒަކާއި ސޯފާއެއް ކަމަށެވެ. އަދި އޮފީހުގެ މަސައްކަތް ފަށައިގަނެވުނީ އޭގެ ހަފްތާއެއްހާ ދުވަސްފަހުން ކުރީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް ބިލްޑިންގގެ އެންމެ މަތީ ފަންގިފިލާގައި ބަންޑާރަނައިބުގެ އޮފީހުންދިން ސާމާނާއެކު ކަމަށެވެ.

 

ފަނޑިޔާރު ދީބާނާޒް ފަހުމީ ޕީޖީ އޮފީހާ އެންމެ ފުރަތަމަ ގުޅުނު މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެން، މި އޮފީސް އޮފީހެއް ގޮތުގައި ހިނގައިގަތުމުގެ އެންމެ އަސާސީ ކަންކަން ފުރިހަމަކުރެއްވުމުގައި ގިނަމަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ޕީޖީ އޮފީހަށް ގަންނަންޖެހޭ ތަކެތި ގަނެ، ނަންބޯޑު ހަދައި، އޮފީހުގެ އޮނިގަނޑު އެކުލަވާލައި، އޮފީހުގެ ފުރަތަމަ ބަޖެޓު ހޯދުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ޕީޖީ އޮފީހުން މިހާރު އަމަލުން ކުރަމުން އަންނަ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ އޮނިގަނޑު ރޭވުމުގައިވެސް ފަނޑިޔާރު ދީބާނާޒް މަސައްކަތް ކުރެއްވިއެވެ.

 

ފަނޑިޔާރު ދީބާނާޒް ވިދާޅުވާ ގޮތުގައި، ޕީޖީ އޮފީހުގެ ހިންގުން ބިނާކުރުމުގައި އަސާސެއް ކަމުގައި ބެލެވުނީ ޑރ. މުޙައްމަދު މުނައްވަރުގެ ބަންޑާރަނައިބު ކަމުގައި، އެ އޮފީހުގައި ޢަމަލުކުރަމުންދިޔަ ޖަވާބުދާރީ ކުރުވުމުގެ ނިޒާމެވެ. މިއަދުވެސް ޕީޖީ އޮފީސް ހިންގަމުން ދަނީ، ޒަމާނީ ބަދަލުތަކާއެކު އެ ނިޒާމުގެ އަސާސްތަކުގެ މަތީގައެވެ.

 

ޕީޖީ އޮފީހުގައި ވެރިންގެ ފެންވަރުގައި މަސައްކަތް ފެއްޓެވި ނަމަވެސް، މަޤާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވިއެވެ. އެގޮތުން މަރުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ވިލަރެސް ކުރައްވައި، ރިމާކްސް ދެއްވުމުގެ އިތުރުން, ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގައި ވަކާލާތު ކުރެއްވިއެވެ. 2008 ގެ ޤާނޫނުއަސާސީގެ ދަށުން އިޢުތިރާފަށް ބަރޯސާވެ ޖިނާއީ މައްސަލަތައް ނިންމުމުގެ ނިޒާމުން ދުރުވެ، ހެކި ޤަރީނާއަށް ބިނާކޮށް ނިންމުންތައް ނިންމަން ފެށިފަހުން ނިމުނު ފުރަތަމަ މަރުގެ މައްސަލަކަމަށްވާ "ލަގްޒަރީ މަރު" މައްސަލާގައި ފެށިގެން ނިމެންދެން ވަކާލާތުކުރެއްވިއެވެ. އެ މައްސަލަ ދައުލަތަށް ކާމިޔާބުވެސް ކޮށްދެއްވިއެވެ. ފަނޑިޔާރު ދީބާނާޒް ވަކާލާތުކުރެއްވި ބައެއް މައްސަލަތަކުގައި ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތައް މިހާރުވެސް ޤާނޫނީ ނިޒާމުގައި ބޭނުންކުރެއެވެ.

 

2013 ވަނަ އަހަރު އިސްތިއުފާ ދެއްވި އިރު ފަނޑިޔާރު ދީބާނާޒް ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައެވެ. ފަނޑިޔާރު ދީބާނާޒް  މަޤާމާ ހަވާލުވެވަޑައިގަތް ދުވަސްވަރަކީ ޤައުމުގައި ހަލަބޮލިކަން ބޮޑު ދުވަސްވަރެއްކަމުން، މަޤާމުގެ ޒިންމާ އަދާ ކުރެއްވުމުގައި ހިތި އަދި ފޮނި ތަޖުރިބާތަކެއް ކުރެވުނުކަމަށް ވިދާޅުވިއެވެ. އަދި އެ އުނދަގޫ ދަނޑިވަޅުގައި އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒާއެކު މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމުން ގިނަ ފިލާވަޅުތަކެއް ދަސްވެވަޑައިގެން ކަމަށްވެސް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.

 

އިސްތިއުފާ ދެއްވުމަށްފަހުވެސް ޤާނޫނީ ދާއިރާގައި ދެމިހުންނެވިއެވެ. ޕްރައިވެޓް ޕްރެކްޓިސްގައެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ސިންގަޕޫރު ގޮފީގައި ލީގަލް ކައުންސެލްއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 2020 ވަނަ އަހަރު ފަނޑިޔާރު ދީބާނާޒް ވެވަޑައިގަތީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް އައްޔަންކުރެވުނު އެންމެ ފުރަތަމަ އަންހެން ފަނޑިޔާރަށެވެ. މިއަދު ފަނޑިޔާރު ދީބާނާޒް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބެންޗުގައި އިންނަވާ އިރު، ފަނޑިޔާރުކަމުގައި ކުރެވިފައިވާ ތަޖުރިބާގެ މިންވަރެއްވެސް "ޢުންޞުރު" އާ ޙިއްޞާކުރެއްވިއެވެ.

 

އެގޮތުން ބައެއް ޤާނޫނީ ވަކީލުން މައްސަލައަށް ތައްޔާރުނުވެ  ވަޑައިގަތުމާއި، ފަރުވާކުޑަކުރުމަކީ ދެރަވެ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ މިއަދު ރާއްޖޭގައި ދެވޭ ޤާނޫނީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކޮށްގެން ޙައްލު ކުރެވިދާނެ ކަމެއްކަމަށް ފަނޑިޔާރު ދީބާނާޒް ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން އެކަށީގެންވާ ވަސީލަތް ގާއިމުވެފައި ނެތުމުގެ ސަބަބުން ކޯޓުތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް، އަސާސީ ގިނަ ލިޔުންތަކެއް ލޮގްފޮތުގައި ލިޔެގެންނާއި އެއްފަހަރާ އެތައް މުވައްޒަފަކު ބަލަހައްޓާ އެކްސެލް ޝީޓް ބޭނުންކޮށްގެން ބަލަހައްޓަމުންދާކަން ފާހަގަކުރައްވަމުން، ފަނޑިޔާރު ދީބާނާޒް ވިދާޅުވީ ފަނޑިޔާރުގޭގެ ބުރަހެލިކަން ބަދަލުކޮށް ދައުލަތުގެ އެހެންއިދާރާތަކާ ފައިހަމަ ކުރެވޭނީ، ދައުލަތުގެ އެހެން ބާރުތަކާ އެއްފަދައިން ފަނޑިޔާރުގޭގެ މަސައްކަތަށް އެކަށީގެންވާ ވަސީލަތް ލިބިގެންކަމަށެވެ.

 

އެންމެ ފަހު ކަމެއް ގޮތުގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ހަނދާން އައުކުރެއްވީ ފަނޑިޔާރު ދީބާނާޒް ގެ ބައްޕާފުޅު ދެއްވި ނަސޭހަތްޕުޅެކެވެ. އެއީ ފަނޑިޔާރަކު މައްސަލައެއް ނިންމާ އިރު އަބަދުވެސް ރުހޭ މީހާކާ ނުރުހޭ މީހެއް ހުންނާނެ ކަމަށާއި، ދެ މީހުން ނުރުއްސޭނެ ކަމަށާއި، ރުއްސަން އުޅެގެންވެސް ނުވާނެ ކަމަށެވެ.

 

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮށްދެއްވާފައިވާ އަގު ނުކުރެވޭފަދަ ޚިދުމަތުގެ އަގު ވަޒަންކުރާޙާލު، ފަނޑިޔާރު ދީބާނާޒް އަށް ފާގަތި ކުރިމަގަކަށް އެދެމެވެ.