ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

16 ޖޫން 2023

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ މައްޗަށް އުފެދިފައިވާ ބޮޑު ޤައުމެކެވެ. ރާއްޖޭގެ ރަށްތައް ތަރުތީބުވެފައިވާ ގޮތުން، ދައުލަތުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތަކެއް ހުރެއެވެ. ދަތިތައް އެބަހުރިމެއެވެ. ނަމަވެސް، އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. ރަށްތައް ބެހިފައިވާ ގޮތުން، ވަޞީލަތްތައް ބަހާލައިގެން، މާ ހިތްގައިމު މާޙައުލެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ފުރުޞަތުތައްވެސް އިންތިހާއަށް ގިނައެވެ.

ޕީޖީ އޮފީހުގެ ލިޔުންތައް އާކައިވްކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ޤާނޫނީ ސަބަބުތަކެއްވެސް ހުރެއެވެ. ދާދިފަހުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ހިމެނޭ މީހަކު، އަނބުރާ ޖަލަށް ގެނައިއިރު، އޭނާގެ މައްސަލައިގެ އަޞްލު ލިޔުންތައް، އެމައްސަލަ ކޯޓުގައި ހިނގިތާ ވިހި އަހަރަށްވުރެ ގިނަ ދުވަސް ފަހުން ކޯޓަށް ހުށަހަޅަން ޖެހުނެއެވެ. އެކަން އެގޮތަށް ކުރެވުނީ، ޕީޖީ އޮފީހުން ވަކި ތަރުތީބަކުން އާކައިވްސް ބަލަހައްޓަމުންދާތީއެވެ. މިކަން މިހާތަނަށް ކުރަމުން އައީ، މާލޭގައި ތަފާތު 3 ގުދަނެއްގައި، ކަރުދާސްތައް ގުދަން ކޮށްގެނެވެ.

އާކައިވްސް މަސައްކަތް މާލޭގައި ކުރާންޖެހޭ ޚާއްޞަ ސަބަބެއް ނެތެވެ. ރާއްޖޭގައި ދަތުރުފަތުރާއި އިންޓަރނެޓް ތަރައްޤީވެފައިވާ ގޮތުން، ކޮންމެ ރަށަކަށްވެސް ދާދި ފަސޭހައިން ދަތުރުކުރެވެއެވެ. ޚާއްޞަކޮށް، އެއައޕޯޓު އޮތް، ބޮޑެތި އާބާދީތަކެވެ. މިވިސްނުމުގައި، ޕީޖީ އޮފީހުގެ މަރުކަޒީ އާކައިވްސް، ލާމަރުކަޒީ އުޞޫލުން ފުވައްމުލަކު ސިޓީއަށް މިހާރު ވަނީ ބަދަލު ކުރެވިފައެވެ.

މިބަދަލާއެކު، އާކައިވްސްގެ މަސައްކަތް ކުރާނީ ފުވައްމުލަކު ސިޓީގައި ތިބޭ، އެރަށަށް ނިސްބަތްވާ، ފަންނީ ގޮތުންނާއި ޕްރޮފެޝަނަލްގޮތުން މޮޅު މުވައްޒަފުންނެވެ. ރާއްޖޭގެ ހުރިހާ ދިމާއަކުންވެސް، މައްސަލަތަކުގެ ލިޔުންތައް ނިމޭ ވަރަކުން، ފުވައްމުލަކަށް ފޮނުވަމުން ދާނީއެވެ. އެރަށުގައި ތިބޭ މުވައްޒަފުން، އެމައްސަލަތައް އާކައިވްކުރަމުންދާނެއެވެ. ލިޔުންތަކުގެ އަޞްލު ހުންނާނީ ފުވައްމުލަކުގައެވެ. ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ ޒަރީޢާއިން، އެމައްސަލަތަކުގެ ލިޔުންތައް، އިލެކްޓްރޯނިކްކޮށް، ރާއްޖޭގެ ކޮންމެ ދިމާލެއްގައި ހުރި މީހަކަށްވެސް ބަލައިލެވޭނެއެވެ. މާލޭގައި ގުދަންތަކެއް ކުއްޔަށް ހިފައިގެން އުޅޭކަށް ނުޖެހޭނެއެވެ.

މުވައްޒަފުން މަސައްކަތްކުރާނީ، ޢާއިލާއާ ގާތުގައި، ފުވައްމުލަކުގެ އަމާން، މަޑުމައިތިރި، ފެހި މާޙައުލުގައެވެ. ފުރިހަމަ މާނައިގައި ލާމަރުކަޒީ އުޞޫލުންނެވެ.