ހައްޔަރު ނުކުރަންވީ ކީއްވެ؟

26 ސެޕްޓެންބަރު 2023

ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން، އެ މީހަކު ވަގުތުން ވަގުތަށް ހައްޔަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ މީހުން އުޅެއެވެ. ވަކި މީހަކު ވަކި ކުށެއް ކުރިކަމަށް ތުހުމަތުވެގެން، އަޑުފެތެރޭ ހިސާބުން އެ މީހަކު ހައްޔަރުކޮށް، ބަންދުކުރުމަށް ޢާންމުން ގޮވައި އަޑުއުފުލާ މަންޒަރު ފެނެއެވެ. ވީމާ، ހައްޔަރުކުރުމާއި ބަންދުކުރުމުގެ ތަފާތަކީ ކޮބައިކަމާއި، އެކަމުން ނިކުންނަ ނަތީޖާ ސާފުވެފައި އޮތުމަކީ ބޭނުންތެރި ކަމެއްކަމަށް ފެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޓ) ގައި "ހައްޔަރުކުރުން" މާނަކޮށްދީފައިވަނީ، މީހެއްގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، ޤާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް އެމީހަކު ގެނައުމަށެވެ. އެ މާއްދާގެ (ޔ) ގައި "ބަންދުކުރުން" މާނަކޮށްދީފައިވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޙާލަތަށެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައިކަމަށް މި މާއްދާގައި އޮވެއެވެ. އެހެންކަމުން ކޮންމެ ބަންދަކީ ހައްޔަރެކެވެ. ނަމަވެސް ކޮންމެ ހައްޔަރަކީ ބަންދެއް ނޫނެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުން ދެގޮތުންކުރެ ގޮތެއް ވެއެވެ. ފުރަތަމަ ގޮތަކީ، އެ މީހަކު 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެ މީހެއްގެ ބަންދާމެދު ގޮތް ނިންމަން ޖެހުމެވެ. ދެވަނަ ގޮތަކީ، ބަންދާމެދު ގޮތެއް ނިންމަށް ފަނޑިޔާރެއް ކުރިމައްޗަށް ޙާޟިރުނުކޮށް 24 ގަޑިއިރު ތެރޭގައި ހައްޔަރުން ދޫކޮށްލުމެވެ. 

ޖިނާއީ ތުހުމަތެއްގައި މީހަކު ހައްޔަރުކޮށް، ކިތަންމެ ކުރު މުއްދަތަކަށް ނަމަވެސް ބަންދުކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއް ފުރިހަމަވާނަމަވެއެވެ. ހަމައެކަނި ކުށެއްގެ ތުހުމަތުކުރެވުމަކީ މީހަކު ހައްޔަރުކޮށް ބަންދުކުރެވޭނެ ސަބަބެއް ނޫނެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު  ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ.

އެހެންކަމުން މައްސަލައިގައި ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ނުކުރެވޭނެ ކަމެކެވެ. ޖިނާއީ ކޮންމެ ކުށެއްގެ ތުހުމަތުކުރެވޭ އިރަށް އެމީހަކު ހައްޔަރުކުރަންޖެހޭކަމަށް ނުވަތަ ބަންދުކުރަންޖެހޭކަމަށް ދެކުމަކީ ޤާނޫނީ ގޮތުން ޞައްޙަ ދެކުމެއް ނޫނެވެ. އެހެނީ މީހަކު ކުށެއް ކޮށްފިކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު އޭނާއަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެތީއެވެ. މިއީ އެންމެންގެ ޙައްޤެކެވެ. އިސްވެ ދެންނެވުނު އިސްތިސްނާ ޙާލަތެއް ވުޖޫދު ނުވާނަމަ ޤާނޫނީގޮތުން އެންމެ ޞައްޙަ ގޮތަކީ ހައްޔަރު ނުކޮށް ތަޙުޤީޤު ކުރިއަށްގެންދިއުމެވެ.

ބަންދުކުރި މީހާގެ މައްޗަށް ހުށަހެޅޭ މައްސަލައިގައި، އެމީހާގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުވެއްޖެނަމަ، އޭނާ ތަންދީޛުކުރަންޖެހޭ ޖަލު ޙުކުމުގެ މުއްދަތުން އޭނާ އެ މައްސަލައިގެ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރެވެއެވެ. ނަމަވެސް ޙުކުމް ކުރުމުގެ ކުރިން ބަންދުގައި މީހަކު ބެހެއްޓުމަށްފަހު، އޭނާގެ މައްޗަށް އެ ދަޢުވާ ސާބިތު ނުވެއްޖެނަމަ، އޭގެ ބަދަލު ދެވޭނެ ހަމައެއް ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ނެތެވެ. އެހެންކަމުން ވަރަށް އާދަޔާ ޚިލާފު ޙާލަތްތަކުގައި މެނުވީ، ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބޭތިއްބުމަކީ މި އޮފީހުގެ ސިޔާސަތެއް ނޫނެވެ.

ކޯޓުގައި މައްސަލައެއް ހިނގާ މީހަކު ހައްޔަރުނުކޮށް ހުންނަ ހުރުމަކީ، އޭނާގެ މައްޗަށް އެ މައްސަލައެއްގައި ކަނޑައެޅޭ އަދަބަށް ދެވޭ ލުޔެއްނޫނެވެ. އޭނާގެ މައްޗަށް އުފުލޭ ދަޢުވާއެއް ސާބިތުވާ ހާލަތުގައި އެ މީހެއްގެ މައްޗަށް އެ ކުށެއްގެ ފުރިހަމަ އަދަބު ކަނޑައެޅޭނެއެވެ.