ޗެކް ބައުންސްވުމުން ޖިނާއީ ދަޢުވާކުރާނެތަ؟

16 ޖޫން 2023

ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މަދަނީ މުޢާމަލާތްތަކުގައި ދޫކުރާ ޗެކެއް ބައުންސްވެއްޖެނަމަ، އެއީ މަކަރާއި ޙީލަތުގެ ޢަމަލެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ.

ޗެކް ބައުންސް މައްސަލަތަކަކީ އޭގެ ޠަބީޢަތުގައި މަދަނީ މައްސަލަތަކެކެވެ. ޢާންމު އުޞޫލަކީ މަދަނީ ކަންކަމުގައި ޖިނާއީ ދަޢުވާ ނުކުރުމެވެ. ވަރަށް ޚާއްޞަ، އާދަޔާ ޚިލާފު ޙާލަތްތަކުގައި މެނުވީއެވެ.

އެހެންކަމުން، ޗެކް ބައުންސްވުމަކީ ޤާނޫނުލްޢުޤޫބާތުގައި ތަޖުރީމު ކޮށްފައިވާ ކުށެއް ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދަޢުވާކުރުމުގައި ޚާއްޞަ އުޞޫލެއް މި އޮފީހުން އެކުލަވާލައި މިދަނީ ޢަމަލުކުރަމުންނެވެ.

ޤާނޫނު ޤަބޫލުކުރާ ގޮތުގައި ޗެކް ބައުންސް ވުމަކީ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މި އޮފީހުގެ ސިޔާސަތަކީ އެ މުޢާމަލާތުގައި މަކަރާއި ޙީލަތް ހެދުމުގެ ޢަމަލެއް ނުވަތަ އޮޅުވާލުމުގެ ޢަމަލެއް ނުހިމެނޭނަމަ، ޗެކް ބައުންސްވި ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދަޢުވާ ނުކުރުމެވެ. އެއީ މަދަނީ ފަރުވާ ހޯދުމުގެ މަގުވެސް ފަހިވެފައި އޮންނާނެތީއެވެ.