އިންތިޚާބުތަކާ ގުޅިގެން އުފަންވާ ޖިނާއީ ކުށްތައް

16 ޖޫން 2023

ވޯޓު ލުމުގެ ޙައްޤަކީ ޤާނޫނުއަސާސީ ތަޞައްވުރު ކުރާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ހިނގުމާ ގުޅުންހުރި އެންމެ އަސާސީ އެއް ޙައްޤެވެ. ވޯޓު ލުމުގެ ޙައްޤުގެ އެންމެ އަސާސީ ކަމަކީ އެ މީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް، ނުފޫޒެއް ނެތި ވޯޓުލުމުގެ ފުރުޞަތު ފަހިވެފައި އޮތުމެވެ. މިއީ އެންމެންގެ ޙައްޤެކެވެ. މި ޙައްޤުގެ މައްޗަށް ސިޔާސީ ނުވަތަ އިޤްތިޞާދީ ނުފޫޒުތައް ކުރިމަތިކުރުވުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

އިންތިޚާބުތަކަކީ މިނިވަން، އިންސާފުވެރި، ހާމަކަމާއެކު ހިންގޭ އިންތިޚާބުތަކަކަށް ހެދުމަށްޓަކައި ޤާނޫނުގައި މިކަން ކުރާނެގޮތުގައި އިޖުރާއަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އިންތިޚާބީ ޝަކުވާތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި، އިންތިޚާބީ ކުށްތައް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. ކުށުގެ ކުޑަ ބޮޑުމިނަށްބަލައި ޖިނާއީ ތަޙުޤީޤު ހިންގައި، ޖަލު އަދަބު ކަނޑައެޅުމުގެ ފުރުޞަތުވެސް އޮވެއެވެ.

ރިޔާސީ އިންތިޚާބުގެ މި ދަނޑިވަޅުގައި، ޤާނޫނުގައި ކަނޑައަޅުއްވާފައިވާ އިންތިޚާބީ ކުށްތަކާމެދު ސަމާލުވާންޖެހެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނުގައި އިންތިޚާބީ ކުށްތަކާއި އަދަބު ބަޔާންކޮށްފައިވެއެވެ. ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި ޖިނާއީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ.

އޭގެ ތެރޭގައި އިންތިޚާބުގެ އޮފިޝަލުންނާއި، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ކުރާ ކުށްތައްވެސް ހިމެނެއެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ ލިޔުމެއް ނައްތާލުމާއި، އިހުމާލުވުމާއި، ވޯޓް ކަރުދާސް ވިއްކުމާއި، ވޯޓް ފޮއްޓާއި، ވޯޓު ކަރުދާހުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާފަދަ ކަމެއް ކުރުމާއި، ވޯޓު އޮޅުވާލުންފަދަ ކަމެއް ކޮށްފިނަމަ 3 އަހަރާއި 8 އަހަރާ ދެމެދުގެ ޖަލު އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ. 

އަދި ޢާންމުންނާއި ސިޔާސީ ޕާޓީތަކާއި، ކެނޑިޑޭޓުންނަށްވެސް ކުރުން މަނާ، އަދި ޖިނާއީ ކުށްކަމުގައި ބަޔާންކުރާ ކަންތައްތަކެއް ޤާނޫނުގައިވެއެވެ.

އޭގެތެރޭގައި އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދެއްކުމާއި، އެއްފަހަރަށްވުރެ ގިނަ ފަހަރު ވޯޓް ލުމާއި، އެއްވެސް މީހަކު ވޯޓު ދިނުމަށް ދަތިކުރުމާއި، އިލެކްޝަންސް ކޮމިޝަން ފިޔަވައި އިތުރު ބަޔަކު ވޯޓް ކަރުދާސް އުފެއްދުން، ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓް ލާ މީހާއަށް ނުވަތަ އޭނާ މަސްލަޙަތު ރައްކާތެރިކުރަން ޖެހިފައިވާ މީހަކަށް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން ހިމެނެއެވެ. 

އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނަށް ޚަރަދުކުރެވޭނެ އެންމެ މަތީ މިންވަރުކަމަށް ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ކެނޑިޑޭޓަކު ކުރިމަތިލާ އިންތިޚާބީ ދާއިރާއެއްގައި ވޯޓް ލުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ ޢަދަދެވެ. 

މި ޢަދަދަށްވުރެ އިތުރަށް ޚަރަދުކުރުމަކީވެސް ޤާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

ޤާނޫނުގައި މިކަންކަން ކުށް ކަމުގައި ކަނޑައެޅުމުގެ މަޤްޞަދަކީ އިންތިޚާބުތަކުގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހާމަކަން ކަށަވަރުކުރުމެވެ. އިންތިޚާބުތަކުގައި ވާދަކުރާ މީހުންނާއި، ވޯޓް ލާ މިހުންން މިކަންކަމަށް ސަމާލުވާންޖެހެއެވެ.