ޢުންޞުރުގެ 9 ވަނަ ޢަދަދު

13 އޮގަސްޓް 2026

01

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" އިފްތިތާޙްކުރުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެވެ.  

ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.  ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި، މި އޮފީހުގެ އައު ވެބްސައިޓު pgo.mv ލޯންޗުކޮށްފައިވެއެވެ.  އަދި މި އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ. 

މީގެ އިތުރުން ޤާނޫނު ނަންބަރު: 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކަޑަމީން ލިޔެ ޝާއިޢުކޮށްފައިވާ ފޮތް، "އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރެފައިވެއެވެ. މި ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ. 

02

"އެވިޑެންސް - އަ ޕްރެކްޓިޝަނަރސް ގައިޑް" ފޮތް ނެރުން

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު

މި އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާާޙްކުރުމަށް 11 އޮގަސްޓު 2026 ގައި ބާސެލޯ، ނަސަންދްރަގައި ބޭއްވި ޙަފްލާގައި މި ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދެވެ. މި އޮފީހުގެ ޕްރޮސިކިއުޓަރުންނާއި، ބޭރުގެ ހެއްކާބެހޭ އެކްސްޕާރޓުންގެ އެހީތެރިކަމާއެކު، މި ފޮތް ލިޔުމުގެ މަސައްކަތް އިސްކޮށް ވިލަރެސްކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ. މި ފޮތުގައި ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކޮށް، ތަޠުބީޤުކުރާނެ ގޮތާއި، މިނިވަން ދީމިޤްރާތީ ޤައުމުތުގައި ޢަމަލުކުރާ ހެއްކާބެހޭ އުޞޫލުތަކަށް ތަފްޞީލުކޮށް އަލިއަޅުވާލާފައިވެއެވެ. 

03

ޝަރުޠުތަކާއެކު ދިރާސާކުރެވޭ ލިޔުންތައް މި އޮފީހުގައި ބެލުމުގެ އިންތިޒާމު ހަމަޖެއްސުން

އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު އީދާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2026/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު) ޤަޟިއްޔާގެ ނިންމުމުގައި، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި، ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

04

ޤިޞާޞް ހިފޭ ކުށެއް ސާބިތުކުރުމަށް ވަކި އަދަދެއް ނުވަތަ ވަކި ބާވަތެއްގެ ހެކި ބޭނުންވޭތޯ؟

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ޝަހުމާ

ކ. ކާށިދޫ، ކެތި، އާދަމް ޙަލީމްގެ މަރުގެ މައްސަލައިގައި ކ. ކާށިދޫ ސުވާސާގެ މުޙައްމަދު ސަމާޙު މެރުމަށް، 02 އެޕްރީލް 2026 ވީ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޤާނޫނީ ބޮޑު ބަހުސަކަށްފަހުއެވެ. މަރުގެ އަދަބު ދެވިދާނެތޯ މި މައްސަލައިގައި ބަހުސް އުފެދުނީ، ޖަނަވަރީ 2023 ގައި ޢަމަލުކުރަންފެށި ހެއްކާބެހޭ ޤާނޫނުގެ 140 ވަނަ މާއްދާގެ (ނ) ގައި، ޤިޞާޞް އަދި ހައްދުގެ ކުށްތައް (ޒިނޭ ފިޔަވައި) ސާބިތުކުރެވޭނީ މަދުވެގެން ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފުންކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

05

ކުންފުނީގެ ވަކި ޤާނޫނީ ޝަޙުޞިއްޔަތާއި ފަރުދީ ޒިންމާ

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް ޢަބްދުﷲ ޖިހާދު

ކުންފުންޏަކީ އަމިއްލައަށް ޢަމަލުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކަށް ނުވާތީ، ކުންފުނި ހިންގަނީ އިންސާނުން މެދުވެރިކޮށެވެ. ކުންފުނީގެ ޤާނޫނީ ޝަޚުޞިއްޔަތަކީ ވިޔަފާރިއަށް ދީފައިވާ އިމްތިޔާޒަކަށް ވީނަމަވެސް، މަކަރާއި ހީލަތް ހެދުމަށް ނުވަތަ ޣައިރުޤާނޫނީ ކަންކަމުގައި ކުންފުނީގެ ނިވަލުގައި ތިބެގެން ޢަމަލުކުރާނަމަ، ޤާނޫނުން އެކަން ހުއްޓުވައެވެ. މި ގޮތުން ކުންފުނީގެ ބޭރުފުށުގެ ސިފަ ނުވަތަ ޤާނޫނީ ބިތުފަންގި ނަގައި، އޭގެ ފަހަތުގައި ތިބި މީހުން ޒިންމާދާރު ކުރުވުމަށް [ކުންފުނީގެ ފަރުދާ ކަޝްފުކުރުން] (Piercing the corporate veil) އޭ ކިޔެއެވެ.

06

މާލީ ކުށްތަކުގައި ބަދަލު ހޯދައިދޭން ދޭ އިސްކަން

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު މުނާ ޝަމީމް

މާލީ ކުށްތަކަކީ އޮޅުވާލުމާއި، މަކަރާއި ޙީލަތް ނުވަތަ ނުޙައްޤު ނުފޫޒު ބޭނުންކޮށްގެން ކުށްކުރި މީހާއަށް ނާޖާއިޒު މާލީ މަންފާއެއް ލިބޭ ގޮތަށް ނުވަތަ އެހެން މީހެއްގެ ފައިސާއާއި، މުދަލުގެ ޙައްގެއް ގެއްލޭގޮތަށް ކުރާ ކުށްތަކެވެ. މީގެ ތެރޭގައި ޚިޔާނާތާއި، މަނީ ލޯންޑްރިންގ އާއި، ޓެކްސްއަށް މަކަރު ހެދުމާއި، ކޮރަޕްޝަނާއި، ރިޝްވަތުގެ ކުށްތައް ހިމެނެއެވެ. މިއީ އަމިއްލަ ފަރުދުންނަށާއި ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި، މުޅި އިޤްތިޞާދީ ނިޒާމަށް އޭގެ ނުރައްކާ ކުރިމަތިކުރުވާ ކުށްތަކެކެވެ. މި ފަދަ ކުށްތައް ކުރާ މީހުންގެ މައިގަނޑު ބޭނުމަކަށްވެފައި އޮންނަނީ ނުޙައްޤު ގޮތުގައި މުއްސަނދިކަމާއި ތަނަވަސްކަން ހޯދައިގަތުމެވެ. އެހެން ނަމަވެސް، މި ފަދަ ކުށްތަކުގެ ސަބަބުން ދައުލަތަށާއި އާންމުންނަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ދައުލަތުގެ މާލިއްޔަތުން އެތަކެއް ފައިސާއެއް އިސްރާފުވެގެން ދާއިރު، ޢާންމު ފަރުދެއްނަމަ، މާލީ ފުން އަނދަވަޅަކަށް ވެއްޓި، އަހަރުތަކަކަށް ދިގުދެމިގެންދާ ނަފްސާނީ ވޭނެއްގައި އުޅެންޖެހެއެވެ.

07

މަރުގެ ޙުކުމް ނިހާއީކަން ކަށަވަރުކުރުން – ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަދުޙަމް މުޙައްމަދު

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ނައުޝާދު

އާންމު ޖިނާއީ ކުށްތައް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑެވެ. ނަމަވެސް، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުންނެވެ. އެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފު ތިން މަރުޙަލާ ފުރިހަމަކުރުމަށްފަހުގައެވެ. ދަށު ކޯޓަކުން ޖިނާއީ ކުށެއްގެ އަދަބެއްގެ ގޮތުން މީހަކު މެރުމަށް ޙުކުމްކޮށްފިނަމަ، އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި މި އޮފީހުން އެ މައްސަލައެއް މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށަހެޅުން ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (އ) އިން ލާޒިމުކުރެއެވެ.

08

ކުޑަކުދިން ކުށަށް ހުށަހެޅޭ މިންވަރު މަދުކުރުމަށްޓަކައި ކޮށައިދިން ފުރަތަމަ މަގު

ޕަބްލިކް ޕްރޮސިކިއުޓަރ އުލްއުސްތާޛާ އަލްމާސް މުބާރިކް

ކުޑަކުދިންނަކީ ޤައުމެއްގެ މުސްތަޤުބަލެވެ. ހެޔޮ މުޖުތަމަޢައެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު އެއް މަސައްކަތަކީ ރަނގަޅު ޖީލެއް ބިނާކުރުމެވެ. ކުޑަކުދިން ހެދި ބޮޑުވަމުން އަންނަ އިރު އެކުދިންގެ ވިސްނުމާއި، ޚިޔާލާއި، ފިކުރާއި، ޢަމަލުތައް ބައްޓަންވެގެންދާނީ އެކުއްޖާ ތަޖުރިބާ ކުރާ ކަންކަމުގެ މައްޗަށެވެ. ދިރިއުޅޭ މާހައުލުންނާއި، ތަޢުލީމް ހާސިލްކުރަންދާ ތަންތަނުންނާއި، މުޖުތަމަޢުންނާއި، އިންޓަރނެޓުން ދަސްވާ ކަންކަމަކީ ކުއްޖާގެ ވިސްނުން ތަރައްޤީވުމުގައި ކޮންމެވެސް ހިއްސާއެއް އަދާކުރާނެ ކަންކަމެވެ. ޢަމަލުތައް ތަރުތީބުވާނީ އެކުއްޖެއްގެ ހުރި ވިސްނުމެއްގެ މައްޗަށެވެ. ކުދިން ހެދި ބޮޑުވަމުން އަންނަ އިރު، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ރީތި ނަމޫނާއެއް ދައްކައިދޭން ޖެހެނީ މި ސަބަބަށްޓަކައެވެ. އެހެންނަމަވެސް ވިސްނާލުން މުހިންމު ކަމަކީ، ކޮންމެ ކުއްޖަކީ މި ނަޞީބު ލިބިގެންވާނެ ކުއްޖެއް ނޫންކަމެވެ.

09

ގެވެށި އަނިޔާ ރިޕޯޓްކުރުން މުހިންމުވާ ސަބަބު

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް ނަޝީދު ޢަބްދުالله

ގެވެށި އަނިޔާގެ ގިނަ ހާދިސާތަކެއް ދެމިއޮންނަނީ "މިއީ ހަމައެކަނި މިފަހަރު ވީކަމެއް" ކަމަށް ގަބޫލުކުރެވޭ ނުރައްކާތެރި ގަބޫލުކުރުމެއްގެ މައްޗަށެވެ. އަނިޔާ ލިބޭ ގިނަ ފަރާތްތަކުން އުއްމީދުކުރަނީ އަނިޔާ ހުއްޓޭނެ ކަމަށެވެ. އަނިޔާކުރާ މީހާ އިސްލާހުވާނެ ކަމަށެވެ. ނަމަވެސް، ތަޖުރިބާ އާއި ޖިނާއީ އަދި ޢާއިލީ ޢަދުލުގެ ނިޒާމުގެ ދާއިރާގެ ދިރާސާތަކުން ދައްކާ ހިތްދަތި ހަގީގަތަކީ، ރިޕޯޓް ނުކުރެވި ހުންނަ އަނިޔާތައް ތަކުރާރުވުމާއި އޭގެ ނުރައްކާތެރިކަން އިތުރުވުމުގެ ފުރުސަތު ބޮޑުކަމެވެ