ތަފާސްހިސާބަށް ބަރޯސާވެ ނިންމުންތައް ނިންމުން

16 ޖޫން 2023

“ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ “އާމަހި” (ޢާންމުކުރާ މަޢުލޫމާތާއި ހިސާބު) ވެބްސައިޓަކީ، ތަފާސްހިސާބު އެއްކޮށް، އެއްތަނަކުން މުހިންމު މަޢުލޫމާތު ލިބެންހުންނާނޭ ވެބްސައިޓެކެވެ. މީގެ ބޭނުމަކީ، ކުށުގެ ޓްރެންޑުތައް ދެނެގަނެ، އެ ކަންކަމަށް ތައްޔާރުވުމެވެ. އަދަދުތަކަށް ބަލައިގެން ސިޔާސަތު ބައްޓަންކުރުމެވެ. 

ތަފާސްހިސާބު އެއްކުރުމަކީ މަޢުލޫމާތުގެ މައްޗަށް ބަރޯސާވާ ހަރުދަނާ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ތަފާސްހިސާބަށް ބަލައި ކުށުގެ ޓްރެންޑުތައް ދެނެގަނެވެއެވެ. ކުށްކުރާ އަދަދާއި ވަގުތުތައް ދެނެގަނެވުމުން އެ ކަންކަމަށް ތައްޔާރުވާން ވަގުތު ލިބެއެވެ. ކުރީގައި ކުށް ހިނގާފައިވާ ގޮތަށް ބަލައި، މުސްތަޤުބަލުގައި ހިނގާނޭ ކަމަށް ބެލެވޭ ކުށުގެ އަދަދާއި ބާވަތަތްތައް އަންދާޒާ ކުރެވުމުން، އެ ކަންކަން ހުއްޓުވަން ކުރީބައިގައި ފިޔަވަޅުއަޅަން ފުރުޞަތުލިބި، ކުށްކުރުން މަދުކުރެވެއެވެ. ކުށެއް ކޮށްފިނަމަ، އެކަމަށް ފިޔަވަޅު އަޅަން ބޭނުންވާ ވަޞީލަތްތައް ތައްޔާރަށް ހުންނާނެކަން ކަށަވަރު ކުރެވެއެވެ.

ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ “އާމަހި” (ޢާންމުކުރާ މަޢުލޫމާތާއި ހިސާބު) ވެބްސައިޓަކީ މި ބޭނުމުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި ބާވަތާއި، އެމައްސަލަތައް ނިމުނު ގޮތާއި، މި އޮފީހުގެ މަސައްކަތްތައް ނަންބަރުތަކުން މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ތަފާސްހިސާބުގެ އަލީގައި ސިޔާސަތު ބައްޓަންކުރާނަމަ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ތަރުތީބުކުރެވޭނީ އެކަމުގެ ބޭނުން އޮތް މިންވަރަށް ބަލައިގެންނެވެ. އެގޮތުން އެންމެ ގިނައިން މި ބާވަތުގެ ކުށްކުރާ ސަރަހައްދުތަކުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގިދާނެއެވެ. އެ ސަރަޙައްދުތަކުގައި ފުލުހުންގެ ޢަދަދު އިތުރުކުރެވިދާނެއެވެ. އަދި ސަރަޙައްދީ ކުށުގެ ޓްރެންޑަށް ބަލައި އެ ސަރަޙައްދުތަކުގައި ޤާއިމުވެތިބޭ ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުންނަށް ޚާއްޞަ ތަންރީނު ޕްރޮގްރާމްތައްވެސް ހިންގިދާނެއެވެ.

ނަންބަރުތަކަށް ބަލައި ސިޔާސަތު ކަނޑައެޅުމުން ނެރެވޭ ނަތީޖާ މާ ފޮނިވާނެއެވެ. ނިންމުންތައް ނިންމަންވީ ނަންބަރަށް ރިޢާޔަތްކޮށެވެ. ކުށް މަދުކުރުމަކީ އެންމެންގެ މަސްލަޙަތު ހުރި ގޮތެވެ.