ޕީޖީ އޮފީސް ހިނގާގޮތް – ދެވަނަ ރަޢުޔުގެ ނިޒާމު

26 ސެޕްޓެންބަރު 2023

ޖިނާއީ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި އެއްގޮތް އުޞޫލުތަކެއް ހިފަހައްޓައި, ހަރުދަނާ, ނަޒާހާތްތެރި އަދި ދެފުއްފެންނަ ގޮތުގައި އެ މަސައްކަތްކުރުމަށްޓަކައި މި އޮފީސް އުފެދުނީއްސުރެ ހިފަހައްޓަމުން ގެންދާ ހަމަތަކެއް ހުރެއެވެ. 

އޭގެ ތެރެއިން އެންމެ މުހިންމު އެއް ހަމައަކީ ޖިނާއީ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރުން އަޅާ ކޮންމެ ފިޔަވަޅެއް ފައިނަލް ވުމުގެ ކުރިން އިތުރު ރަޢުޔެއް ހޯދުމެވެ. މާނައަކީ އެކަކަށް އެކަނި ފެންނަ ގޮތަށް މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމެވެ. 

ޖިނާއީ މައްސަލަތަކުގެ ކުޑަ ބޮޑު މިނާއި ބާވަތަށް ބަލައި، ކޮންމެ މައްސަލައެއްވެސް ކޮންމެވެސް ޔުނިޓެއްގެ އިޙްތިޞާޞް ތެރެއަށް ފެތޭގޮތަށް މި އޮފީހުގައި ޔުނިޓްތަކެއް ޤާއިމުކޮށްފައިވާނެއެވެ.

ކޮންމެ ޔުނިޓެއްގައި ހިމެނެނީ އެ ޔުނިޓުގައި އެ ވަގުތަކު މަސައްކަތްކުރާ ޕްރޮސިކިއުޓަރުންގެ އިތުރުން، ޔުނިޓު ހެޑުންނާއި، ޔުނިޓުގެ އޯވަރއޯލް އިންޗާޖެކެވެ.

މަދުވެގެން އަހަރަކު އެއްފަހަރު ޔުނިޓުތަކަށް ކަނޑައަޅާފައިވާ ޕްރޮސިކިއުޓަރުންނާއ ޔުނިޓު ހެޑުން އަލުން ބަހާލައި ޔުނިޓުތައް އެކުލަވާލެވެއެވެ.

ކޮންމެ ޔުނިޓެއްގައިވެސް އެއް ޔުނިޓް ހެޑަށްވުރެ ގިނަ ޔުނިޓު ހެޑުން ތިބޭނެއެވެ. އަދި އޯވަރއޯލް އިންޗާރޗެއް ހުންނަވާނެއެވެ. ކޮންމެ ޔުނިޓެއްގެ އޯވަރއޯލް އިންޗާރޖްއަކީ ނުވަތަ އިސް ވިލަރެސްވެރިޔަކީ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެކެވެ.

ޕްރޮސިކިއުޓަރ މައްސަލަ ދިރާސާކުރުމަށްފަހު، އެ ޕްރޮސިކިއުޓަރަކަށް ފެންނަ ފިޔަވަޅެއް އެޅުމަށްފަހު، އެ ޕްރޮސިކިއުޓަރަކަށް ކަނޑައެޅިފައިވާ ޔުނިޓު ހެޑުގެ ރިމާރކްސްއަށް ފޮނުވެއެވެ. ޕްރޮސިކިއުޓަރ އެޅި ފިޔަވަޅާމެދު ޔުނިޓު ހެޑް އެއްބަސްވާނަމަ، އެ ފިޔަވަޅު ޔުނިޓުގެ އޯވަރއޯލް އިންޗާރޖްގެ އެޕްރޫވަލްއަށް ފޮނުވެއެވެ. އެއްވެސް ފިޔަވަޅެއް ފައިނަލްވާނީ އެ ހުރިހާ ލެވަލްތަކުން ޕްރޮސިކިއުޓަރ އެޅި ފިޔަވަޅަށް އެއްބަސްވެވޭނަމައެވެ.

ޕްރޮސިކިއުޓަރާއި ޔުނިޓު ހެޑުންނާ ދެމެދު ދެބަސްވުމެއް އޮތްނަމަ، ދެބަސްވާ ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްއާ މަޝްވަރާކުރެވި، ދެފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަވައެވެ.

މިއީ މި އޮފީހުން މައްސަލަތަކާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް ފައިނަލް ވުމުގެ ކުރިން ފުރިހަމަވާންޖެހޭ ކަންކަމެވެ. އޭގެ ތެރޭގައި މައްސަލައެއްގައި ދަޢުވާކުރުމަށް ނިންމިޔަސް، ނުކުރުމަށް ނިންމިޔަސް، ނުވަތަ މީހަކު ފޮނުވި ސިޓީއަކަށް ޖަވާބުދިނަސް މި ހުރިހާ މަރުޙަލާތަކުގައި މަޝްވަރާކުރެވޭނެއެވެ. މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ މިނޫން ގޮތަކަށް މިކަން ނުކުރެވޭ ގޮތަށެވެ.

މި އޮފީހުން ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމި ސަބަބާއެކު ރެކޯޑު ކުރެވޭނެއެވެ. އަދި އެ ނިންމުމާ ދެބަސްވާ މީހުން ދެބަސްވާކަންވެސް ސަބަބާއެކު ލިޔަންޖެހެއެވެ.

މިގޮތަށް ޢަމަލުކުރުމުން މި އޮފީހުގެ މަސައްކަތަކީ ޖަވާބުދާރީ ކުރުވަނިވި ނިޒާމަކުން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރެވެއެވެ. އަދި މަސައްކަތް ނަޒާހާތްތެރިކަން ހިފެހެއްޓެއެވެ. އެއްގޮތް މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ އެއްގޮތްކަން ހިފެހެއްޓެއެވެ.

މި ނިޒާމު ތަރުތީބުކޮށްފައިވާގޮތުން ކޮރަޕްޝަނަށް ފުރުޞަތު ނޯންނާނެއެވެ. އެހެނީ އެކަކު އެކަނި ނިންމާ ނިންމުމެއް މި އޮފީހުގައި ނޯންނާނެތީއެވެ. އަދި ވަކި މުއްދަތަކުން ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް އެކި ގޮތްގޮތަށް ބަދަލުކުރެވޭތީއެވެ.

 މި އޮފީހަކީ ފެށުނީއްސުރެވެސް މަޝްވަރާގެ އުޞޫލުން ކަންކަން ނިންމާ އޮފީހެކެވެ. ޕްރޮސިކިއުޝަންގެ މަސައްކަތް ހިންގުން ބައްޓަންކޮށްފައިވަނީވެސް މަޝްވަރާކޮށްގެން ނޫނީ ކަންކަން ނުނިންމޭނެ ގޮތަށެވެ.