ކުލަބު 220 – ފުޓްސަލް ކުޅުމުގައި އާދަޔާ ޚިލާފު މޮޅު ޓީމެއް

26 ސެޕްޓެންބަރު 2023

ކުލަބު 220 އަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، މުނިފޫހިފިލުވުމާއި، އަދި އިޖްތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމުގެ ގޮތުން، 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ކުލަބުގެ މެންބަރަކަށް ވެވެނީ ހަމައެކަނި ޕީޖީ އޮފީހުގެ މުވައްޒަފުންނަށެވެ. ކުލަބް އުފެދުނު ފަހުން، އެކިއެކި މުއައްސަސާތަކުން ހިންގާފައިވާ އިޖްތިމާޢީ، އަދަބީ، އަދި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ކްލަބް 220 ޚާއްޞަވަނީ، މިކްލަބުގައި އޮތް، ރާއްޖޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ، މީހުން ޖެހިލުންވާ ވަރުގެ ވަރުގަދަ ފުޓުބޯޅަ ޓީމަކާއި ބަހުސް ޓީމެއްގެ ސަބަބުންނެވެ. ވަރުގަދަ ބަހުސް ޓީމެއް އޮތުމަކީ، މިއޮފީހުގެ މަސައްކަތުގެ ގޮތުން ޠަބީޢީ ކަމެކެވެ. ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބޭއްވި ބަހުސް މުބާރާތްތަކުން މިއޮފީހުގެ ކުލަބުންނާއި ވަކިވަކި މުވައްޒަފުން ތަކުރާރުކޮށް، ރަންވަނަތައް ހޯދާފައިވެއެވެ. އަދި 2019 ވަނަ އަހަރު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން މި އޮފީހުގެ ބަހުސް ޓީމު 1 ވަނަ ހޯދާފައިވެއެވެ. އެއީވެސް ޠަބީޢީ ކަމެކެވެ. ނަމަވެސް، ފުޓުބޯޅަ ޓީމަކީވެސް ވަކި ދޫކޮށްލެވޭ ވަރުގެ ޓީމެއް ނޫނެވެ.

 

އެކި އިދާރާތަކުން ބާއްވާ ފުޓުސަލް މުބާރާތްތަކުގައި "ކުލަބު 220"  ގެ ފުޓުސަލް ޓީމު ވާދަކޮށް، ބޮޑެތި ކާމިޔާބީތައް ހޯދާފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަން ގުޅިގެން، މިނިވަން މުއައްސަސާތަކުގެ މެދުގައި ބޭއްވި "މިނިވަން ކަޕް" ގައިވެސް ކުލަބު ބައިވެރިވެފައިވެއެވެ. އެމުބާރާތުގެ ސެމީ ފައިނަލުން ކެޓީއެވެ. އޭޖީ އޮފީހުގެ ބަންޑާރަ ކުލަބުން ބާއްވާ ބަންޑާރަ ކަޕްގައި، މިހާތަނަށް ބޭއްވި ދެ މުބާރާތުގައިވެސް، ވަރަށް ފުރިހަމަ ރަނަރަޕްގެ މަޤާމް ހޯދާފައިވެއެވެ. މީގެ އިތުރުން، ދާދިފަހުން، ކުލަބު މޯލްޑިވްސްއިން ބޭއްވި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ކްލަސިކް ބައިންވެސް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށްފައިވެއެވެ. އެމުބާރާތުގައިވެސް ފައިނަލް މެޗުން ވީ ބައްޔެވެ. އެ ތިން މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދީ، މަސައްކަތުގެ ގޮތުން މިއޮފީހާ ޚާއްޞަ، ގާތް ގުޅުމެއް އޮންނަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓީމުންނެވެ. އެޓީމަކީ، ރާއްޖޭގެ ހުރިހާ ކޯޓެއްގައި ތިބި ކުޅުންތެރިންގެ ތެރެއިން ހޮވާލައިގެން ހަދާފައިވާ ވަރަށް ވަރުގަދަ، ކުލަބު 220 ޓީމަށްވުރެ މާ މޮޅު ޓީމެކެވެ. ކުލަބު މޯލްޑިވްސް ކްލަސިކް 2023 ގައި، ފެއަރޕްލޭ ޓީމުގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި، ކުލަބުގެ 2 ކުޅުންތެރިން ހިމެނެއެވެ. އެއީ، ޕީޖީ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު ސާމިޙުއާއި، މެއިންޓެނެންސް އޮފިސަރ ޢަލީ އިކުރާމެވެ. އަޙްމަދު ސާމިޙުއަކީ، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.

 

ފުޓްސަލް ޓީމުގެ އާދަޔާ ޚިލާފު އިއްތިފާޤަކީ، އެއްވެސް މުބާރާތެއްގައި، ޑީޖޭއޭގެ ޓީމު ފިޔަވައި، އެހެން ޓީމެއްގެ އަތުން މިއޮފީހުގެ ޓީމު ބަލިވެފައިނުވާކަމެވެ. މިއިންވެސް، އެނގެނީ، ޖުޑީޝަރީގެ ކޮމްބައިންޑް ޓީމަކީ މާ މޮޅު ޓީމެއްކަމެވެ. ދެވަނަ އިއްތިފާޤަކީ އިއްތިފާޤެއް ނޫނެވެ. ބޮޑު ކާމިޔާބީއެކެވެ. އެއީ، ކުޅުނު ހުރިހާ މުބާރާތެއްގެ ފެއަރޕްލޭ ޓީމުގެ މަޤާމު، ކުލަބު 220 ޓީމުން ހޯދަމުން، އެމަޤާމު ދިފާޢުކުރަމުން އަންނަ ކަމެވެ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް، އެންމެ ރަނގަޅަށް ކުޅޭ ކުލަބުގެ ޝަރަފު، މެދުނުކެނޑި 4 އަހަރު، ބައިވެރިވި ހުރިހާ މުބާރާތެއްގައި ހޯދުމަކީ ފާހަގަކުރަންޖެހޭ ބޮޑު ކާމިޔާބެކެވެ.